މި ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގުގައި ހިމެނޭ ކުޅުންތެރިންގެ ލިސްޓުގައި އެ ޓީމަށް ކުރިން ކުޅުނު ތަޖުރިބާކާރު ގޯލްކީޕަރު ޕީޓާ ޗެކް ހިމަނައިފިއެވެ.

ޗެލްސީން އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑުގައި ޗެކް ހިމަނާފައިވާއިރު އޭނާއާއެކު ގޯލްކީޕަރުންގެ ގޮތުގައި ހިމަނާފައިވަނީ ކެޕާ އަރިބަޒަލަގާ އާއި ވިލީ ކަބަލެރޯގެ އިތުރުން އެޑުއާޑް މެންޑީ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 38 އަހަރުގެ ކީޕަރުގެ ނަން ސްކޮޑުގައި ހިމަނާފައިވަނީ ޓީމުގެ ބެކްއަޕް ކުޅުންތެެރިއެއްގެ ގޮތުންނެވެ. އަދި އޭނާ އެނބުރި ޗެލްސީއާއި ގުޅުނީ ކޯޗު ފްރޭންކް ލަމްޕާޑުގެ އެދުމުގެ މަތިންކަމަށް ވެއެވެ.

މިކަމާއި ގުޅިގެން ޗެލްސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޗެކް އެ ޓީމުގެ ކީޕަރުކަމަށް ގެނައީ އެމަޖެންސީ ކީޕަރެއްގެ ގޮތުގައި ކަމަށެވެ. އަދި މިއީ ދިމާވެދާނެ ހާލަތަކަށް ބެލުމަށްފަހު އެޅި ފިޔަވަޅެއްގެ ގޮތުގައި އެ ކުލަބުން ބުނެއެވެ. އަދި ޗެކް ހިމެނޭނީ އެއްވެސް ކޮންޓްރެކްޓެއްގެ ދަށުން ނޫން ކަމަށްވެސް އެ ކުލަބުން ބުނެއެވެ.

ޗެކް މަސައްކަތްކުރަމުން އަންނަނީ ޗެލްސީގެ ޓެކްނިކަލް އެންޑް ޕާފޯމަންސް އެޑްވައިޒަރުގެ މަޤާމުގައެވެ. އޭނާ އެންމެ ފަހުން ޕްރޮފެޝަނަލް މެޗެއް ކުޅެފައިވަނީ 2019 ވަނަ އަހަރު ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލުގައި އާސެނަލްގައެވެ.

ޗެކް ވަނީ 2004 އިން 2015 އާއި ހަމައަށް ޗެލްސީއަށް 494 މެޗު ކުޅެދީފައެވެ.