އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ޗެލްސީއާއި ސައުތެމްޓަން ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެ ޗެލްސީއަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ލީގުގައި މިހާތަނަށް ޗެލްސީ ކުޅުނު މެޗުތަކުގައި އެ ޓީމަށް މާ އެދެވޭ ނަތީޖާތަކެއް ނުނެރެވެއެވެ. އެގޮތުން ލީގުގައި މިހާތަނަށް އެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. ދެ މެޗުން އެއްވަރުވެ ބަލިވީ ލިވަޕޫލް އަތުންނެވެ.

ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ޗެލްސީއަށް ބަދަލުތަކެއް ބޭނުންވާކަމަށް ބުނެ ގިނަ ސަޕޯޓަރުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ. ހާއްސަކޮށް އެ ޓީމުގެ ފަހަތުން ހަދާ ގޯސްތައް އިތުރުވުމާއެކު ގިނަބައެއްގެ ފާޑުކިޔުން ކުލަބުގެ ބޯޑަށް ދަނީ އަމާޒުކުރަމުންނެވެ.

ފުރަތަމަ ހާފުގެ ބޮޑުބައިގައި ގިނަ ހަމަލާތަކެއް ޗެލްސީން ވަނީ އުފައްދާފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗްގެ މޮޅު ޕާހެއްގެ އެހީގައި ބެން ޗިލްވެލް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އޭގެ އެގާރަ މިނެޓު ފަހުން ބެން ޗިލްވެލް އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް ޓިމޯ ވާނާ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ ބޯޅަ ފޮނުވާލިއިރު ވާނާ ހުރީ އޮފްސައިޑުގައި ކަމަށެވެ.

ސައުތެމްޓަން ކޮޅަށް ގޯލުޖެހުމަށްފަހު ޗެލްސީން އުފާފާޅުކުރަނީ

ފުލުފުލުގައި ހަމަލާތައް އުފައްދަމުން ދިޔަ ޗެލްސީން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ ފުރަތަމަ ހާފުގެ ފަނަރަ ވަނަ މިނެޓުގައެވެ. މި ގޯލަކީވެސް ބެެން ޗިލްވެސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ވާނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗުގައި މި ދެ ކުޅުންތެރިންގެ ފަރާތުން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު ލަނޑެއް ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތްކުރި އެވެ.

ޗެލްސީގެ ދެވަނަ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައިި 53 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގައި އެ ޓީމާއި ގުޅުނު ޖަރުމަނުގެ ޒުވާން ފޯވާޑް ޓިމޯ ވާނާއެވެ. މި ލަނޑު ވާނާ ކާމިޔާބުކުރީ ސައުތެމްޓަންގެ ޑިފެންޑަރުންގެ ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހުއެވެ.

މި ލަނޑަށްފަހު ސައުތެމްޓަން އިން ކުޅުން ރަނގަޅުކޮށް ކޮންމެވެސް ވަރަކަށް ޗެލްސީގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. އެގޮތުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށް އެޓީމުން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޗީ އެޑަމްސްގެ އެހީތެރިކަމާއެކު ޑެނީ އިންގްސްއެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު ނަމަވެސް މި ލަނޑަށްފަހު ސައުތެމްޓަންގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައެވެ. އެގޮތުން 14 އަހަރަށްފަހު މި ސީޒަނަށް ސައުތެމްޓަނާއި ގުޅުނު ތިއޯ ވޮލްކޮޓްގެ ފަރާތުން ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކުރަމުން ދިޔައެވެ.

ޑިފެންސްލައިން އަދި ކީޕަރުގެ ފަރާތުން ގިނަ ގޯސްތަކެއް ހެދި މި މެޗުގައި ސައުތެމްޓަން އިން ނަތީޖާ ހަމަހަމަކުރި ލަނޑު، މި ސީޒަނުގައި ގިނަ ގޯސްތަކެއް ހަދަމުންދާ ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލަގަ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ކާމިޔާބުކުރީ ފުރަތަމަ ލަނޑު ޖެހުމަށް އެހީތެރިވެދިން ޗީ އެޑަމްސްއެވެ.

ސައުތެމްޓަން އިން ނަތީޖާ އެއްވަރުކުރިތާ ދެ މިނެޓުފަހުން ޗެލްސީން އަލުން ލީޑު ނެގީ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިން ޓިމޯ ވާނާގެ އެހީތެރިކަމާއެކު ކައި ހަވާޓްސްއެވެ.

ލަނޑަށްފަހު ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ސައުތެމްޓަންއިން އުފައްދާ ހަމަލާތަކުގައި ޗެލްސީގެ ޑިފެންސްލައިނުން ގިނަ ގޯސްތަކެއް ދިޔައީ ހަދަމުންނެވެ. ފްރޭންކް ލަމްޕާޑުގެ ޗެލްސީގެ ފޯވާޑް ލައިން ކިތަންމެ ވަރުގަދަކޮށް ފެނިގެން ދިޔަނަމަވެސް ޑިފެންޑަރުން ފެނިގެން ދިޔައީ ވަރަށް ނިކަމެތިކޮށެވެ.

ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރުވަގުތުގެ 2 ވަނަ މިނެޓުގައި އަނެއްކާވެސް ސައުތެމްޓަންއިން އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރުމެވެ. ތިއޯ ވޮލްކޮޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެމިކް ވެސްޓަގާޑެވެ.

މި ނަތީޖާއާއެކު މެޗު ނިމުމުން ޗެލްސީވަނީ ތާވަލްގެ ހަވަނައަށް ވެއްޓިފައެވެ. ޗެލްސީއަށް ކުޅުނު ފަސް މެޗުން ލިބިފައިވަނީ 8 ޕޮއިންޓެވެ. ސައުތެމްޓަން ތާވަލުގެ އެގާރަވަނައިގައި އޮތީ ކުޅުނު ފަސް މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ.

ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ މެންޗަސްޓަރ ޔުނައިޓެޑާއި ދެކޮޅަށް މިމަހުގެ 24 ވަނަ ދުވަހުއެވެ.