ޓޮޓެންހަމް މޮޅުވާން ދަނިކޮށް މެޗުގެ އެންމެ ފަހު މިނެޓުތަކުގެ ތެރޭގައި ކާމިޔާބުކުރި ގޯލާއެކު އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް އިން އެއްވަރުކޮށްފި އެވެ. .

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މެޗުގައި ޓޮޓެންހަމް މޮޅުވާން ދަނިކޮށް ދެވަނަ ހާފުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ވެސްޓް ހޭމްއަށް ކުޅޭ އާޖެންޓީނާގެ މިޑްފީލްޑަރު މެނުއެލް ލަންޒިލީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ޓޮޓެންހަމުން މެޗުގައި ޖެހި އެންމެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ހިޔުންގް މިން ސޮންއެވެ. މިއީ އިނގިރޭސި ވިލާތުގެ ތަޖުރިބާކާރު ފޯވާޑް ހެރީ ކޭން ކައުންޓަރ އެޓޭކެއްގައި އެޓީމުގެ ހާފުތެރޭ ހުރެ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސޮން ކާމިޔާބުކުރި ރީތި ލަނޑެކެވެ.

މެޗު ފެށުމާއެކު ޓޮޓެންހަމުން ވަރަށް އެޓޭކިންގް ގޭމެއް ކުޅެމުންދިޔައިރު، ފުރަތަމަ ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ އެޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައި ޑީ އޭރިއާގެވެސް ބޭރުގައި ހުރެ ވަރަށް ރީތިކޮށް ވެސްޓް ހޭމުގެ ދެ ޑިފެންޑަރެއްގެ ކައިރިން ނައްޓާލުމަށްފަހު ކޭން ފޮނުވާލި ބާރު ހަމަލާގޮސް ވަނީ ގޯލުގެ ތެރެއަށެވެ. ކޭން ފޮނުވާލި ހަމަލާ ގޯލްގެ ތެރެއަށް ވަތްއިރުވެސް ވެސްޓް ހޭމުގެ ކީޕަރަށް ހުރެވުނީ ބަލަހައްޓައިގެނެވެ.

މެޗުގައި ޓޮޓެންހަމުން ޖެހި ތިންވަނަ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. ސާޖިއޯ ރެގިއުލޯން ނަގައިދިން ހުރަހެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކޭން މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 16 ވަނަ މިނެޓުގައެވެ.

ލަނޑަށް ފަހު ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެވަނަ ހާފު ފަށައިގެން 4 ވަނަ މިނެޓުގައި ވެސްޓް ހޭމުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ވްލެޑަމިރް ކޫފަލް ހުރަސްކޮށްދިން ބޯޅަ ކުޑަ އޭރިއާތެރޭ މުޅިން ހުސްކޮށްހުރެ ހުސް ގޯލެއްގެ ތެރެއަށް ފޮނުވާލަން ލިބުނުނަމަވެސް ތޯމަސް ސޫޗެކް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލަށް ވުރެ މާމަތިން ބޭރަށެވެ.

މެޗުގައި ވެސްޓް ހޭމުން ޖެހި ފުރަތަމަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފަބިއަން އެވެ. އޭގެ ތިން މިނެޓު ފަހުން ވްލެޑަމިރް ކޫފަލް ނަގައިދިން ހުރަސް ޓޮޓެންހަމްގެ ޑޭވިޑްސަން ސަންޗޭޒް ދިފާއު ކުރަން ބޮލުން ޖައްސާލި ބޯޅަ ގޯލަށް ވަދެގެން ވެސްޓް ހޭމުން ޓޮޓެންހަމާއި ދެމެދުއޮތް ފަރަގު ކުޑަކުރިއެވެ.

މެޗުގެ އެންމެ ފަހުވަގުތުކޮޅު މި ސީޒަނުގައި ޓޮޓެންހަމާއި އަލުން ގުޅުނު ވޭލްސްގެ އިތުބާރު ފޯވާޑް ގެރެތް ބޭލްވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ހޯދާފައެވެ. އެހެންނަމަވެސް ވެސްޓް ހޭމުގެ ދެ ޑިފެންޑަރަކު ނައްޓާލުމަށްފަހު ބޭލް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ނަތީޖާ އެއްވަރުކުރުމަށް މެޗުގެ ފުރިހަމަވަގުތު ހަމަވެ ރެފްރީ އިތުރަށް ދެއްކި 4 މިނެޓުގެވެސް އެންމެ ފަހުމިނެޓުގައި މެނުއެލް ލަންޒިނީ ޖެހި ލަނޑާއެކު އުފާފާޅުކުރަމުން ގޮސް އޭނާ ޖާޒީ ބޭލުމުން ރެފްރީ ވަނީ އޭނާއަށް ރީނދޫ ކާޑެއް ދައްކާފައެވެ.

މީގެ އިތުރުން ލީގުގައި ލީގުގައި އެސްޓަން ވިލާ ވަނީ 0-1 އިން ލެސްޓަރ ސިޓީގެ މައްޗަށް ކުރިހޯދާފައެވެ. އެސްޓަން ވިލާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ރޮސް ބާކްލީއެވެ.

އަދި ކްރިސްޓަލް ޕެލެސް އާއި ބްރައިޓަން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން މެޗު އެއްވަރުވެގެންނެވެ. މި މެޗުގައި ބްރައިޓަންއަށް ލަނޑު ޖަހާދީފައިވަނީ އެލެކްސިސް މެކް އެލިސްޓަރ އެވެ. އަދި ކްރިސްޓަލް ޕެލެސްގެ ލަނޑު ޖަހާފައިވަނީ ވިލްފްރެޑް ޒަހާއެވެ.

މި ނަތީޖާތަކާއެކު ޓޮޓެންހަމް އޮތީ ކުޅުނު ފަސްމެޗުން އަށް ޕޮއިންޓާއެކު ތާވަލްގެ 6 ވަނައިގައެވެ. އަދި ހަތް ޕޮއިންޓާއެކު ވެސްޓް ހޭމް ތާވަލުގެ 8 ވަނައިގައި އޮތް އިރު ލެސްޓަރ ސިޓީ އޮތީ ނުވަ ޕޮއިންޓާއެކު 4 ވަނައިގައެވެ. އެސްޓަން ވިލާ ހަތަރު މެޗުން 12 ޕޮއިންޓް ހޯދާ ތާވަލުގެ ދެވަނައިގައި އޮތީ އަދި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ހަތް ޕޮއިންޓް ލިބި ގޯލުގެ ތަފާތުން ކްރިސްޓަލް ޕެލަސް ތާވަލުގެ 13 ވަނައިގައި އޮތްއިރު ބްރައިޓަން އަށް ލިބުނު ހަތަރު ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ 16 ވަނައިގައެވެ.