ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ލިވަޕޫލުން އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރަށްދާންޖެހުނު ލިވަޕޫލްގެ އެންމެ އިތުބާރު ޑިފެންޑަރު ވާޖިލް ވެންޑައިކަށް ކެތްތެރި އަތްބަކު މަޑުކުރާހެން އެޓީމުން މަޑުކުރާނެކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފިއެވެ.

އެވަޓަން އާއި ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވި މެޗުގެ ފަސްވަނަ މިނެޓުގައި އެވަޓަންގެ ގޯލްކީޕަރު ޕިކްފޯޑް ކުރި ފައުލަކާއި ގުޅިގެން ވެން ޑައިކަށް އިތުރަށް މެޗުގައި ނުކުޅެވި ދަނޑުން ބާލާފައިވާއިރު މީޑިއާ ރިޕޯޓުތައް ބުނާގޮތުން ވެން ޑައިކުގެ ކަކުލަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. އެހެންކަމުން އެއްކޮށް އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އަންނަން ގާތްގަނޑަކަށް ހަތެއް ނުވަތަ އަށް މަސް ނަގާފާނެކަމަށާއި ކަކުލުގެ އޮޕަރޭޝަނެއްވެސް ކުރަން ޖެހިފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ސައުތެމްޓަންއިން 2018 ވަނަ އަހަރު ވެން ޑައިކު ލިވަޕޫލާއި ގުޅުނު ފަހުން އޭނާ ވެގެންގޮސްފައިވަނީ ކްލޮޕްގެ ސްކޮޑުގައި ހިމެނޭ އެންމެ އިތުބާރު އަދި އެންމެ މުހިންމު ކުޅުންތެރިއާ އަށެވެ. ވެން ޑައިކުގެ އަނިޔާއާ ގުޅޭގޮތުން ވާހަކަދައްކަމުން ކްލޮޕް ބުނީ ޖަލުގައި ހުރި ފިރިމީހާ އެނބުރި އަންނަންދެން ކެތްތެރިކަމާއިއެކު ގޭގައި އިންތިޒާރުކުރަން އިންނަ އަތްބެއް ފަދައިން ލިވަޕޫލުން ވެން ޑައިކަށް އިންތިޒާރުކުރާނެ ކަމަށެވެ.

20 އަހަރަށްފަހު ލިވަޕޫލުން ޕްރިމިއަރ ލީގުގެ ތަށި އުފުލާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ ކަމުގައިވާ ވެންޑައިކު ވަނީ 2019 ވަނަ އަހަރުގެ ސީޒަނުގައި އެޓީމުން ކުޅުނު ހުރިހާ މެޗެއްގައިވެސް ކުޅެފައެވެ. "އެގްރެސިވް" ކުޅުމެއް ކުޅެމުން އަންނަ މޮޅު ޑިފެންޑަރު ވެގެން ގޮސްފައިވަނީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ޑިފެންޑަރަށެވެ.

ކްލޮޕް އިތުރަށް ބުނީ ފުރިހަމައަށް ރިކަވަރ ވެގެން ވެން ޑައިކު އަންނަންދެން އޭނާއަށް ލިވަޕޫލުން ވަގުތު ދޭނެކަމަށާއި އަވަސް އަރުވާލައިގެން ކުޅެންފެށުމަށް އޭނާއަށް އެއްވެސް ޕްރެޝަރެއް ނޯންނާނެ ކަމަށެވެ. އަދި ލިވަޕޫލްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ކްލަބުގެ ވެރިންގެ ފަރާތުންވެސް މިމުއްދަތުގައި ވެން ޑައިކަށް ދެވެން އޮތް އެންމެހާ އެއްބާރުލުމެއް ލިބިގެންދާނެކަމަށްވެސް ކްލޮޕް ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގައި މިމަހުގެ 22 ވަނަ ދުވަހު އަޔަކްސް އާއި ދެކޮޅަށް ލިވަޕޫލުން ނުކުންނައިރު ޕްރިމިއަރ ލީގުގައި ދެން އެޓީމު ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް މިމަހުގެ 25 ވަނަ ދުވަހުއެވެ. އެންމެ ފަހުގެ ނަތީޖާތަކަށް ބިނާކޮށް ލިވަޕޫލް އޮތީ ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ ތިންވަނައިގައި ފަސްމެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ.