ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ އާރޮން ވޭން ބިކާސާއަކީ ހީކުރި ވަރަށް ވުރެ މޮޅަށް ހަމަލާ އުފައްދާ ކުޅުންތެރިއެއް ކަމަށާއި މީގެކުރިން އެކަން ނޭނގޭ ކަމަށް އެޓީމުގެ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް ބުނެފިއެވެ.

ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑުން ނިއުކާސަލްގެ މައްޗަށް 1-4 އިން ކުރިހޯދި މެޗުގެ 90 ވަނަ މިނެޓުގައި ބިސާކާ ޖެހި ރީތި ގޯލާއި ބެހޭގޮތުން ވާހަކަދައްކަމުން ބްރޫނޯ ފެނާންޑޭޒް ބުނީ އެކުގައި ފަރިތަކުރުންތަކުގައިވެސް ބައިވެރިވެ އެކުގައި އެތައް މެޗެއް ކުޅުނު އިރުވެސް ބިސާކާ އެހާ މޮޅު އެހާ ރީތި ހަމަލާ އުފައްދާކަން މީގެ ކުރިން އެނގިފައިނުވާ ކަމަށެވެ.

މެޗުން މޮޅުވުމަށްފަހު ދިން އިންޓަވިއުއެއްގައި ފެނާންޑޭޒް ބުނީ ފަރިތަކުރުންތަކުގައި ދުވަހަކުވެސް އެޓޭކިންގް ވިސްނުމެއް ގެންގުޅެ ހަމަލާއެއް އުފެއްދިތަން ނުދެކޭ ކަމަށާއި އެކަމަކު ބިސާކާގެ މި ސިއްރު ހުނަރު ފެނުމުން އެކަމާ ވަރަށް އުފާވާކަމަށެވެ.

ރޭގެ މެޗުގައި މުހިންމު ލަނޑެއް ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ފެރްނާންޑޭޒް އިތުރަށް ބުނީ މެޗު ނިމުމަށްފަހު ޑްރެސިންގް ރޫމްގައި ބިސާކާއާ ވާހަކަދެއްކި ކަމަށާއި ފުރަަތަމަ ހީކުރީ ބިސާކާ ހުރަސް ނަގައިދޭން މަސައްކަތްކުރި ބޯޅައިގެ މިސްރާބު ބަދަލުވެ ބޯޅަ ގޯލްގެ ތެރެއަށް ވަނީ ކަމަށެވެ. އެހެންނަމަވެސް ބިސާކާ އާއި ވާހަކަދެއްކުމުން އެއީ ގޯލަށް ޖެހުމަށް ފޮނުވާލި ހަމަލާއެއްކަން އޭނާ ބުނި ކަމަށެވެ.

މީގެއިތުރުން ފެނާންޑޭޒް ވަނީ އިތުރަށް ހަމަލާތަކުގައި ބައިވެރިވެ ގިނައިން އިދިކޮޅު ޓީމުގެ އޭރިއާ ތެރޭގައި ހަރަކާތްތެރިވެ އެޓޭކްތަކުގައި ބައިވެރިވުމަށް ބިސާކާއަށް ނަސޭހަތް ދީފައެވެ. އަދި ބިސާކާގެ ހުނަރު އެބަހުރި ކަމަށާއި ުނަރުތައް އިތުރަށް ކުރިއަރުވަން މަސައްކަތް ކުރަންވެސް ބްރޫނޯ ފެނާންޑޭޒް ވަނީ ނަސޭހަތްތެރި ވެފައެވެ.

ރޭގެ މެޗުގައި މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުގެ ގޯލަށް ބައިކޮޅަށް ގޯލެއް ވަތްނަމަވެސް ޔުނައިޓެޑުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާ މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ. ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ހުއާން މަޓާ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރީ ކެޕްޓަން ހެރީ މެގުއާ އެވެ. އަދި މެޗުގައި ދެން ޔުނައިޓެޑުން ކާމިޔާބުކުރި ތިން ލަނޑުވެސް މެޗުގެ ފަހުކޮޅުގައި ކާމިޔާބުކުރި އިރު އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 86 ވަނަ މިނެޓުގައި މެޗުގައި މޮޅު ކުޅުމެއް ދެއްކި ބްރޫނޯ ފެރްނާންޑެޒްއެވެ.

އަދި ޔުނައިޓެޑުގެ 3 ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި އޭރޮން ވޭން ބިސާކާއެވެ. އަދި މެޗުގައި އެޓީމުން ކާމިޔާބުކުރި އެންމެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ޒުވާން ފޯވާޑް މާކަސް ރަޝްފޯޑެވެ.

މި ނަތީޖާއާއެކު ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓާއެކު މެންޗަސްޓަރ ޔުނައިޓެޑު ތާވަލުގެ 14 ވަނައިގައި އޮތްއިރު އެޓީމަށް ކުރިއަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މިމަހުގެ 21 ވަނަ ދުވަހު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.