އިޓާލިއަން ލީގުގައި ކުޅުނު މިލާނަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ އިންޓަރ މިލާނާއި އޭސީ މިލާން ބައްދަލުކުރި މެޗު އޭސީ މިލާން ކާމިޔާބުކޮށްފިއެވެ.

ވާދަވެރި އިންޓަރ މިލާނާއި ވާދަކޮށް އޭސީ މިލާނު މި މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި އޭސީ މިލާނުން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެމެރިކާގެ މޭޖަރ ލީގް ސޮކާގެ އެލް.އޭ ގެލެކްސީއާ އެކު ދެ އަހަރު ހޭދަކުރުމަށްފަހު މިއަހަރު އޭސީ މިލާނާ އަލުން ގުޅުނު ސްވިޑަންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓަން އިބްރާހިމޮވިޗްއެވެ.

މެޗުބެލުމަށް ހާހެއްހާ ސަޕޯޓަރުން ދަނޑަށް ވަދެ ތިބިއިރު މެޗުގެ ވަރަށް ކުރީކޮޅު އޭސީ މިލާނުން ހަމަލާތައް އުފައްދަމުން ދިޔައެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި އިބްރަހިމޮވިޗަށް އިންޓަ މިލާނުގެ ޑިފެންޑަރަކު ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭސީ މިލާނަށް ޕެނަލްޓީއެއް ދީފައެވެ.

އިބްރަހިމޮވިޗް ފޮނުވާލި ޕެނަލްޓީ އިންޓަމިލާނުގެ ކީޕަރު ސާމިރު ހެންޑެނޮވިޗް ދިފާއު ކުރިނަމަވެސް ރިބައުންސް ވެގެން އައި ބޯޅަ ގޯލްތެރެއަށް ވައްދާލައިގެން އޭނާ ވަނީ މެޗުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

ފުރަތަމަ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން އިބްރަހިމޮވިޗް ވަނީ އޭސީ މިލާނުގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. ރަފެލް ނަގައިދިން ހުރަހުން އިބްރާހިމޮވިޗް ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާ އޭސީ މިލާނަށް ދެ ލަނޑުގެ ލީޑެއް ނަގާދީފައެވެ.

މެޗުގައި އިންޓަމިލާންގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅޭ ބެލްޖިއަމްގެ އިތުބާރު ފޯވާޑް ރޮމެރޯ ލުކާކޫ އެވެ.

ރަސްމީ 226 މެޗެއްގައި މިލާނުގެ ދެ ޓީމު ކުރިމަތިލާފައިވާއިރު މިލާން ޑާބީގެ އެންމެ ގިނަ މެޗު ކާމިޔާބުކޮށްފައިވަނީ އިންޓަ މިލާނުންނެވެ. އެޓީމުން ވަނީ 82 މެޗު ކާމިޔާބުކޮށްފައެވެ. މިލާން ޑާބީގައި އެންމެ ގިނަ ލަނޑު ޖެހިން ކުޅުންތެރިއަކީ މިހާރު ރިޓަޔަރ ކޮށްފައިވާ ޔޫކްރެއިންގެ ފޯވާޑް އަންދްރޭ ޝެވްޝެންކޯއެވެ.

މި ނަތީޖާއާއެކު ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ އޭސީ މިލާން އޮތީ ތާވަލުގެ އެއްވަނައިގައެވެ. އިންޓަރ މިލާން އޮތީ ކުޅުނު 4 މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.