ކޮވިޑު-19 އާއި ގުޅިގެން ސްޕެއިންގެ ބާސެލޯނާގެ އާމްދަނީއަށް އަސަރުކުރަމުންދާތީ އެ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓަމޮއު ކުލަބު ކުޅުންތެރިންގެ މުސާރަ ކުޑަކުރަން މަސައްކަތްކުރާތީ އެކަމާއި ދެކޮޅަށް ކުޅުންތެރިން ދެކޮޅުހަދައިފި އެވެ.

ދާދި ފަހުން ބާޓެމޮއު ވަނީ ބާސާގެ ކުޅުންތެރިންނާއި ކުލަބުގެ ބޯޑު މެމްބަރުންގެ އިތުރުން މުވައްޒަފުންގެ މުސާރައިން 30 އިންސައްތަ އުނިކުރަން ހުށަހަޅާފައެވެ. އެކަމަކު އެ ހުށަހެޅުމަށް އެ ކުލަބުގެ ކުޅުންތެރިން ދެކޮޅު ހަދާފައިވާއިރު ކުލަބުގެ ބައެއް ސްޕޮންސަރުން ވެސް ވަނީ ނުސީދާކޮށް ބާސާއަށް މިކަން ނުކުރުމަށް ޕްރެޝަރުކޮށްފައެވެ.

ބާޓެމޮއު ގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ތައްޔާރުވަމުން އަންނައިރު މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބާސާގެ މެންބަރުން ވަނީ 20,687 މީހުންގެ ސޮޔާއި އެކު އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅާފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބާޓެމޮއު ވަނީ އިސްތިއުފާދިނުމަށް ނިންމާފައެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެއެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ބާޓެމޮއު ވަނީ ކުލަބުގެ ބައެއް ބޯޑު މެމްބަރުންގެ ކައިރީގައި މި ވާހަކަ ދައްކާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދިމާވާނެ މާލީ ދަތިތަކުން އެހީވުމަށް މި އަހަރުގެ މާޗު މަހުގެ ތެރޭގައި ބާސާގެ ކުޅުންތެރިން ވަނީ މުސާރައިން 70 އިންސައްތަ އުނިކުރަން އެއްބަސްވެފައެވެ. އެ ފަހަރު ކުޅުންތެރިންގެ މުސާރައިން 70 އިންސައްތަ އުނިކުރަން ނިންމީ އެ ކުލަބުގެ މުވައްޒަފުންގެ މުސާރަ ބަރާބަރަށް ދިނުމަށް ޝަރުތުކޮށެވެ. އަދި އެއަށްފަހު މުސާރަ އަލުން އިއާދަކުރި އެވެ.