މޮޅު އެތްލީޓަކަށް ވުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ އަހަރުތަކެއްގެ ބުރަ މަސައްކަތުން ހާސިލުވާނެ ކަމެކެވެ. އެކަން ހާސިލުވާނީ ކަމެއް ކާމިޔާބުކުރުމުގެ ވިސްނުމާއި ހިތްވަރުގެ އިތުރުން ކުޅިވަރުގެ ރިވެތި އަހުލާގާއި އުސޫލުތައް ދަމަހައްޓައިގެންނެވެ.

ކުރިން ރާއްޖޭގެ ޓީމުތައް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ގިނަ ފަހަރަށް ބައިވެރިވަނީ ހަމައެކަނި ކުޅެލުމުގެ ނިޔަތުގައެވެ. ނުވަތަ ތަޖުރިބާ ހޯދުމުގެ ނިޔަތުގައެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު އެ ވިސްނުމަށް ބަދަލު އަތުވެއްޖެއެވެ. ނަމަވެސް އަދިވެސް ބަދަލުނުވާ ގިނަ ކަންކަން އެބަހުއްޓެވެ. އެއީ ނަފްސާނީ ގޮތުން ވާންޖެހޭ ތައްޔާރީތަކާއި އެތްލީޓެއްގެ ކިބައިގައި ހުންނަން ޖެހޭ މުހިއްމު ސިފަތަކެވެ. ބޮޑު މުބާރާތަކަށް ކިތަންމެ ތައްޔާރުވެގެން ގޮސް ފުރަތަމަ ކޮޅު ރަނގަޅަށް ކުޅުން ނަމަވެސް މަޑުމަޑުން ކުޅުން ދަށްވެ ނަތީޖާ ބަދަލުވަނީ މިކަހަލަ އެތަކެއް ސަބަބުތަކާއި ގުޅިގެންނެވެ.

ކުލަބް ވެލެންސިއާގެ ފަރިތަކުރުންތަކުގެ ތެރެއިން ޒާން
ވަގުތު އިމޭޖެސް:- އަހްމަދް އަލީ

ކުޅުންތެރިންގެ މެންޓަލިޓީ (ވިސްނުން) އާއި ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން އެ ކުޅިވަރަކުން ކުރިޔަށް ދިއުމާއި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ގިނަ ކުޅުންތެރިން އަދިވެސް ކަނޑަނޭޅެއެވެ. މި ލޮކްޑައުންގެ ތެރޭގައި ދިވެހި ކުޅިވަރަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލާ، އެންމެ ބޮޑަށް އެކަމާ ވިސްނި އެއް ކުޅުންތެރިއަކީ ސްޕެއިނުގައި ކުޅެމުން އަންނަ ދިވެހި ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާއިލް ޒާން އާމިރެވެ.

https://www.facebook.com/kaleomv/videos/387846002377095

މި ހުރިހާ ކަމަކަށް ވިސްނުމަށްފަހު ސްޕެއިން އިން ދަސްވި ކަންކަން ދިވެހި އެތްލީޓުންނާއި ހިސާބަށް ވާސިލުކޮށްދޭން ޒާން ފެށި މަސައްކަތަކީ "އާ ޖީލަކަށް" މި ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓުގެ އެންމެ ބޮޑު ޓާގެޓަކީވެސް އެކަޑަމީ އުމުރުފުރާއިން ފެށިގެން އަރައިގެން އަންނަ ޒުވާން ކުޅުންތެރިންނެވެ.

"އާ ޖީލަކަށް" މި ޕްރޮޖެކްޓަކީ ކޮބާ؟

ރާއްޖެއަކީ ޔޫތު ސިސްޓަމުން ފެށިގެން އެހާ ރަނގަޅަށް ކުޅުންތެރިން ތަމްރީނުވަމުން އަންނަ ޤައުމެއް ނޫނެވެ. ގިނަފަހަރަށް އެންމެ އާދައިގެ ކަންކަން ވެސް އެނގެން ފަށަނީ ކުޅިވަރު ކެރިއަރެއްގެ މެދަކާއި ހިސާބުންނެވެ. ޒާންގެ މި އިސްނެގުން އައީވެސް ރާއްޖޭގެ މުސްތަގުބަލުގައި އަރައިގެން އަންނަ ކުޅިވަރު އެތްލީޓުންނަށް އެންމެ ބޭނުންވާނެ ކަންކަން ކިޔައިދިނުމުގެ އަޒުމުގައެވެ. އަދި ޗެމްޕިއަނަކަށް ވުމުގެ ވިސްނުން އަރަމުން އަންނަ ކުޅުންތެެރިންނަށް ދިނުމެވެ.

