މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާނީ އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ރަނަރަޕް ކުލަބް އީގަލްސް ވާދަކުރާގޮތަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އާންމުކޮށް އާ އަހަރުގެ ފުޓުބޯޯޅަ ސީޒަން ފެށުމަށް ކުޅޭ ޝީލްޑް މެޗުން ފުރުސަތު ލިބެނީ ލީގުގެ ޗެމްޕިއަނުން ޓީމާއި އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދާ ޓީމެވެ. އެކަމަކު މިފަހަރު އީގަލްސްއަށް ފުރުސަތު ލިބުނީ ކޯވިޑް-19 އާއި ގުޅިގެން މިދިޔަ ސީޒަނުގެ އެފްއޭކަޕް ކެންސަލްކުރުމާއި ގުޅިގެން އަވަހަށް ސީޒަން ނިންމާލަން ޖެހުމުންނެވެ.

މިއީ އީގަލްސް އިން ޗެރިޓީ ޝީލްޑް މެޗުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. ނަމަވެސް އެ ޓީމުން ފަރިތަކުރުންތައް ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެެވެ. ރިޕޯޓުތައް ބުނާގޮތުން އެ ޓީމުން މަސައްކަތްކުރަނީ އަންނަ މަހުގެ އެކެއްގައި ފަރިތަކުުރުންތައް ފެށޭތޯ އެވެ.

މި މެޗުގައި ވާދަކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފަރިތަކުރުންތައް ވަނީ ފަށާފައެވެ. މިއީ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފެށި ފުރަތަމަ ޓީމެވެ.

މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބާއި މިދިޔަ ސީޒަނުގައި ލީގުގައި ވާދަކުރި ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބެވެ. ފޯކައިދޫ އަށް ފުރުސަތު ލިބުނީ 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި އުފުލާލި ތ. ތިމަރަފުށީ ޓީމުން އެ މެޗު ކުޅެން ލިބުނު ފުރުސަތު ދޫކޮށްލުމުންނެވެ.