މި ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން އިނގިރޭސި ޕްރިމިއަރ ލީގުގެ އެވަޓަންއާއި ގުޅުނު ކޮލަމްބިއާގެ ހަމޭސް ރޮޑްރިގޭޒް އެޓީމުގައި ދައްކަމުންދާ މޮޅު ކުޅުންފެނި ރެއާލްއަށް ބޮޑު މައްސަލައަކަށް ވެފައިވާކަމަށް ބޭރުގެ ކުޅިވަރު ރިޕޯޓުތަކުން ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ހަމޭސްގެ ބޭނުން ރެއާލްގައި އެއްވެސް ވަރަކަށް ނުހިފާ، ހިލޭ ޓްރާންސްފަރއެއްގެ ދަށުން އޭނާ އެވަޓަންއަށް ގޮސް ފުރަތަމަ މެޗުން ފެށިގެންވެސް އެޓީމުގައި ދައްކަމުންދާ މޮޅު ކުޅުން ރެއާލްގައި ނުފެނުން ސަބަބާއި، ޓީމު އެކުލަވާލުމުގައި ޒިދާންގެ ގާބިލުކަމާއި މެދު ރެއާލްގެ މެނޭޖްމަންޓުން ވަނީ ސުވާލުއުފައްދާފައެވެ.

ފަސް މެޗުން ތޭރަ ޕޮއިންޓް ހޯދާ މިވަގުތު ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އެވަޓަން އޮތްއިރު އެޓީމުން ކާމިޔާބުކުރި 14 ލަނޑުގެ ތެރެއިން 3 ލަނޑަކީ ހަމޭސް ކާމިޔާބުކޮށްދިން ތިންލަނޑެވެ. އަދި އިތުރު ތިން ލަނޑު ޖަހާފައިވަނީވެސް އޭނާ ތަނަވަސްކޮށްދިން މޮޅު ފުރުސަތުތަކެއްގެ އެހީގައެވެ.

ރެއާލްގެ ކުރީގެ ކޯޗު ކާލޯ އެންޗެލޯޓީގެ ކޯޗުކަމުގެ ދަށުން އެވަޓަން އިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާއިރު ރެއާލް އިން މިސީޒަނުގައި ދޫކޮށްލި އިތުރު ކުޅުންތެރިންތަކެއްވެސް ދަނީ މިހާރު އެ ކުޅުންތެރިން ކުޅެމުންދާ ޓީމުތަކުގައި ރަނގަޅު ކުޅުމެއް ދައްކާ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން މި ސީޒަނުގައި އަލުން ޓޮޓެންހަމާއި ގުޅުނު ގެރެތް ބޭލް އާއި ހަމަ އެޓީމާއި ގުޅުނު ސާޖިއޯ ރެގިއުލޯންގެ އިތުރުން އާސެނަލް އާއި ގުޅުނު ޑެނީ ސެބާޔޯސް ރަނގަޅު ކުޅުމެއް ދައްކަމުންދާއިރު އިންޓަނޭޝަނަލް ބްރޭކަށްފަހު ރެއާލް އިން ކުޅުނު ފުރަތަމަ މެޗުގައި މި ސީޒަނުގައި ލަލީގާއަށް ޕްރޮމޯޓުވި ކަޑީޒް އަތުން ޒިދާންގެ ޓީމް ވަނީ ބަލިވެފައެވެ.

2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދައްކާ މުބާރާތުގެ ރަން ބޯޅަ (އެންމެ މޮޅު ކުޅުންތެރިއާއަށް ދޭ އެވޯޑު) އަށް ވާދަކުރާ 10 ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ އިތުރުން ހަމޭސް ވަނީ އެ މުބާރާތުގެ ގޯލްޑަން ބޫޓުވެސް (މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިއާއަށް ދޭ އެވޯޑް) ހޯދާފައެވެ. މީގެ އިތުރުން އުރުގުއާއި އާއި ދެކޮޅަށް ކޮލަމްބިއާއިން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗެއްގައި ހަމޭސް ކާމިޔާބުކުރި ލަނޑަށް އެ އަހަރުގެ ޕުސްކަސް އެވޯޑު (ކޮންމެ އަހަރެއްގައިވެސް އެންމެ ރީތި ލަނޑު ޖަހާކުޅުންތެރިއަކަށް ފީފާއިން ދޭ އެވޯޑް) ވެސްވަނީ ލިބިފައެވެ.

މި ހުރިހާ ކާމިޔާބީއަކާއެކު ޔޫރަޕުގެ ބޮޑެތި ގިނަ ކްލަބުތަކުން ހަމޭސްގެ ސޮއި ހޯދަން ފައިވިއްދާލާފައި ހުރިނަމަވެސް އެކަން ކާމިޔާބުކުރީ އަބަދުވެސް މޮޅެތި ޒުވާން ކުޅުންތެރިން ގެނެސް އެކުޅުންތެރިންގެ ކެރިއަރު ހުއްޓުވާލާ ކަމުގެ "ޓެގު" އެޅުވިފައި އޮންނަ ރެއާލް މެޑްރިޑުންނެވެ. ކާލޯ އެންޗެލޯޓީގެ ކޯޗުކަމުގެ ދަށުގައި ރެއާލްގައި ހަމޭސް މޮޅުކުޅުމެއް ދައްކަމުން ދިޔަ ނަމަވެސް އެންޗެެލޯޓީ ކޯޗުކަމުގެ މަގާމުން ވަކިވުމާއި ހަމައިން ހަމޭސްގެ ބޭނުންހިފުން ރެއާލްއިން މަދުކުރަން ފެށިއެވެ. އަދި 2016 ވަނަ އަހަރު ޒިދާން ޓީމާއި ހަވާލުވުމަށްފަހު 2017 ވަނަ އަހަރުގެ ތެރޭގައި ޒިދާންވަނީ ލޯން ޓްރާންސްފަރ އެއްގެ ދަށުން ހަމޭޒް ޖަރުމަނުގެ ބަޔާން މިއުނިކަށް ދޫކޮށްފައެވެ.

