ޔުއެފާ ޗެމްޕިއަންސް ލީގުގައި މިމަހުގެ 21 ވަނަ ދުވަހު އިނގިރޭސިވިލާތުގެ މެންޗަސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެން ނޭމާ ހުރީ ތައްޔާރަށް ކަމަށް ފްރާންސްގެ ޕީއެސްޖީގެ ކޯޗް ތޯމަސް ޓުޗެލް ބުނެފިއެވެ.

ފްރެންޗް ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ނީމް އަތުން ފަސޭހަކަމާއެކު މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ޓުޗެލް ބުނީ ނީމްއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާއަށް އަރާމުކުރަން ވަގުތު ދިނީ ވޯލްޑްކަޕް ކޮލިފިކޭޝަންގެ މެޗުތަކުގައި ނޭމާ ވަރަށް ރަނގަޅަށް ކުޅެ، ވަރަށް ބުރަކޮށް ފަރިތަކުރުންތަކުގައި އުޅެފައިވުމުން ޔުނައިޓެޑު ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުމުގެ ކުރިން އަރާމުކުރުމަށް ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ޔުނައިޓެޑާއި ދެކޮޅަށް ކުޅުމަށް ނޭމާ ހުރީ ވަރަށް ފިޓުކޮށް ކަމަށާއި މެޗަށް ނޭމާ ހުރީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށްވެސް ޓުޗެލް ވަނީ ބުނެފައެވެ. އަދި މި ނިންމުން ނިންމީ ނޭމާއާވެސް ވާހަކަދެއްކުމަށް ފަހު ކަމަށްވެސް ބުންޏެވެ.

ނީމްގެ ދަނޑުގައި ކުޅެ 4-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗުގައި އެޓީމުގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ދެއްކި މޮޅު ކުޅުމަށް ތައުރީފުކުރަމުން ޓުޗެލް ބުނީ ނޭމާ އެކޭ އެއްފަދައިން އެމްބާޕޭވެސް ނޭޝަންސް ލީގުގައި މެޗުތަކެއް ކުޅެ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި ނީމް އާ ދެކޮޅަށް ކުޅެން އެމްބާޕޭއަށް ފުރުސަތު ދިނީ އޭނާއާވެސް ވާހަކަދެއްކުމަށްފަހު ކަމަށެވެ. އަދި ނޭމާއެކޭ އެއްފަދައިން އެމްބާޕޭއަށްވެސް މެޗުގައި ނުކުޅެން ފުރުސަތު އޮތް ކަމަށާއި މެޗުގައި އޭނާ ކުޅެން ނިންމީ ދެފަރާތުން ވާހަކަދެއްކުމަށް ފަހު ކަމަށެވެ. މި މެޗުގައި އެމްބާޕޭ ވަނީ ޕީއެސްޖީއަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

އިންޓަނޭޝަނަލް ބްރޭކަށްފަހު ފްރެންޗް ލީގުގައި ކުޅުނު މި މެޗުގައި ނީމްގެ ލޮއިކް ލަންޑްރޭއަށް ރެފްރީ މެޗުގެ ވަރަށް ކުރީކޮޅު ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެން، އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ލަންޑްރޭއަށް ރަތް ކާޑު ދެއްކީ ޕީއެސްޖީގެ ރަފީނިއާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މުޅި މެޗުގައިވެސް ރަނގަޅު ކުޅުމެއް ދައްކާ މެޗު ޑޮމިނޭޓްކުރި ޕީއެސްޖީން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައެވެ. ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ޕީއެސްޖީއަށް ލީޑު ނަގައިދިނީ އެމްބާޕޭއެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފް މެޗުގެ ކޮންޓްރޯލް ނަގާ ޕީއެސްޖީން ނުރައްކާތެރި ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރިއެވެ. މެޗުގައި ޕީއެސްޖީއަށް އިތުރު ލަނޑެއް ކާމިޔާބުކުރީ މެޗުގެ 77 ވަނަ މިނެޓުގައެވެ. ޕަބްލޯ ސަރާބިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕީއެސްޖީގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލެސަންދްރޯ ފްލޮރެންޒީއެވެ.

މެޗުގެ 83 ވަނަ މިނެޓުގައި އަނެއްކާވެސް ސަރާބިއާގެ އެހީއާއެކު ޕީއެސްޖީގެ ތިންވަނަ ލަނޑު އެމްބާޕޭ ކާމިޔާބުކޮށްދިން އިރު އެ ޓީމުން މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ މެޗުގައި މޮޅު ކުޅުމެއް ދައްކާ، ގޯލް ޖަހާނެ ދެ ފުރުސަތެއް ތަނަވަސްކޮށްދިން ސްޕެއިންގެ މިޑްފީލްޑަރު ޕަބްލޯ ސަރާބިއާއެވެ.

މި ނަތީޖާއާއެކު ކުޅުނު ހަތް މެޗުން 15 ޕޮއިންޓް ހޯދައިގެން ޕީއެސްޖީ ވަނީ ފްރެންޗް ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނައިގައި އޮތް ރެނެސް އަށް ހަތް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު ފީއެސްޖީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.