ޕްރިމިއަރ ލީގަށް އާސެނަލްގެ ކޯޗް މިކެލް އާޓެޓާ އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑުން އެޓީމަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ބާކީކޮށްފިއެވެ.

ސްކޮޑުގައި ނުހިމެނުމުގެ ސަބަބުން އޮޒިލްއަށް ދެން އެންމެ އަވަހަށް އާސެނަލް ޖާޒީގައި ކުޅުމުގެ ފުރުސަތު އެންމެ އަވަހަށްވެސް ލިބޭނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. ޕްރިމިއަރ ލީގަށް އާސެނަލުން އެކުލަވާލި ސްކޮޑުގައި އޮޒިލް ނުހިމެނޭއިރު، ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖްގެ މެޗުތަކަށް އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑުންވެސް އޮޒިލްއަށް ޖާގަ ދީފައެއް ނުވެއެވެ.

ކޮވިޑް-19 އަށް ސީޒަން މެދުކަނޑާލުމަށްފަހު އަލުން ކުޅުން ފެށިފަހުން އަދި މި ސީޒަނުގައި އާސެނަލުން ކުޅުނު އެއްވެސް މެޗެއްގައި ކުޅުމުގެ ފުރުސަތު އޮޒިލްއަށް ދީފައިނުވާއިރު އޮޒިލް އަކީ އާސެނަލުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިޔާ އެވެ. އޭނާއަށް ހަފްތާއަކު 454,000 ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ. ސްޕެއިންގެ ރެއާލް މެޑްރިޑުން 2013 ވަނަ އަހަރު އާސެނަލާ ގުޅުނު އޮޒިލް ހަތް އަހަރު އެޓީމާއެކު ހޭދަކޮށްފައިވާއިރު އޮޒިލްވަނީ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާ އެ ކާމިޔާބީތައް ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ޕްރިމިއަރ ލީގުގެ ގަވައިދުގައި ވާގޮތުން މިއަދު 25 ކުޅުންތެރިންގެ ސްކޮޑް ލިސްޓެއް ހުށަހަޅަންޖެހޭއިރު އެ ލިސްޓުގައި އެންމެ ގިނަވެގެން ޖެހޭނީ ގައުމުން ބޭރު 17 ކުޅުންތެރިންނެވެ. އޮޒިލްގެ އިތުރުން އާޓެޓާ އެކުލަވާލި ސްކޮޑުގައި އެޓީމުގެ ސެންޓަރ ބެކް ސޮކްރަޓިސްވެސް ހިމަނާފައެއް ނުވެއެވެ.

އާސެނަލުން އޮޒިލް ވިއްކާލުމުގެ މަސައްކަތް ފަށާފައިވާއިރު އޭނާ ހޯދުމަށް ސައުދީ އަރަބިއްޔާގެ ކުލަބެއް ކަމަށްވާ އަލް ނަސްރުން ވަނީ މިހަފްތާތެރޭ ބިޑުކޮށްފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އޮޒިލް ހޯދުމަށް އެ ކުލަބުން ބިޑުކުރަނީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން 5 މިލިއަން ޕައުންޑަށެވެ. މީގެއިތުރުން މި ބިޑުގައި އޮޒިލްގެ މުސާރައަށް އަސަރުނުކުރާނެ ގޮތަށް މާއްދާތަކެއް ވަނީ ހިމަނާފައެވެ. އެހެންނަމަވެސް އޮޒިލްވަނީ އެބިޑަށް ނޫނެކޭ ބުނެފައެވެ.

އާސެނަލުން ވަނީ މިދިޔަ ދެ ހަފުތާގެ ތެރޭގައި ކޮންޓްރެކްޓް އުވާލުމަށް އޮޒިލްއާއެކު މަޝްވަރާވެސް ކޮށްފައެވެ. ނަމަވެސް މި މަޝްވަރާތައް ދަނީ އެހާ ރަނގަޅަކަށް ނޫނެވެ. އެގޮތުން އޮޒިލް ބޭނުންވަނީ އޭނާ އެ ކުލަބުގައި ބާކީ އޮތް ނުވަ މަސްދުވަހުގެ މުސާރައަށްވާ 13 މިލިއަން ޕައުންޑު ލިބޭގޮތަށެވެ. ނަމަވެސް އާސެނަލުން އެގޮތަކަށް އެއްބަހެއް ނުވެއެވެ. އެ ކުލަބުން ބޭނުންވަނީ ބާކީ ދުވަސްތަކުގެ ފައިސާ ނުލިބޭގޮތަށް ކޮންޓްރެކްޓް އުވާލާށެވެ.

ސްކޮޑުގައި ހިމެނުމުގެ ފުރުސަތު ނުލިބުންނަމަވެސް އޮޒިލް ވަނީ ކޮވިޑް-19ގެ ސަބަބުން އާސެނަލް އިން ބޭނުންކުރަމުން އައި މެސްކޮޓަށް ޓީމުން މުސާރަ ދެވެން ނެތްކަމަށް ބުނުމުން މެސްކޮޓަށް މުސާރަދޭނީ އޭނާކަމަށް ބުނެފައެވެ. އަދި އާސެނަލްގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ހުރި ދުވަހަކު މެސްކޮޓުގެ މުސާރަ ދޭނީ އޭނާ ކަމަށްވެސް ބުންޏެވެ.