އިނގިރޭސި އެފް އޭ ކަޕު ފައިނަލުގައި ރެފްރީކަން ކުރި މައިކަލް އޮލިވާ އަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު ރެފްރީންގެ ތެރޭގައި ގުނާލެވޭ ރެފްރީއެކެވެ. އެފް އޭ ކަޕު ފައިނަލުގައި އޭނާ މިކަން ސާބިތު ކޮށްދީފިއެވެ. މީގެ އިތުރުން މިމެޗުން ދައްކުވައި ދިނީ ފުޓުބޯޅައިގެ ބޮޑު ނަންތައް، ހާއްސަކޮށް ކޮންޓޭ އަދި ގިނަ ކުޅުންތެރިންނަށް ފުޓުބޯޅައިގެ ގަވާއިދު ނޭނގޭ ކަމެވެ.

މީގެ ދެ އަހަރު ކުރިން ފީފާ އިން ވަނީ ޕްނަލްޓީ އޭރިއާ ތެރޭގައި ކުރާ ފައުލް އަށް ދެވޭ އަދަބު ބަދަލު ކޮށްފައެވެ. ޕެނަލްޓީ އަކާއި އެކު ފައުލް ކުރި ކުޅުންތެރިޔާ އަށް ރަތް ކާޑެއް ދެއްކުމުގެ ބަދަލުގައި، ފައުލް ކުރި ކުޅުންތެރިޔާ ސީދާ މީހާއަށް ފައުލް ނުކޮށް ބޯޅަ އާއި ކުޅުމަށް މަސައްކަތް ކޮށްފިނަމަ މިހާރު ދައްކާނީ ރީނދޫ ކާޑެކެވެ.

މީގެ މާނައަކީ މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންޑަރު ފިލް ޖޯންސް، ހަޒާޑު އަށް ކުރި ފައުލާއި ގުޅިގެން މައިކަލް އޮލިވާ ނިންމި ނިންމުމަކީ ގަވާއިދު ބަދަލު ކުރިކަން ނޭނގުނު މީހުން ބުނިގޮތާއި ހިލާފަށް ރަނގަޅު ނިންމުމެއް ކަމެވެ.

"ގިނަ ކުޅުންތެރިންނަށް ގަވާއިދު ނޭނގުމަކީ މައިކަލްގެ މައްސަލައެއް ނޫން، އަހަންނަށް ހީވަނީ މައިކަލް އެހާދިސާ ނިންމާފައި ވަނީ ވަރަށް ހުޝިޔާރު ކަމާއެކުގައި. އެލްކްސިސް ސަންޗޭޒް އާއި ދެކޮޅަށް ދެއްކި އޮފްސައިޑް އަދި އޭޝްލީ ޔަންގް އަތުގައި ބޯޅަ ޖެހުނު ވަގުތުވެސް އޮލިވާ ނިންމި ނިންމުމަކީ ރަނގަޅު ނިންމެއް. ދެހާދިސާ ވެސް ނިންމާފައި ވަނީ ވީޑީއޯ ރެފްރީ މެދުވެރިކޮށް" ކުރީގެ ރެފްރީ ކީތް ހެކެޓް ބުންޏެވެ.

މީގެ އިތުރުން ކީތު ބުނެފައިވަނީ ސަންޗޭޒް ވަނީ ކުޑަ ތަންކޮޅަކުން އޮފްސައިޑް ވެފައި ކަމަށެވެ. އަދި އޭޝްލީ ޔަންގު އަތުގައި ބޯޅަ ޖެހުނު ވަގުތު އޭނާ ހުރީ ބޯޅަ އާއި މާބޮޑަށް ކައިރީގައި ކަމަށާއި އެދޭތެރޭގައި އޭނާ އަތް ދުރުކުރަން ވަގުތެއް ނުލިބޭ ކަމަށެވެ. މައިކަލް ނިންމި ނިންމުންތައް ކުޑަ ވަގުތު ކޮޅެއްގައި ނިންމާފައި ވާއިރު އެނިންމުން ތަކަކީ ރަނގަޅު ނިންމުންތަކެއް ކަމުގައި ކީތު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަސްލުހާލަތު

    ތި އެއްވެސް މޮޅު ރެފްރީއެއް ނޫން.. ތިހާ މޮޅު ނަމަ ކީއްވެ ވޯލްޑްކަޕަށް ނުނެގީ؟ ކުޑަ މިނުން ޔޫރޮޕާ ލީގުގެ ފައިނަލަށް ވެސް ނުހޮވޭތާނގަ ސެމީ ފައިނަލެއްގަ ރެފްރީކަން ކޮށްލަން ވެސް ޔޫއެފާ އިން ނުދިން. އިނގެރޭސި މީޑިއާއިން އޭނާ މޮޅުކޮށްގެން އުޅުނީ.. ދެއަހަރު ކުރިން ގެނައި ބަދަލުގަ ވެސް ގޯލް ސްކީރިން އޮޕަޗޫނިޓީއެއް ނުވަތަ ނުރައްކާތެރި ފައުލެއް ވިއްޔާ ރަތްކާޑު އަދިމޕެނަލްޓީ ދެވޭނެ.. ކުޅުންތެރިން އަދި ކޮންޓޭއަށް އެކަން އެނގޭ

  2. ހައްޤުބަސް

    ހޫން ދުނިޔޭގެ އެންމެ މަތީފަންތީގެ ކުޅުންތެރިންނާ ކޯޗުންނަށް ވުރެއް ބޮޑަށް ބޯޅައެއްގަ ފައިން ނުޖަހާ ވަގުތު ނޫސްވެރިންނަށް ފުޓު ބޯޅަ ޤަވާއިދު އެނގޭނީ.. ބަލަ ފީފާއިން ގެނައި ބަދަލުގަ ރެފްރީއަށް ލުއި ދިނުމުގެ އިޙްތިޔާރު ދީފަ އޮތަސް 2 ހާލަތެއްގަ ރަތްކާޑު ދެއްކޭނެ ޕެނަލްޓީ ވެސް ދެވޭނެ.. އެއީ ގޯލެއް ޖެހޭނެކަމަށް ބެލެވޭ ހާލަތެއް އޮތް ނަމަ ނުވަތަ އޭރިޔާ ތެރެއިން ކުރި ފައުލަކީ ނުރައްކާ ފައުލެއްނަމަ. ނިކަން ގަޓެއް ހުރިއްޔާ މި ކޮމެންޓް ޖަހައިބަލަ