މިދިޔަ ސީޒަނުގައި ފޯކައިދޫ ފުޓުބޯޅަ ކުލަބަށް ކުޅުނު މިޑްފީލްޑަރ ހަސަން ސުފްޔާން (ސޫފީ) ކުލަބް ވެލެންސިޔާއަށް ބަދަލުވެއްޖެއެވެ.

"ވަގުތު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ކުލަބް ވެލެންސިޔާއަށް ސޮއިކޮށްފައިވަނީ ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެންމެ ފަހު ދެ ސީޒަނުގައި ސޫފީ ކުޅުނީ ފޯކައިދޫ ފުޓުބޯޅަ ކުލަބަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ސީޒަން ފެށުމުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި ލިބުނު އަނިޔާއާއި ގުޅިގެން އޭނާއަށް ވަނީ ސީޒަން ގެއްލިފައެވެ. ނަމަވެސް އޭނާ ވަނީ އޭގެ ކުރީ އަހަރުގައި ފޯކައިދޫގައި މޮޅު ކުޅުމެއް ކުޅެފައެވެ.

ސުފްޔާން އެންމެ ބޮޑަށް ވިދާލީ ރާއްޖޭގެ ޔޫތު ޓީމުތަކުންނެވެ. އެގޮތުން ރާއްޖޭގެ 13 އަހަރުންދަށާއި، 15 އަހަރުންދަށުގެ އިތުރުން 19 އަހަރުންދަށުގެ ޤައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރިއެވެ.

ކުލަބް ލެވެލްގައި ސޫފި އެންމެ ފުރަތަމަ ގުޅުނީ އުމުރުން 18 އަހަރުގައި ވީބީ އައްޑޫ އެފްސީއަށެވެ. އެ ކުލަބުގެ ފަސް އަހަރު ހޭދަކުރުމަށްފަހު އޭނާ ދެން ގުޅުނީ ކުލަބް އީގަލްސްއަށެވެ. އެ ކުލަބުގައި އެއް އަހަރު އޭނާ ހޭދަކުރިއެވެ. އެއަށްފަހު ދެން ގުޅުނީ ފޯކައިދޫއަށެވެ.

ކުލަބް ވެލެންސިއާގެ ފަރިތަކުރުންތައް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. އެ ކުލަބުގެ ފުރަތަމަ ފަރިތަކުރުންތަކުގައި ވެސް ސޫފީ ވަނީ ބައިވެރިވެފައެވެ.

މި ސީޒަނުގައި ކުލަބް ވެލެންސިއާއަށް ސޮއިކުރި ކުޅުންތެރިންގެ ތެރޭގައި ގޯލްޑް ކެޕްޓަން އަކްރަމް އަބްދުލް ޢަނީ އާއި ސްޕެއިންގެ ދަށް ޑިވިޝަންތަކުގައި ކުޅުނު ޒާން އާމިރު އާއި މީގެކުރިން ފުރަތަމަ ޑިވިޝަނުން ފެނުނު ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

ޓީމުގެ ފަރިތަކުރުންތައް ފެށީ އެޗްޕީއޭއާއި އެފްއޭއެމް ގުޅިގެން އެކުލަވާލި ގައިޑްލައިންތަކުގެ ދަށުންނެވެ. އާ ގައިިޑްލައިނާއެކު ފަރިތަކުރުންތައްް ކުރިޔަށްދާނީ އުސޫލުތަކެއްގެ ދަށުންނެވެ.

މިފަހަރުގެ ލީގުގައި ވާދަކުރާ 8 ކުލަބަކީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ލީގުގެ ކުޅުން ފަށާނެ ތާރީހެއް އެފްއޭއެމުން އަދި ޔަގީންކޮށް ނުދެއެވެ. ނަމަވެސް ވަރަށް އަވަހަށް ދުވަހެއް ފައިނަލްވާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.