އިނގިރޭސި ވިލާތުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންތަކުގެ ތެރޭގައި ހިމެނޭ ވޭން ރޫނީގެ ގެއަށް ކޮވިޑް-19 އަށް ފައްސިވި މީހަކު ޒިޔާރަތްކުރުމުން އޭނާ ރުޅިގަދަވެ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ރޫނީގެ ގެއަށް ދިޔައީ ޖޯޝް ބާޑްސްލޭ ނަމަކަށް ކިޔާ އޭނާގެ ގާތް ރަހުމަތްތެރިއެކެވެ. އޭނާ އެ ގެއަށް ދިޔައީ ރޫނީއަށް އަގުބޮޑު ގަޑިއެއް ހަދިޔާއަކަށް ދިނުމަށް ކަމަށެވެ. ޖޯޝް އަކީ ކޮވިޑް ޖެހިފައިހުރި މީހަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައި ހުރުމުން އިނިރޭސިވިލާތުގެ ނޭޝަނަލް ހެލްތް ސާވިސް (އެންއެޗްއެސް) އިން ގޭގައި އެކަހެރިވުމަށް އަންގާފައިވާ މީހެކެވެ.

އެހެންނަމަވެސް ރޫނީއަށް ޖޯޝްއަކީ ގޭގައި އެކަހެރިވުމަށް އިދާރާތަކުން އަންގާފައިވާ މީހެއްކަން ނޭނގޭ ކަމަށްވެސް ބޭރުގެ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ޖޯޝްއާއި ދިމާވި ފަހުން މިދިޔަ ހުކުރުދުވަހު ރޫނީ ވަނީ އޭނާ މިހާރު ކުޅެމުންދާ އަދި އެސިސްޓަންޓް ކޯޗުގެ މަގާމާވެސް ހަވާލުވެގެން ހުރި އިނގިރޭސިވިލާތުގެ ޑާބީ ކައުންޓީއާއިއެކު ވަޓްފޯޑާއި ދެކޮޅަށް ޗެމްޕިއަންޝިޕް މެޗެއްގައި ވެސް 90 މިނެޓު ކުޅެފައެވެ.

ރޫނީގެ ތަރުޖަމާނަކު ދަ ސަންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ރޫނީއަށް އެއްވެސް ވަރަކަށް ޖޯޝް ކޮވިޑަށް ފައްސިވިކަން ނޭނގޭ ކަމަށާއި އެފަދަ ކުޑަވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ރޫނީ އޭނާއާއި ބައްދަލުވުމަށްވެސް، އަދި ގެއަށް އައުމަށްވެސް ހުއްދަ ނުދޭނެކަމަށް އޭނާވަނީ ބުނެފައެވެ. އަދި ޖޯޝް ކޮވިޑަށް ފައްސިވެފައި ހުރިކަމުގެ މައުލޫމާތު ލިބުމާއެކު ކަމާބެހޭ އިދާރާތަކަށް އަދި ކްލަބަށްވެސް އެކަން އަންގާފައިވާނެ ކަމަށާއި ރޭގެ ވަގުތެއްގައި ރޫނީގެ ސުންކު ކޮވިޑަށް ޓެސްޓުކުރުމަށް ނަގާފައިވާކަމަށްވެސް ތަރުޖަމާނު ވަނީ ބުނެފައެވެ.

ޑާބީ ކައުންޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން އެޓީމުން ވަނީ މި މައުލޫމާތު ލިބުމާއެކު އިނގިރޭސި ސަރުކާރާއި އީއެފްއެލްއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރަން ފަށާފައިކަމަށާއި، ސަލާމަތްތެރިކަމުގެ ހުރިހާ ފިޔަވަޅެއް އެޓީމުން އަޅާނެކަމަށެވެ. އަދި ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ޓީމުގެ މެނޭޖްމަންޓުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށް މި ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.