އަދި 2019 ވަނަ އަހަރުގެ ވަކި ހިސާބަކުން ހަމޭސް ރެއާލްއާއި ލޯނުގެ މުއްދަތު ހަމަވެ އަލުން ގުޅުނު ނަމަވެސް ރެއާލްއިން ކުޅުނު މެޗުތަކުގެ ތެރެއިން ހަމޭސްއަށް ކުޅުމުގައި ބައިވެރިވެލާނެ ފުރުސަތުވެސް ލިބުނީ އެންމެ އަށް މެޗުގައެވެ.

ރިޕޯޓްތައް ބުނާގޮތުން ޒިދާން ފުރަތަމަ 11 އަށް ކުޅުންތެރިން ނެގުމުގައާއި މެޗަށް އެކުލަވާލާ ސްކޮޑުގައި ހިމަނާ ކުޅުންތެރިން ހޮވުމުގައި ބަލާ ކަންތައްތަކާއި މެދު ރެއާލްގެ މެނޭޖްމަންޓުން ވަނީ ސުވާލުކޮށްފައެވެ. އަދި ހަމޭސް ކަހަލަ ޒުވާން ހުނަރުވެރި ކުޅުންތެރިއަކު ހިލޭ ދޫކޮށްލުމަކީ އޭގެ ހިތި ކައިރި މުސްތަގުބަލެއްގައި ރެއާލްގެ އަރުތެރޭގައި ލާނެކަމެއް ކަމަށް މެނޭޖްމަންޓުން ދެކޭކަމަށްވެސް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. އަދި މިހާރުގެ ހާލަތަށް ބަލާ ޒިދާން ރެއާލްގެ ކޯޗުކަމުގެ މަގާމުގައި ދެން ހުންނާނީ ކިހާދުވަހަކު ތޯވެސް ގިނަ ފަރާތްތަކަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަހްސަން

    ތީ ބާސާގެ ކުޅިވަރު ދިރާސާ އެޖޭންޓް އެއް ލިޔެފައި އޮތް ހަބަރެއް ކަން ޔަގީން ކަށަވަރު، ރިއާލް އިން ވަނީ ހަމޭސް ދައްކާ މޮޅު ކުޅުމަށް ތައުރީފް ކޮށް މީޑިޔާގައި ޙަބަރު ދީފަައި، ރިއާލް މެޑްރިޑް އިން އެންމެންނަށް ފުލް އެގާރައިން ޖާގަ އެއް ނުލިބޭނެ، ނަސީބުވެރިޔަކަށް ނޫނީ.....ސަަބަބަކީ ދުނިޔޭގެ އެންމެ ކާމިޔާބު ކްލަބް ކަމަށް ވުން......

    13
    27
  2. ޒޗސސ

    ރެއާލްގައި ފުލް އެގާރައިން ފުރުސަތެއް ނުލިބޭނެ މީހާގެ ނަމަށް ބަލައިގެންނެއް. ޓީމްގެ ޓްރެއިނިންގ އާއި މެޗްތަކުން ޖާގަ ލިބޭ މަދު ފަހަރު ތަކުގެ ބޭނުން ރަނގަޅަށް ހިފަން އެނގޭ ވިސްނުން ތޫނު ފިލި ކުޅުންތެރިންނަށް ރިއާލުން ޖާގަ އެކަށްވެސް ދީފަ ހުރީ. ރިއާލް އަކީ މީހާގެ އުމުރަށް ނުބަލާ ޓީމްގައި ދައްކާ ކުޅުމާއި ޓެެލެންޓާއި މޮޅުވަން ކޮއްދޭ މަސައްކަތަށް ބަލައިގެން ޖާގަ ދޭ ކުލަބެއް... ހާލާ މެޑްރިޑް

    8
    9
  3. ހުސޭނުބޭ

    އެއް ޓީމަކަށް ރަގަޅަށް ނުކުޅެވޭ ކުޅުންތެރިއަކު އެހެން ޓީމަކަށް ވަރަށް ރަގަޅަށް ކުޅުމަކީ އެކަށީގެންވާ ކަމެއް! އެއީ ތިހެން އުޅެންޖެހޭ ސަބަބެއްނޫން! ކޮބައިތަ ބޮޑުއަގުގަައި ގަނެގެން ރެއާލަށް ގެންދިޔަ ހަޒާޑް! ކޮބައި މިދިޔަ ސީޒަނުގައި އޭނާ ކިތައް ލަނޑު ޖެހި!

    6
    5
  4. ބުއްޅަބޭ

    ދޮގު ހަބަރެއް. ޜެއާލް އަށް ހަމަ އޯކޭ......

    6
    6
  5. މެޑްރިޑް

    ލިޔުނު މީހާއަށް ވަރަށް ސަލާމް. ކުޅުން ތެރިން ހަލާ ކުރާ ޓީމޯ. ލަދުވެސް ހަޔާތް ކުޑައީ. ކަޑަ ވިޔަސް ރެއިލް މެޑްރިޑް އެއީ ޔޫރަޕުގެ އެންމެ ކާމިޔާބް ޓީމް. ފޔ

    2
    9