އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލާއި އެވަޓަން އެއްވަރުވި މެޗުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނު ލިވަޕޫލްގެ އިތުބާރު ޑިފެންޑަރ ވާޖިލް ވެން ޑައިކް ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ވެން ޑައިކްގެ ލިގަމެންޓަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. އެއާއެކު ގާތްގަނޑަކަށް ހަތް ނުވަތަ 8 މަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވެން ޑައިކަށް އަނިޔާވެފައިވަނީ މެޗުގެ 11 ވަނަ މިނެޓުގައި އެވަޓަންގެ ކީޕަރު އަދި ވެންޑައިކް ބޯޅަ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން، ކީޕަރުގެ ފައިން ވެން ޑައިކްގެ ކަކުލުގައި ޖެހިގެންނެވެ. ދަނޑުމަތީގައި ފަރުވާދިނުމަށްފަހު އިތުރަށް މި މެޗުގައި ނުކުޅެވޭނެ ކަމަށް ނިންމާ އޭނާ ވަނީ ބަދަލުކޮށްފައެވެ.

ލިގަޕޫލްގެ ކޯޗު ކްލޮޕް ވަނީ މި ވާހަކަތަކާއި ގުޅިގެން ގިނަ ވާހަކަތަކެއް މީޑިއާއަށް ތިލަކޮށްފައެވެ. އެގޮތުން މި މެޗުގައި އަނިޔާވުމުގެ ކުރިންވެސް އޭނާ ހުރީ އަނިޔާގައި ކަމަށާއި އެ އަނިޔާގައި ހުރެ ގިނަ މެޗުތަކެއް ކުޅުނު ކަމަށް ކްލޮޕް ބުންޏެވެ. އަދި މި މެޗުގައި އޭނާ ބަދަލުކުރީ އެއްވެސް ވަރަކަށް ކުރިއަށް ނުގެންދެވިގެން ކަމަށް ބުންޏެވެ.

މި މެޗުގައި ލިވަޕޫލުން ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ގިނަ ގޯސްތަކެއް ހެދިކަމަށް ބުނެ މައްސަލަ ޖައްސާފައެވެ. އަދި ވެން ޑައިކަށް ކުރި ފައުލާއި ގުޅިގެން ޕެނަލްޓީއެއް ލިބެން ޖެހޭކަމަށްވެސް އެ ކުލަބުން ބުނެއެވެ. ނަމަވެސް މެޗުގެ ރެފްރީ ނިންމާފައިވަނީ ފައުލްކުރ އިރު ވެންޑައިކް އޮފްސައިޑް މަގާމެއްގައި ހުރުމުން އެއީ އޮފްސައިޑެއް ކަމަށެވެ. ލިވަޕޫލުން ގަބޫލުކުރާ ގޮތުގައި މި ފައުލާއި ގުޅިގެން ކީޕަރު ޕިކްފޯޑަށް ރަތްކާޑު ދައްކަންޖެހެެއެވެ.

ވެން ޑައިކްގެ އިތުރުން ލިވަޕޫލްގެ ތިއާގޯއަށް ކުރި ފައުލަކާއި ގުޅިގެން އޭނާވެސް ވަނީ ދަނޑުން ބާލާފައެވެ. ނަމަވެސް ތިއާގޯ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.