އަންނަ މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް ނެގި ސްޕެއިންގެ 23 ކުޅުންތެރިންގެ ސްކޮޑުން ޗެލްސީ އަށް ކުޅެމުން އަންނަ ފޯވާޑް އަލްވަރޯ މޮރާޓާ ބާކީކޮށްފިއެވެ.

ސްޕެއިންގެ 23 ކުޅުންތެރިންގެ ސްކޮޑުން މޮރާޓާ ބާކީކުރިއިރު މި ސީޒަނުގެ ފަހުކޮޅު އޭނާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ދަށް ކުޅުމެކެވެ. އެއާއެކު ޗެލްސީގެ ފުރަތަމަ އެގާރައިން ވެސް ބައެއް މެޗުތަކުގައި މޮރާޓާ އަށް ވަނީ ޖާގަ ގެއްލިގެން ގޮސްފައެވެ.

މޮރާޓާ އެންމެފަހުން ސްޕެއިންގެ ގައުމީ ޓީމަށް މެޗެއް ކުޅެދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މޮރާޓާގެ އިތުރުން ޗެލްސީ އަށް ކުޅެމުން އަންނަ ސެސްކް ފެބްރިގާސް އާއި މާކޮސް އޮލޮންސޯގެ އިތުރުން އާސެނަލް އަށް ކުޅެމުން އަންނަ ހެކްޓަ ބެލެރިން އަށް ވެސް ސްޕެއިންގެ ސްކޮޑުން ޖާގަ ދީފައެއް ނުވެއެވެ.

ވޯލްޑް ކަޕްގައި ސްޕެއިން މިފަހަރު ލައްވާލާފައިވަނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ޕޯޗުގަލް އާއި އީރާންގެ އިތުރުން މޮރޮކޯއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 15 ވަނަ ދުވަހު ސްޕެއިން ނިކުންނާނީ އެންމެފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޕޯޗުގަލްއާ ދެކޮޅަށެވެ.

ވޯލްޑް ކަޕަށް ނެގި ސްޕެއިންގެ 23 ކުޅުންތެރިންގެ ސްކޮޑު:

ކީޕަރުން: ޑޭވިޑް ޑެހެޔާ (މެންޗެސްޓަރ ޔުނައިޓެޑް)، ޕެޕޭ ރެއިނާ (ނަޕޯލީ)، ކެޕާ އަރިޒަބަލަގާ (އެތްލެޓިކް ބިލްބާއޯ)

ޑިފެންޑަރުން: ސާޖިއޯ ރާމޯސް (ރެއާލް މެޑްރިޑް)، ޖެރާޑް ޕީކޭ (ބާސެލޯނާ)، ޔޯޑީ އަލްބާ (ބާސެލޯނާ)، ސެޒާ އަޒްޕެލިކުއެޓާ (ޗެލްސީ)، ނާޗޯ މޮންރެއާލް (އާސެނަލް)، ޑެނީ ކަވަހާލް (ރެއާލް މެޑްރިޑް)، އަލްވަރޯ އޮޑްރިޒޯލާ (ރެއާލް ސޮސިއެޑާޑް)، ނާޗޯ ފަނާންޑޭޒް (ރެއާލް މެޑްރިޑް)

މިޑްފީލްޑަރުން: އަންދްރޭސް އިނިއެސްޓާ (ބާސެލޯނާ)، ޑޭވިޑް ސިލްވާ (މެންޗެސްޓަރ ސިޓީ). ކޮކޭ (އެތްލެޓިކޯ މެޑްރިޑް)، ސައުލް (އެތްލެޓިކޯ މެޑްރިޑް)، ތިއާގޯ (ބަޔާން މިއުނިކް)، ސާޖިއޯ ބުސްކެޓްސް (ބާސެލޯނާ)، އިސްކޯ (ރެއާލް މެޑްރިޑް)،

ފޯވާޑުން: ޑިއޭގޯ ކޮސްޓާ (އެތްލެޓިކޯ މެޑްރިޑް)، އިއާގޯ އަސްޕާސް (ސެލްޓަވީގޯ)، މާކޯ އެސެންސިއޯ (ރެއާލް މެޑްރިޑް)، ރޮޑްރިގޯ މޮރޭނޯ (ވެލެންސިއާ)، ލޫކަސް ވަޒްކުއޭޒް (ރެއާލް މެޑްރިޑް)