ކަރަންޓީނުގައި ހޭދަކުރަންޖެހޭ މުއްދަތު ހަމަކުރުމަށްފަހު ދާދިފަހުން އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑަށް ގުޅުނު އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އެ ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

މީޑިއާ ރިޕޯޓުތަށް ބުނާގޮތުން އުމުރުން 33 އަހަރުގެ ކަވާނީގެ ފުރަތަމަ ފަރިތަކުރުންތަކުގައި މައިގަނޑު ގޮތެއްގައި ކުރިޔަށްދިޔައީ ފިޓްނަސްގެ ސެޝަންތަކެކެވެ.

ކަރަންޓީނުގެ މުއްދަތުގަައިވެސް ފްރާންސްގެ ޕީއެސްޖީން ޔުނައިޓެޑަށް ބަދަލުވި ކަވާނީ ވަނީ މި ސެޝަންތައް ގޭތެރޭގައި ނަގާފައެވެ.

މާދަމާރޭ ޗެމްޕިއަންސް ލީގުގައި ކަވާނީގެ ކުރީގެ ކުލަބު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ދެކޮޅަށް ކުޅޭ މެޗުގައި ކަވާނީއަށް ނުކުޅެވޭނެއެވެ. އެއީ ޗެމްޕިއަންސް ލީގު ސްކޮޑުން އޭނާގެ ނަން ނެތީމައެވެ. ނަމަވެސް މި މެޗު ބެލުމަށް ޓީމާއެކު އޭނާ ފްރާންސަށް ދަތުރުކުރާނެ ކަމަށް އެ ޓީމުން މައުލޫމާތުދެއެވެ.

ޕީއެސްޖީގައި މޮޅު ކުޅުމެއް ދެއްކި ކަވާނީ ވަނީ އެ ކްލަބުގައި ހޭދަކުރި މުއްދަތުގައި 301 މެޗު ކުޅެދީ 200 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ އަކީ މިހާތަނަށް ޕީއެސްޖީއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެެވެ. މީގެކުރިން ނާޕޮލީއަށްވެސް ކުޅެދިން ކަވާނީ ވަނީ އުރުގުއޭގެ ގައުމީޓީމަށް 116 މެޗު ކުޅެދީ 50 ލަނޑު ކާމިޔާބުކޮށް ދީފައެވެ.