ހިންނަވަރު ސޮސް ބޮއީޒް އިން ކޮންމެ ރަމަޟާން މަހަކު ކުރިއަށްގެންދާ "ސޮސް ރަމަޟާން ކަޕް" މިއަހަރު ބޭއްވުމަށް ނިންމައިފިއެވެ.

ސޮސް ރަމަޟާން ކަޕުގައި ބައިވެރި ވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައި ވާއިރު، މުބާރާތުގައި ބައިވެރި ވުމަށް އެދި ޓީމް ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހުގެ 16:00 އެވެ. މުބާރާތުގައި ބައިވެރި ވުމަށް އެދި ޓީމް ލިސްޓު ހުށަހަޅަން ޖެހެނީ ހިންނަވަރު ޒުވާނުންގެ މަރުކަޒަށެވެ.

މިމުބާރާތުގައި ބައިވެރިވާ ޓިމުތަކުގެ ޓީމު ލިސްޓުގައި ގިނަވެގެން 15 ކުޅުންތެރިން ޖެހޭއިރު ރަށުން ބޭރު 2 ކުޅުންތެރިން ޖެހޭނެއެވެ. ރަށުން ބޭރު ނަމަވެސް ހިންނަވަރު މީހަކާއި ކައިވެނި ކޮށްގެން އުޅޭ ކޮންމެ މީހަކުވެސް ބެލެވޭނީ ހިންނަވަރު މީހެއްގެ ގޮތުގައެވެ. ކުޅުންތެރިންގެ އިރުތުން ކޮންމެ ޓީމެއްގައިވެސް 3 އޮފިޝަލުން ހިމަނަން ޖެހޭނެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދި ޓީމު ލިސްޓު ހުށަހަޅާއިރު ލިސްޓުގައި ހިމެނޭ ކޮންމެ ކުޅުންތެރިއެއްގެ އަދި އޮފިޝަލެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އެއް ހުށަހަޅަން ޖެހެއެވެ. މީގެ އިތުރުން މިމުބާރާތުގައި ބައިވެރި ވުމުގެ ފީއެއްގެ ގޮތުން ނެގޭ -/1500ރ ވެސް ބައިވެރިވާ ކޮންމެ ޓީމަކުން ޓީމް ލިސްޓާއި އެކު ހަވާލު ކުރަން ޖެހެއެވެ.

މިއީ ކޮންމެ ކޮޅަކަށް 8 ކުޅުންތެރިން ހިމަނައިގެން ކުޅެވޭ މުބާރާތަކަށްވާއިރު މުބާރާތުގައި ބައިވެރި ވުމަށް ނަންގަވަން ޖެހޭ ފޯމު މިއަދުން ފެށިގެން ހިންނަވަރު ޒުވާނުންގެ މަރުކަޒުންނާއި އަނދިރި ޖަގަހައިން ލިބެން ހުންނާނެއެވެ. މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 9882018 އަދި 9709828 ނަމްބަރު ފޯނަށެވެ.