ރާއްޖޭގައި ކުޅިވަރުގެ ކަންކަން ކުރިއަށް ގެންދަނީ 1980 ގެ އަހަރުތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިންގެވި ގޮތަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސް ދިން "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގައި ކުޅިވަރުގެ ކަމަކާ ގުޅިގެން ޝަކުވާއެއް އުފުލާނެ ތަނެއް ހޯދައި ދެނެގަތުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އޭގެ ފަހުގައި ހަސަން ލަތީފް މިސާލު ޖެއްސެވީ 1980 ގެ އަހަރުތަކުގައި ހިނގި ކަމަށް ވިދާޅުވާ ބައެއް ކަންކަމަށެވެ. އަދި އެކަންކަން މިއަދު ރާއްޖޭގައި ހިނގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް އިންތިހާބުތަކުގައި ސަރުކާރުން ގަޔާ ނުވާ ގޮތަށް ވާދަ ކުރައްވާ މީހަކު، އެމީހާއާ ސަރުކާރުން ގަޔާ ނުވެއްޖެ ނަމަ އިންތިހާބު ނިމުނީމަ ނިންމާލަނީއެއް ނޫން އޭރު. އެމީހާ ފަހައި ދުވާނެ. މި ދަންނަވަނީ ގައުމީ ފެންވަރުގައި ކަންކަން ހިނގާފައި ހުރި ގޮތުގެ ވާހަކަ. ގައުމީ އިންތިހާބުތަކުގައި، 80 ގެ އަހަރުތަކުގައި. އަދި 90 ގެ ތެރޭގައި ވެސް،" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި އޭރެކޭ އެއްގޮތަށް މިހާރު ފެންނަމުން ދަނީ ކުޅިވަރުގެ އިންތިހާބުތަކާއި ކުޅިވަރު ތެރޭގައި މަސައްކަތް ކުރައްވާ ބޭފުޅުން، ސަރުކާރު ބޭނުން ނުވާ ގޮތަށް މަސައްކަތް ކުރައްވައިފި ނަމަ، އެބޭފުޅުންނާ ގުޅޭ ސަބަބު ދެއްކެވުމަކާ ނުލައި ފިޔަވަޅު އަޅަމުންދާ ތަނެވެ.

"މިއީ ވަރަށް ފަސޭހަކޮށް ފެންނަން އޮތް ކަމެއް. 80 ގެ އަހަރުތަކުގެ ތެރޭގައި ކަން ހިނގާފައި ހުރި ގޮތް ބެއްލެވީމަ ފެންނާނެ މިހާރު މިވަގުތު 2020 ވަނަ އަހަރު ކުޅިވަރުގެ ކަންކަން ހިނގަމުންދާ އިރު، އެއަކާ ތަފާތެއް ނެތް ތަން،" ހަސަން ލަތީފް ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި ކުޅިވަރުގެ ގާނޫނުތައް އިސްލާހު ނުކޮށް ބެހެއްޓީމަ މިފަދަ ކަންކަން ފަސޭހަކަމާ އެކީގައި ކުރެވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި "ހުރިހާ ބާރެއް އަތްޕުޅަށް" ނަންގަވައިގެން މަސައްކަތް ކުރައްވާ ބޭފުޅުން، ބަޔަކަށް އެ ބާރުތައް ދޫކޮށް ނުލީމަ، ބާރުތައް ނަންގަވައިގެން ހުންނެވި ބޭފުޅުންނަށް ކަންކަން ކުރެއްވުމަށް ފަސޭހަ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު ދަންނަވަނީ ކުޅިވަރުގެ ކަންކަން ހިންގަވަން ތިއްބެވި ސަރުކާރުގެ ބޭފުޅުން އެކަންކަން ބޭނުންވާތީ ގަސްދުގައި ކުރައްވާފައި އޮންނަވާ ކަމެއް،" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް އެގޮތަށް ވިދާޅުވި އިރު، ކުޅިވަރުގެ ސިޔާސަތުތައް ތަންފީޒު ކުރަމުން އަންނަނީ އެމްޑީޕީން އެކުލަވާލާފައިވާ މެނިފެސްޓޯއާ އެއްގޮތަށެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ގާނޫނުތައް އިސްލާހު ނުކޮށް، ގަވައިދުތައް ނުހަދައި ހުރުމުން ކުޅުންތެރިންގެ ހައްގުތަކުން މަހްރޫމް ކުރެވެއެވެ. އިންސާނީ ހައްގުތައް ގެއްލިގެން ދިޔައީމަ، އެއަށް ވުރެ ބިރުވެރިކަމެއް އޭނާ އަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"ހިފައި ހައްޔަރުކޮށް ޖަލަށް ފަހަރެއްގައި ނުލާފާނެ 2020 ވަނަ އަހަރުގައި. އަދި އެމްޑީޕީގެ ސަރުކާރެއް އޮވެ އެކަހަލަ ކަމެއް ހިންގަފާނެ ކަމަށް ގަބޫލެއް ނުކުރެވޭ. ނަމަވެސް ކުޅުންތެރިއަކަށް ލިބޭ އެންމެ ބޮޑު ހައްގަކީ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އޭނަ ކުޅޭ ކުޅިވަރެއް ކުޅުމުގެ މިނިވަންކަން ލިބުން. އަދި ތަފާތު ނުކުރެވި އޭނާ އަށް ކުޅެވޭނެ ގޮތްތައް ފަހިވެފައި ހުރުން. އެއީ ދައުލަތުން އޭނާ އަށް ކޮށްދޭން ޖެހޭ ކަމަކީ،" ހަސަން ލަތީފް ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ގާނޫނުތަކާއި ގަވައިދުތައް ނުހަދާ ނަމަ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ކުޅިވަރާ ބެހޭ ވަޒީރު ޖަވާބުދާރީ ކުރެވެން އެބައޮތެވެ. އަދި ކުޅިވަރާ ބެހޭ މުއައްސަސާތަކުން މަސައްކަތް ނުކުރާ ނަމަ، އެކަން ފަހިކޮށް ދިނުމަށް މަޖިލިހުން ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޮލި މުލައް

