ޗެމްޕިއަންސް ލީގުގައި މިމަހުގެ 21 ވަނަ ދުވަހު ޕީއެސްޖީ އާއި ޔުނައިޓެޑު ބައްދަލުކުރާ މެޗުގައި ޕީއެސްޖީއަށް މޮޅުވެވޭނީ ޔުނައިޓެޑުގެ ކައުންޓަރ އެޓޭކުތައް ހުއްޓުވައިގެން ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗޭލް ބުނެފިއެވެ.

ފްރެންޗް ލީގުގެ ޗެމްޕިއަން ޕީއެސްޖީ އިން ޔުނައިޓެޑާއި ދެކޮޅަށް ނުކުންނާނީ ޕީއެސްޖީގެ އަމިއްލަ ދަނޑުގައެވެ. މިއީ 2019 ވަނަ އަހަރުގައި ހަމަ ޗެމްޕިއަންސް ލީގުގެ މެޗެއްގައި 3-1 އިން ޕީއެސްޖީގެ މައްޗަށް ޔުނައިޓެޑުން ކުރިހޯދި ފަހުން މިދެޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.

މެޗާއި ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން ޓުޗެލް ބުނީ ޕީއެސްޖީން ވަރަށް ބޮޑަށް ޔުނައިޓެޑުގެ މެދުތެރެއަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން އުފައްދާ ނުރައްކާތެރި ހަމަލާތަކަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެކަމަށެވެ. އަދި މި ދެ ޓީމު ވާދަކުރާ މެޗުގައި ޔުނައިޓެޑުގެ ކޯޗް އޮލެގުނަ ސޯލްޝެއާ އެޓީމުގެ ފްރާންސްގެ ތަރި ޕައުލް ޕޮގްބާ އާއި ޕޯޗުގަލްގެ ބްރޫނޯ ފެރްނާންޑޭސް ލައްވާ ކުޅުވަން ނިންމައިފިނަމަ މި ދެ ކުޅުންތެރިންނަށް ހާއްސަ ސަމާލުކަމެއް ދޭން ޖެެހޭނެކަމަށްވެސް ޓުޗެލް ވަނީ ބުނެފައެވެ.

މީގެއިތުރުން ޔުނައިޓެން އެޓީމަށް މެޗު ތެރޭގައި ލިބޭ ހިލޭޖެހުންތަކުގެ ބޭނުންކޮށް އުފައްދާ ހަމަލާތަކަށްވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެކަމަށާއި ޕީއެސްޖީއަށްވެސް މެޗުގައި އެންމެ ފައިދާކުރާނީ ބޯޅަ ގިނައިރު ހިފަހައްޓާ ލިބޭ ފުރުސަތު ތަކުގެ ބޭނުން ހާއްސަކޮށް ކައުންޓަރ އެޓޭކްތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިގެން ކަމަށްވެސް ޓުޗޭލް ވަނީ ބުނެފައެވެ.

ޕީއެސްޖީއިން ވަނީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ރަނަރަޕްކަން ހޯދާފައެވެ. ފައިނަލުގައި ޕީއެސްޖީ ބަލިވީ ޖަރުމަނުގެ ބަޔާން މިއުނިކް އަތުން 0-1 ގެ ނަތީޖާއަކުންނެވެ.

މި ސީޒަނުގައި އެންމެ ފަހުގެ ނަތީޖާތަކަށް ބިނާކޮށް ޕީއެސްޖީ އޮތީ ފްރެންޗް ލީގުގެ 2 ވަނައިގައި ކުޅުނު 7 މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑުން ޕްރިމިއަރ ލީގުގައި 4 މެޗުކުޅެފައިވާއިރު އެޓީމު އޮތީ ޕޮއިންޓް ތާވަލްގެ 14 ވަނައިގައި 6 ޕޮއިންޓާއެކުއެވެ.