ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިރޭ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑުން ނެރޭ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

މެޗު ކުޅުމަށް ޔުނައިޓެޑުގެ ސްކޮޑު ފްރާންސްއަށް ދިޔައިރު މުހިންމު ބައެއް ކުޅުންތެރިން ޓީމާއެކު ގޮސްފައެއް ނުވެއެވެ. އެގޮތުން މި ސީޒަނަށް ހިލޭ ޓްރާންސްފަރ އެއްގައި ގުޅުނު ކުރީގެ ޕީއެސްޖީގެ ފޯވާޑް އެޑިންސަން ކަވާނީގެ އިތުރުން ކެޕްޓަން މެގުއަޔަރ، ޑިފެންޑަރު އެރިކް ބެއިލީ އާއި މޭސަން ގްރީންވުޑްގެ އަދި ޖެސީ ލިންގާޑްވެސް ޓީމާއެކު ދަތުރުކޮށްފައެއް ނުވެއެވެ.

މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ޔުނައިޓެޑުގެ ކޯޗް އޮލެގޮނަ ސޯލްޝެއާ ބުނީ ކެޕްޓަން މެގުއާ އާއި މޭސަން ގްރީންވުޑް ޓީމާއެކު ދަތުރު ނުކުރީ އަނިޔާގެ މައްސަލަތަކެއްގެ ސަަބަބުން ކަމަށެވެ. އަދ ކަވާނީ ސްކޮޑުން ބާކީކުރީ އޭނާ ޓީމާއި ގުޅި ކަރަންޓީނުގެ މުއްދަތު ހަމަކުރަން ޖެހުމުގެ ސަބަބުން ޓީމާއި އެކު މެޗުގެ ކުރިން ބައިވެރިވެވުނީ އެންމެ ފަހަރަކު ކަމަށެވެ. އެހެން ކަމުން ކަވާނީއާއި ވާހަކަދެއްކުމަށްފަހު ނިންމީ އަދި އޭނާ މިވަރުގެ ބޮޑު މެޗެއް ކުޅުމަށް ތައްޔާރު ނުވެވޭ ކަމަށާއި ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވެ އެކަށީގެންވާ ވަގުތު ލިބުމުން ނޫނީ މެންޗަސްޓަރ އަށް އޭނާ ކުޅެދޭ ފުރަތަމަ މެޗު ނުކުޅުމަށެވެ.

މީގެއިތުރުން ސޯލްޝެއަރ ބުނީ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް މެޗުގައި ނުކުޅެވުނު ނަމަވެސް މެޗަށް އެކުލަވާލާފައިވާ ސްކޮޑަކީ މެޗުން މޮޅުވެވޭ ފެންވަރުގެ ވަރުގަދަ ސްކޮޑެއް ކަމަށެވެ. އަދި އެންމެފަހުން ޔުނައިޓެޑު ޕީއެސްޖީއާއި ކުރިމަތިލާ 1-3 އިން ކުރިހޯދި މެޗުގައިވެސް ޔުނައިޓެޑުގެ 10 ކުޅުންތެރިއަކަށް ނުކުޅެވުނު ކަމަށާއި އެހެންނަމަވެސް އެމެޗުންވެސް ޔުނައިޓެޑުގެ ކުޅުންތެރިން ތަފާތު ދައްކާ މެޗުން މޮޅުވިކަމަށެވެ. އެހެންކަމުން އެ ހާލަތަށްވުރެ ރަނގަޅު ހާލަތެއްގައި ޓީމު އޮވެ މެޗުން މޮޅުނުވެވޭންވީ އެއްވެސް ސަބަބެއް ނެތްކަމަށްވެސް ސޯލްޝެއަރ ވަނީ ބުނެފައެވެ.

މެގުއާގެ ބަދަލުގައި ޔުނައިޓެޑުގެ ކެޕްޓަން ބޭންޑް އަޅާނީ ކޮން ކުޅުންތެރިއެއް؟

މެޗާއި ބެހޭގޮތުން ފްރާންސްގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން ސޯލްޝެއަރ ބުނީ މެގުއާގެ ބަދަލުގައި ޓީމުގެ ފަހުރުވެރި ކެޕްޓަން ބޭންޑު އަޅާނީ ޔުނައިޓެޑުން ނެރެމުންދާ ރަނގަޅު ނަތީޖާތަކުގެ އެއް މޭސްތިރި ކަމަށްވާ ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރު ބްރޫނޯ ފެރްނާންޑޭޒް ކަމަށެވެ.

މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ޕޯޗުގަލްގެ ސްޕޯޓިންގް ލިސްބަން އިން ޔުނައިޓެޑަށް ބަދަލުވުމަށްފަހު 20-2019 ވަނަ އަހަރުގެ ސީޒަނުގެ ބާކީ ބައިގައި 22 މެޗުން 12 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި ސީޒަންގައި ޔުނައިޓެޑަށް ގޯލްޖަހަން އެންމެ ގިނަ ފުރުސަތު ތަނަވަސްކޮށްދިން އެއް ކުޅުންތެރިއަކީވެސް އޭނާއެވެ.

ސޯލްޝެއަރ އިތުރަށް ބުނީ މެގުއާގެ ބަދަލުގައި ޓީމުގެ އިސް ކުޅުންތެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެނާންޑޭޒް އަށްވުރެ ވަކި ގާބިލް އިތުރު ކުޅުންތެރިއަކު ނެތް ކަމަށެވެ. އަދި ފުޓުބޯޅަ ބަލާ މީހަކު މިކަމަށް ދެބަސް ނުވާނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޕްރިމިއަރ ލީގުގައި ޔުނައިޓެޑުން މިހާތަނަށް ކުޅުނު 4 މެޗުގައި ބްރޫނޯ ވަނީ 3 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އިތުރު ދެ ލަނޑު ޖެހުމަށް ބްރޫނޯ ވަނީ ފުރުސަތު ތަނަވަސްކޮށްދީފައެވެ. އެންމެފަހުގެ ނަތީޖާތަކަށް ބިނާކޮށް ޔުނައިޓެޑު އޮތީ ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލްގެ 14 ވަނައިގައި 6 ޕޮއިންޓާއެކުއެވެ.

މި ދެ ޓީމު މިރޭ ޗެމްޕިއަންސް ލީގުގައި ބައްދަލުކުރާ މެޗު ފަށާނީ މިރޭ ދަންވަރު 00.00 ގައެވެ.