    2008 އިން 2012 ފެބުރުވަރީ 7 އަށް އޮތީ ރަނގަޅަށްދޯ؟
    ޔޫތު މިނިސްޓްރީގެ ބަޖެޓަށް ވީގޮތް ބުނެލަބަލަ؟

    18
    1
  2. އަހްމަދު

    ކީއްވެތަ 2009 ވެރިކަމުންފެށިގެން ގަޔޫތުމިނިސްޓްރީހިންގިގޮތާ އެތަނުގެ އޮޑިޓްރިޕޯޓްތަކުގެވާހަކަ މާލޭމީހާނުދެއްކީ އަޅެ ރައީސްމައުމޫނުގެވާހަކަ ދައްކަން ލަދެއްނުގަނޭތަ އޭރު މުލިޔާގޭގަކެއްކިއެއްޗެހިކައިގެން ބޮޑުވެފަހުރިމީހެކޭތީ ބަންޑާރަނައިބުކަންނުދިނީމައެރުޅިގަނޑު އަދިވެސްތިޔަބައިލަނީ ލަދުހަޔާތުގެކަންފުޅެއްވެސްނެތްސޮރެއްމީ

  3. ބެއްޔާ

    ކަލޯ ހަސަނާ ވަރަށް ބޮޑު ތެދުފުޅެއް ތިވިދާޅުވެވުނީ. ޖުޑިޝަރީވެސް އޮތީ ތިހެން ތިބުނާ ހިސާބުގަ. ރައީސްއޮފީސްވެސް. މަޖްލިސްގެވެސް. ބޭނުންނުވާ މީހަކު ފަހާދުވާ އުސޫލު. އެކަން ސާފުވާނެ ޖުޑިޝަރީން. ބޭނުންނުވާ ފަނޑިޔާރުން ފަހާދުވަނީ ހަސަން އިސްކޮށް ހުންނަވައިގެން.

  4. ފަރެސް

    ލަތީފް ވިދާޅުވިގޮތުން މިހާރުއެގިއްޖެ މިސަރުކާރުންކަންކަންކުރިއަށް ނުދާގޮތް އެއީ އެދުވަސްވަރު
    ގައުމުގެ ކަންކަން ކުރިއަށްނުގޮސް މައުމޫނުގެ ދިގު 30 އަހަރުދުވަހުގެތެރޭގައިވެސް އެކަށީގެންވާ
    ކުރިއެރުމެއް ގައުމަށް ލިބިފައިނުވޭ ވީމާ، 1980 އަށް ނުވިސްނަވާ އެގޮތަށް ކުރިއަށް ނުގެންދަވާ
    އެއީ ލިބޭނެކުރިއެރުމެއް ނުފެންނާނެތީ

  5. ނާހީ

    މީނާ އަށްވެގެން އުޅޭގޮތް އެންމެންނަށްވެސް އިނގެޔޭ! ޓީ ޓީ އެސޯސިއޭޝަން މުށުތެރެއަށް ނުލެވިގެން މިރުޅި މިބާލަނީ...

    17
    3
  6. ހަތަރު ކަށިމަތި

    ޓީޓީ އެސޯސިއޭޝަންގެ ވޯޓާރސް ލިސްޓްގައި ހުރި އައި.ޑީ.ކާޑު ނަމްބަރ ތައް ޕާޓީގެ އޮފީހަށް ގެންގޮސްގެން އެއެންމެން ހޯދައިގެން މީނާގެ މީހުން އެމީހުންނަށް ގުޅި ވޯޓް ހޯދަން.. ދެން އެމީހުން ވޯޓް ނުދިނީ މީނާގެ މީހުންނަށް ވޯޓްދޭން ނުފެންނާތީ ނޫންތަ؟ ހޭއަރާ!

  7. އަފްސީން

    މިއެއްޗަކު ދުނިޔެއަށް އައީ ކުޅިވަރުކުޅެންތަ

  8. އެމަންޖެ

    ކަލޯ ލާރި ކެވޭވަރު މަދުވީތަ...؟؟

  9. މިތުރާ

    ކޮބާ ހީވޭ ކަމެއްހެން؟ އަމިއްލަ ސަރުކާރުގެ ނާޤާބިލު ކަމުގެ ވާހަކަ ދައްކަނީ ހަމައެކަނި އިދިކޮޅުން ނޫންކަން އެނގި ހާމަވަނީ. އަމިއްލަ ޕާޓީގެ އިސް ފަރާތްތަކުންވެސް އެކަމަށް އެދަނީ އެއްބަސް ވަމުން. ކިތަންމެ ވަރަކަށް ޙަޤީޤަތް އޮޅުވާލާ ފޮރުވަން އުޅުނަސް، ޙަޤީޤަތް ހާމަކުރައްވާ ޙައްޤަށް ނަސްރު ދެއްވާނެ. އިންޝާﷲ