އިންޓަނޭޝަނަލް ބްރޭކަށްފަހު ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލަށް ތާވަލުގެ އެއްވަނައިގައި އޮތް އެވަޓަން އަތުން މޮޅެއް ނުލިބުނެވެ.

އެވަޓަންގެ ދަނޑު ކަމށްވާ ގުޑިންސަން ޕާކް ދަނޑުގައި ކުޅުނު މިމެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މެޗުގައި މެޗުގެ ކުރީކޮޅު ލިވަޕޫލުން ވަނީ ރަނގަޅު ކުޅުމެއް ދައްކާާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޮވިޑް-19 އަށް ފައްސިވެ ކުޅުމާ ދުރުގައި ހުރުމަށްފަހު މި މެޗުގައި ކުޅުނު އިތުބާރު ފޯވާޑް ސާޑިއޯ މާނޭއެވެ. މީ އެންޑީ ރޮބަޓްސަން ތަނަވަސްކޮށްދިން ފުރުސަތަކުން މާނޭ ކާމިޔާބުކުރި ލަނޑެކެވެ.

ލީިޑުގައި އޮތް ލިވަޕޫލަށް މެޗުގައި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 11 ވަނަ މިނެޓުގައި އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކަަށް ލިބުނު އަނިޔާއަކާއި ގުޅިގެން މެޗުން ވަކިވާން ޖެހުމުންނެވެ. އޭގެ އަށް މިނެޓު ފަހުން މެޗުގެ 19 ވަނަ މިނެޓުގައި އެވަޓަންއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ހަމޭސް ރޮޑްރިގޭޒް ނަގާދިން ކޯނަރަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މައިކަލް ކީން އެވެ.

މި ދެ ލަނޑަށްފަހު ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުންވެސް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލަމުން ދިޔައެވެ. އެގޮތުން މެޗުގެ 35 ވަނަ މިނެޓުގައި ލިވަޕޫލްގެ އެންޑްރޫ ރޮބާޓްސަން އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން މާނޭއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބުންނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

ލިވަޕޫލްގެ ހެންޑަސަން އަށްވެސް ވަނީ ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މީގެއިތުރުން އެވަޓަންގެ ހަމޭސް ރޮޑްރިގޭޒްއަށް އާއި ރިޗާލިސަން ވެސް ނުރައްކާތެރި ދެ ހަމަލާއެއް ތަނަވަސްކުރި ނަމަވެސް ގޯލްގެ ތެރެއަށް ބޯޅަ ވައްދާލެވިފައެއް ނުވެއެވެ.

މެޗުގައި ގިނަ ހަމަލާތަކެއް ފެންނަމުން ދިޔަ ނަމަވެސް އިތުރު ލަނޑެއް ފެނުނީ މެޗުގެ 72 ވަނަ މިނެޓުގައެވެ. އެވަޓަންގެ ޑިފެންޑަރު ޔެރީ މިނާ ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ހެދުނު ގޯހެއްގެ ފައިދާ ނަގާ މެޗުގައި ދެވަނަ ފަހަރަށް ލިވަޕޫލްއަށް ލީޑުނަގައިދިނީ ލިވަޕޫލަށް ކުޅޭ މިސްރުގެ ތަޖުރިބާކާރު ފޯވާޑް މުހަންމަދު ސަލާހު އެވެ. މި ލަނޑާއެކު ސަލާހު ލިވަޕޫލްއަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު ވަނީ 100 އަށް އަރާފައެވެ.

މެޗުގައި ނަތީޖާ ހަމަހަމަވި ލަނޑު އެވަޓަންއަށް ކާމިޔާބުކޮށްދިނީ މެޗުގެ 81 ވަނަ މިނެޓުގައި ޑޮމިނިކް ކަލްވެޓް-ލެވިންއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ލޫކަސް ޑީނިއާ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިސީޒަނުގައި ޖަރުމަނުގެ ބަޔާން މިއުނިކުން ލިވަޕޫލްއާ ގުޅުނު މިޑްފީލްޑަރު ތިއާގޯ އަލަކަންޓްރާ ކޮވިޑަށް ފައްސިވެ އައިސޮލޭޝަންގެ މުއްދަތު ހަމަކުރުމަށްފަހު މި މެޗުގައި ވަނީ ކުޅެފައެވެ.

މި ނަތީޖާއާއެކު ތާވަލްގެ އެއްވަނައިގައި 13 ޕޮއިންޓާއެކު އޮތީ އެވަޓަންއެވެ. ދެވަނައިގައި ލިވަޕޫލް އޮތީ 10 ޕޮއިންޓާއެކުއެވެ. އެހެންނަމަވެސް މިރޭ ޗެލްސީ އާއި ސައުތް ހެމްޕްޓަން ބައްދަލުކުރާ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ ފައިދާ ގޯލުގެ ތަފާތުން ޗެލްސީއަށް ދެވަނަ ލިބޭނެއެވެ.