އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއިން ސަލާމަތްވެ އެނބުރި އަންނާނީ ކުރިއަށް ވުރެ ވަރުގަދަކޮށް ކަމަށް ލިވަޕޫލްގެ އެންމެ މުހިންމު ޑިފެންޑަރު ވާޖިލް ވެން ޑައިކު ބުނެފިއެވެ.

ޕްރިމިއަރ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ އެވަޓަން އާއި ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވި މެޗުގެ ފަސްވަނަ މިނެޓުގައި އެވަޓަންގެ ގޯލް ކީޕަރު ޕިކްފޯޑް ކުރި ފައުލަކާއި ގުޅިގެން ވެން ޑައިކް ވަނީ އިތުރަށް މެޗުގައި ނުކުޅެވި ދަނޑުން ބާލާފައެވެ.

ލިވަޕޫލްގެ ތަޖްރިބާކާރު މިޑްފީލްޑަރު ވަރަށް ރީތިކޮށް އެވަޓަންގެ ޑިފެންޑަރުންގެ ބޯމަތިން ހުރަސްކޮށްދިން ބޯޅަ ގޯލަށް ޖެހުމަށް ވެން ޑައިކު މަސައްކަތްކުރި ނަމަވެސް އެވަޓަންގެ ކީޕަރު ޕިކްފޯޑް ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ވަނީ ނުރައްކާތެރި ގޮތަކަށް ވެން ޑައިކުގެ ކަކުލަށް ފައިން އަރާފައެވެ. އެހެންނަމަވެސް އެވަގުތު ވެން ޑައިކު އޮފްސައިޑުގައި ހުރިކަމަށްބުނެ ރެފްރީ ވަނީ ވީއޭއާރި ބެލުމަށް ފަހު އެވަޓަންއަށް ހިލޭ ޖެހުމެއް ދީފައެވެ.

މެޗު ތެރޭގައިވެސް އަދި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ވަނީ ރެފްރީގެ ނިންމުމާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ރެފްރީ ކުޅުން މެދުކަނޑާލުމުން ވީއޭއާރަކަށް ހުރި ޑޭވިޑް ކޫޓް ރިވިއުކުރީ ފައުލެއްތޯ ބެލުމަކަށް ނޫނެވެ. ޑޭވިޑް ކޫޓް ރިވިއުކުރީ ބޯޅަ ލިބުނުއިރު ވެން ޑައިކު ހުރީ އޮފްސައިޑުގައިތޯ ބެލުމަށެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގައި މެޗުން މޮޅުވާން އޮތް ލަނޑު ޖޯޑަން ހެންޑަސަން ގޯލްގެ ތެރެއަށް ފޮނުވާލި ނަމަވެސް ހަމަލާ އުފެއްދުމުގައި ބައިވެރިވި ސާޑިއޯ މާނޭ އޮފްސައިޑުގައި ހުރިކަމަށް ބުނެ ގޯލު ބަލައިނުގަންނަން ރެފްރީ ނިންމި ނިންމުންވެސް ބަލައި ނުގަންނަކަމަށް ކްލޮޕްވަނީ ބުނެފައެވެ. މި ދެ މައްސަލައާއި ގުޅިގެން ކްލޮޕް ވަނީ ޕްރިމިއަރ ލީގުގައި ރަސްމީކޮށް މައްސަލަތައް ހުށައެޅުމަށް ނިންމާފައިވާކަމަށް ބުނެފައެވެ.

ކްލޮޕް އިތުރަށް ބުނީ ރެފްރީގެ ފަހު ކަށިގަނޑުގެ އަޑާއި އެކު ޓީމުގެ ހުރިހާ ކުޅުންތެރިން އަދި އޮފިޝަލުންވެސް ލެޕްޓޮޕްތައް ނަގާ ވީއޭއާރުގެ މި މައްސަލަތައް އަލުން ބެލިކަމަށެވެ. އަދި އެތައް ފަހަރަކު ވީޑިއޯތައް ބަލައިގެންވެސް ފާހަގަވި ކަމަކީ، ބަޔަކު ގަސްތުގައި ލިވަޕޫލް މެޗުން މޮޅުވިޔަނުދިނުމަށް މަސައްކަތްތަކެއް ކުރަމުން ދިޔަކަމެވެ.

ވެން ޑައިކުގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އޮޕަރޭޝަނެއްވެސް ކުރަން ޖެހިފައިވާ ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.

ބޭރުގެ ކުޅިވަރު ރިޕޯޓުތައް ބުނާގޮތުން ވެން ޑައިކުގެ ކަކުލަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. އެހެންކަމުން އެއްކޮށް އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އަންނަން ގާތްގަނޑަކަށް ހަތެއް ނުވަތަ އަށް މަސް ނަގާފާނެކަމަށްވެސް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

މީސްމީޑިއާ މެދުވެރިކޮށް ވެން ޑައިކުވަނީ އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އަނބުރާ އަންނައިރު ވަރުގަދަ، އިދިކޮޅު ޓިމަށް ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށްވެސް އޭނާވަނީ ބުނެފައެވެ.

އެންމެ މުހިންމު އަދި އެންމެ އިތުބާރު ޑިފެންޑަރާ ނުލާ ލިވަޕޫލުން މުހިންމު ގިނަ މެޗުތަކަކާއި ކުރިމަތިލާން ޖެހިފައިވާއިރު ގިނަ ފަރާތްތަކުން މިހާރު ކުރަމުންދާ ސުވާލަކީ ވާޖިލް ވެން ޑައިކާއި ނުލާ ލިވަޕޫލަށް ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ދިފާއުކުރެވިދާނެތޯ ކުރެވޭ ސުވާލެވެ. އެންމެ ފަހުގެ ނަތީޖާތަކަށް ބިނާކޮށް ލިވަޕޫލް އޮތީ ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ ތިންވަނައިގައި ފަސްމެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. އެއްވަނައިގައި އޮތީ މި ސީޒަނުގައި ރަނގަޅުކުޅުމެއް ދައްކަމުން އަންނަ އެވަޓަންއެވެ.