ގއ.ކަނޑުހުޅުދޫއަށް ނިސްބަތްވާ ކަންމަތި ސްޕޯޓްސް ކުލަބުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ލިބޭ" ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ގއ.ގެމަނަފުއްޓާއި ގދ.ގައްދޫގެ ޓީމުތަކަށް ހުޅުވާލައިފިއެވެ.

"ވަގުތު ސްޕޯޓްސް" އަށް މައުލޫމާތުދެމުން މުބާރާތުގެ އިސް އޮފިޝަލަކު ބުނީ އިތުރު ރަށްތަކަށް ހުޅުވާލީ ތަރުހީބު ރަނގަޅުވުމުން ކަމަށާއި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި ލަފާގެ މަތިން ކަމަށެވެ.

ރާއްޖޭގެ މަގުބޫލު އޮންލައިން މާކެޓެއް ކަމަށްވާ "ލިބޭ" ގެ މެއިން ސްޕޮންސާއާއެކު ބާއްވާ މި މުބާރާތަކީ އަހަރުގެ ފަހުކޮޅު ހުވަދޫ އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ކުޅުންތެރިން ކުޅެން ނިންމާފައިވާ ކަމަށާއި މުބާރާތުގެ ފޯރި ވަރަށް ބޮޑު ކަމަށްވެސް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 1 އޮކްޓޯބަރުގައެވެ. އެންމެ ފުރަތަމަ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ ކަނޑުހުޅުދޫގެ ޓީމުތަކަށެވެ. ނަމަވެސް މުބާރާތުގެ ފޯރި އިތުރަށް ވަރުގަދަވުމާއި އެކު އިތުރު ޓީމުތަކަށް ހުޅުވާލީއެވެ. ބައިވެރިވުމަށް އެދި ފޯމު ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ އޮކްޓޯބަރު 25 އެވެ.

މުބާރާތުގެ ކުޅުން ފެށުމަށް ނިންމާފައިވަނީ ނޮވެމްބަރު 20 ގައެވެ. މުބާރާތުގައި ބައިވެރިވެވޭނީ ނޮވެމްބަރު 20 ގެ ކުރިން އުމުރުން 15 އަހަރު ފުރިފައިވާ ކުޅުންތެރިންނަށެވެ. ރަށުން ބޭރުން އަންނަ ޓީމެއްގައި ތިބެން ވާނީ އެ ރަށަކަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ރަށުންބޭރު އެއްވެސް ޓީމެއްގައި ރަށު ރަޖިސްޓްރީގައި ނެތް ކުޅުންތެރިއަކު ލިސްޓުގައި ހިމެނިގެން ނުވާނެކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

މި މުބާރާތް ކުރިޔަށްދާނީ ބައިވެރިވާ ޓީމުތަކުގެ މެދުގައި ލީގު އުސޫލުންނެވެ. ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަކަށް 3000 ރުފިޔާ ވަނީ ހުށައަޅާފައެވެ. އަދި އެހެނިހެން މަގާމުތަކަށްވެސް އިނާމު ލިބިގެންދާނެ އެވެ.