ރާއްޖޭގެ އެކަޑަމީ އުމުރުފުރާތަކަށް އަމާޒުކޮށްގެން ފެށި މި ޕްރޮޖެކްޓުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ސައިކޮލޮޖީ، އަނިޔާއިން ސަލާމަތްވުން، ފިޓްނަސް ދެމެހެއްޓުން، ކެއުން ބައްޓަންކުރާނެ ގޮތް، އަދި ބީޗު ޓްރެއިނިން ހިމެނެއެވެ. ކުރުކޮށް ބުނާނަމަ އަދުގެ ދުނިޔޭގައި އެތްލީޓަކަށް ބޭނުންވާނެ އެންމެ މުހިއްމު ކަންކަން މި ޕްރޮޖެކްޓުގެ ތެރޭގައި ހިމެނެއެވެ.

ސެޝަންތައް ކާމިޔާބު، ބައިވެރިންގެ ބޮޑު ތަރުހީބެއް

"ވަރަށް ތަރުހީބު ރަނގަޅު މިހާތަނަށް ، މިހާރުވެސް ޓެނިހާއި ސްވިމިން އާއި އެހެން ކުޅިވަރުތަކުންވެސް ކުޅުންތެެރިން އެބަ ޝައުގުވެރިވޭ މީގަ ބައިވެރިވާން" "ވަގުތު ސްޕޯޓްސް" އާއި ވާހަކަދައްކަމުން ޒާން ބުންޏެވެ.

ޒާން އެންމެ ފުރަތަމަ މަސައްކަތް ފެށީ ސްޕޯޓްސް ސައިކޮލޮޖީ އިންނެވެ. ސެޝަންތަކެއްގެ ސިފައިގައި ރާއްޖޭގެ 13 އަހަރާއި 16 އަހަރުންދަށުގެ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ވަނީ ހާއްސަ ސައިކޮލޮޖީ ސެޝަންތަކެއް ނަގައިދީފައެވެ. އަދި ޖުމްލަ 20 ކުދިން ވަނީ މި ސައިކޮލޮޖީ ސެޝަންތައް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ. މި ސެޝަންތައް ނަގައިދީފައި ވަނީ ސްޕެއިނުގެ ސްޕޯޓްސް ސައިކޮލޮޖިސްޓެއް ކަމަށްވާ މާޓިން ޓޮރީބިއޯ އެވެ.

އެއަށްފަހު ދެން ކުރިޔަށްދިޔައީ ފިޒިކަލް ފިޓްނަސްގެ އާއި ނިއުޓްރިޝަން ޕްލޭނިން ނުވަތަ ކެއުން ބައްޓަންކުރާނެ ގޮތެވެ. މިކަމުގައި ބައިވެރިވީ ވިޔަރެއާލްގެ ކުރީގެ ކުޅުންތެރިޔާ ޖޯޑީ އާއި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ލީޑްސް އިން ސްޕޯޓްސް އެންޑް އެކްސަސައިޒް ސައިންސްގެ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ ކުރީގެ ކުޅުންތެރިޔާ ޝާހު އިސްމާއީލްގެ ދަރި ލުބާނާ ޝާހު އެވެ.

މިގެއިތުރުން ރާއްޖޭގައި މިވަގުތު ހުރި އެންމެ އުއްމީދީ ކުޅުންތެރިޔާ ހަސަން ނަޒީމު (ޗޯޓު) އާއި ހައިޝަމް ހަސަން ވަނީ މި ޕްރޮޖެކްޓްގެ ދަށުން ސެޝަންއެއް ނަގައިދީފައެވެ. އަދި ކުރީގެ ޤައުމީ ކެޕްޓަން ޝާހު އިސްމާއީލްވެސް ވަނީ ސެޝަނެއްގައި ބައިވެރިވެފައެވެ.

