މެންޗެސްޓަރ ޔުނައިޓެޑަށް ސީޒަން ފެށުނީ އަދި ކިރިޔާ ކަމަށާއި، ޓީމުގެ ހަގީގީ ކުޅުން މަޑުމަޑުން ފެންނަން ފަށާފައިވާ ކަމަށް ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.

ނިއުކާސަލް އަތުން 4-1 އިން މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ސޯލްޝެއާ ބުނީ ޔުނައިޓެޑަކީ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި ވަކި ވަކި ކުޅުންތެރިންގެ ހުނަރާއެކު ޓީމެއްގެ ސިފައިގައި ރަނގަޅަށް ކުޅެން ފަށަން ދުވަސް ނަގާނެ ކަމަށެވެ.

ސޯލްޝެއާ ބުނީ ޔުނައިޓެޑުގައި ހަލުވި، ހުނަރުވެރި ކުޅުންތެެރިންތަކެއް އެބަތިބި ކަމަށާއި ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން އެ ކުޅުންތެރިންގެ ހަގީގީ ފެންވަރު ނުފެންނަ ކަމަށެވެ.

މެޗަށްފަހު ސޯލްޝެއާ ވަނީ މެގުއާގެ ކުޅުމަށް ތައުރީފުކޮށްފައެވެ. އަދި ކެޕްޓަނެއްގެ ހައިސިއްޔަތުން އޭނާގެ ޒިންމާ ފުރިހަމައަށް އަދާކުރާ ކަމަށްވެސް ކޯޗު ބުންޏެވެ.

" ވަރަށް ހިތްހަމަޖެހޭ މެގުއާ ގެ ކުޅުމަށް، ގޯލެއްވެސް ޖަހައިފި، އެއީ ބޮޑު އުފަލެއް ، މިހާ އުނދަގޫ ދުވަސްކޮޅުގައި ވެސް އޭނާގެ ފަރާތުން ފެންނަ ހިތްވަރަށް އަހަރެން ސާބަސް ދެން، އެއީ އެހެން ކުޅުންތެރިންނަށް ހުރި ނަމޫނާއެއް" ސޯލްޝެއާ ބުންޏެވެ.

މި މެޗުގައި ޔުނައިޓެޑަށް ގޯލުތައް ޖަހައިދިނީ ކެޕްޓަން މެގުއާ، ބްރޫނޯ ފެނާންޑޭސް، ބިސާކާ، އަދި ރަޝްފޯޑެވެ. މިއީ މި ސީޒަނުގައި ޔުނައިޓެޑުގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗެވެ.

މި ނަތީޖާއާއެކު ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓާއެކު މެންޗަސްޓަރ ޔުނައިޓެޑު އޮތީ ތާވަލުގެ 14 ވަނައިގައެވެ. އަދި ނިއުކާސަލް އޮތީ ފަސް މެޗުން ހަތް ޕޮއިންޓު ހޯދާ ތާވަލުގެ 11 ވަނައިގައެވެ.

ޔުނައިޓެޑަށް ކުރިއަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މިމަހުގެ 21 ވަނަ ދުވަހު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އަދި ލީގުގައި މިމަހު 24 ވަނަ ދުވަހު ޔުނައިޓެޑު ނުކުންނާނީ ވާދަވެރި ޗެލްސީއާ ދެކޮޅަށެވެ.