މިއަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކުލަބް ވެލެންސިއާގެ ކޯޗުކަމުގެ މަޤާމާއި ހަވާލުވީ ބޮޑު ޗެލެންޖެއް ކަމުގައި ދެކިގެން ކަމަށް އެ ކުލަބުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ދުވަސްވީ ކުލަބުތަކުގެ ތެރޭގައި ހިމެނޭ ކުލަބް ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެ، އާ ސީޒަނުގެ ފަރިތަކުރުންތައް ފަށާފައިވަނީ ހޮނިހިރު ދުވަހުގައެވެ.

ފަރިތަކުރުންތައް ފެށުމުގެ ކުރިން ވާހަކަދައްކަމުން އާތީ ބުނީ ވެލެންސިއާ އަކީ މިވަގުތު ފުރަތަމަ ޑިވިޝަނުގައި ތިބި ކުލަބުތަކުގެ ތެރެއިން އެންމެ ކާމިޔާބު އަދި ގިނަ ދުވަސްވީ ކުލަބު ކަމަށާއި

"މީގަ ބެކްގްރައުންޑް އަކީ ވަރަށް ބޮޑު އެއްޗެއް، އެ ހުރިހާ އެއްޗަކަށް ބަލާފަ ވެލެންސިޔާއާއި މި ހަވާލުވީ، އަދި ވެލެންސިއާ ވާނީ އެހެން ޓީމުތަކެކޭ އެއްގޮތަށް ރަނގަޅު ފައިޓެއް ދޭނެ ޓީމެއް ޓީމަކަށް، މިއަހަރު ވެލެންސިއާ މި ނިކުންނަނީ ވަރަށް ބޮޑު ހޯޕަކާއެކު" އާތީ ބުންޏެވެ.

އާ ސީޒަނަށް ކުލަބް ވެލެންސިއާގެ ފަރިތަކުރުންތައް ފެށުން ވަގުތު އިމޭޖެސް:- އަހްމަދް އަލީ

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި 1979 އިން 2018 އާއި ހަމައަށް ވެލެންސިއާ ވަނީ ކުޅެފައެވެ. އެ ޓީމު ދެވަނަ ޑިވިޝަނަށް ވެއްޓުނީ މާލޭ ލީގު ކޮލިފައިންގައި ޔޫވީ އަތުން ބަލިވެގެންނެވެ.

މި ސީޒަނުގައި ކުލަބް ވެލެންސިއާއަށް ސޮއިކުރި ކުޅުންތެރިންގެ ތެރޭގައި ގޯލްޑް ކެޕްޓަން އަކްރަމް އަބްދުލް ޢަނީ އާއި ސްޕެއިންގެ ދަށް ޑިވިޝަންތަކުގައި ކުޅުނު ޒާން އާމިރު އާއި މީގެކުރިން ފުރަތަމަ ޑިވިޝަނުން ފެނުނު ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

ވެލެންސިއާ އެނބުރި ފުރަތަމަ ޑިވިޝަނަށް އައީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ ގިނަ މަސައްކަތްތަކަށް ފަހުގައެވެ. ހާއްސަކޮށް އިސްމާއީލް އާސިފް (ކުޑަހީނާ) އާއި އެ ޓީމަށް ކުޅުނު ފުރަތަމަ ޑިވިޝަނަށް ކުޅުނު ގިނަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.