އެއަށްފަހު ދެން ފެށި މައިގަނޑު ކަމަކީ ބީޗް ޓްރެއިނިންތަކެވެ. މި ޓްރެއިނިންތަކުގައި ރާއްޖޭގެ އުއްމީދީ ކުޅުންތެރިންތަކެއް މިހާރުވެސް ދަނީ ބައިވެރިވަމުންނެވެ. އަދި ރަނގަޅު ނަތީޖާތަކެއްވެސް ދަނީ ފެންނަމުންނެވެ.

ހުޅުމާލޭ ބީޗުގައި ކުރިޔަށްދިޔަ ޓްރެއިނިން ސެޝަނެއްގެ ތެރެއިން

"އާ ޖީލަކަށް" އިތުރަށް ފުޅާކުރުމުގެ ގޮތުން ދިވެހި ޖާޒީ ބްރޭންޑެއް ކަމަށްވާ ޖާޒިއާއާ އެކުވެސް ވަނީ އެއްބަސްވުމެއް ހަދާފައެވެ. މީގެއިތުރުން އަދިވެސް ކުރިޔަށް މި ޕްރޮޖެކްޓުގެ ތެރެއިން ގިނަ ކަންކަން ކުރުމަށް ޒާން ވަނީ ނިންމާފައެވެ.

ދިވެހި އެތްލީޓުންނަށް އެންމެ މުހިއްމީ ޑިސިޕްލިން

"ވަރަށް މޮޅު އެތްލީޓުން އެބަތިބި ރާއްޖޭގައި، މަސައްކަތްކޮށްފިއްޔާ ކާމިޔާބު ހޯދޭނެ ކުޅުންތެރިން އެބަތިބި، މި ކޮމިއުނިޓީގައި މަދުވަނީ އެންމެ ކަމެއް، އެއީ ޑިސިޕްލިން، މި ހުރިހާ ކަމެއް ހައްލުވާނީ ރަނގަޅު އަހުލާގެއްގެ ތެރެއިން ކަންކަން ބައްޓަންކޮށްގެން" ރާއްޖެއިން އިތުރު ކާމިޔާބީ ހޯދުމަށް ބޭނުންވަނީ ކޮންކަމެއްތޯ އެހުމުން ޒާން ދިނީ މި ޖަވާބެވެ.

މި ޕްރޮޖެކްޓުގެ ދަށުން މި ހުރިހާ ކަމަކަށްވެސް ފޯކަސްކުރެވޭނެ އެވެ. މޮޅު އެތްލީޓަކަށް ވުމުގެ އިތުރުން ހަރުދަނާ، ރަނގަޅު އަހުލާގު، އަދި މި ޖީލުގައި އެތްލީޓެއްގެ ކިބައިން ފެންނަންޖެހޭ އެ ޑިސިޕްލިން ކިޔައިދޭނެއެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ އެކަޑަމީތަކާއި ކުޅިވަރު ވައިޑީޕީ ހިންގަން ތިބި އެސޯސިއޭޝަންތަކަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެއެވެ. މި ޕްރޮޖެކްޓުގެ ސަބަބުން އެ މަގުފަހިކޮށްދެނީ ރާއްޖޭގެ ކުރިމަގުގައި ކާމިޔާބު ހޯދަން ތިބި އެތްލީޓުންގެ މުސްތަގުބަލެވެ. ޤައުމަށް ރީތި ނަންތަކެކެވެ. ޒާންގެ މި މަސައްކަތަށް އައްސަރިބަހާއި ސާބަހެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައިއްޕެ

    ސާބަހޭ 🤟💓👏👏
    ތިޔައީ ދިވެހި ލޭ ހުރި ދަރި އެއް

    7
    2
    • ބައްސު

      މަވެސް ހިރޭ ދިވެހި ލޭ

  2. ދިލް

    ޒާން ވާހަކަ ކިޔާފަ ވަރަށް އުފާވެއްޖެ.ރާއްޖޭގެ ދަނޑުގައި ކުޅެލާތަން ވަރައްބަލާ ހިއްވެއްޖެ.ނަމަނަމަ ގޯސްމަގަކުން ނުދާތި.

  3. ހާސިލް

    ނަމުގެ މާނަ ވިދާޅުވެލެއްވި ދާނެތޮ