މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވާ ކުލަބް ގްރީންސްޓްރީޓްސްގެ ގޯލްކީޕަރަކަށް ޕާކިސްތާން ޤައުމީ ޓީމުގެ ކުރީގެ ކީޕަރު ހަނީފް ސާގިބް ކުލަބް ގްރީންސްޓްރީޓްސް އަށް ބަދަލުވެއްޖެއެވެ.

އާ ސީޒަނަށް ތައްޔާރުވާ ކުލަބް ގްރީންސްޓްރީޓްސް އިން ހަނީފް ސާގިބްގެ ސޮއި ހޯދިއިރު އޭނާ އެންމެ ފަހުން ކުޅުނީ ޓީސީ ސްޕޯޓްސް ކުލަބަށެވެ. ނަމަވެސް އޭއެފްސީ ކަޕުގައި ޓީސީ ކުޅުނު މަދު މެޗުތަކަށްފަހު އެ ކުލަބުން އޭނާ ދޫކޮށްލީ މާލީ ހާލަތާއި ގުޅިގެންނެވެ.

"ވަގުތު ސްޕޯޓްސް" އާއި ވާހަކަދައްކަމުން ކުލަބް ގްރީންސްޓްރީޓްސް ގެ ޖެނެރަލް ސެކްރެޓަރީ އަލީ ރިޒާވެސް ވަނީ ޕާކިސްތާން ކީޕަރު އެ ކުލަބަށް ކުޅޭނެކަމުގެ ޔަގީންކަންދީފައެވެ. ރިޒާ ވިދާޅުވީ ކުލަބް ގްރީންސްޓްރީޓްސްގެ ފަރިތަކުރުންތައް އަވަސް މުސްތަގުބަލެއްގައި ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި ސްކޮޑަށް ބޮޑު ބަދަލުތަކެއް މިފަހަރު އަންނާނެ ކަމަށެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ބޮޑު ކުރިއެރުމެއް ޙޯދަމުން އަންނަ ކުލަބް ގްރީންސްޓްރީޓްސް އަކީ ބޮޑެތި ހަރަދުތަކެއް ކޮށްގެން މިދިޔަ ސީޒަނާއި ކުރިމަތިލި ޓީމެކެވެ. ނަމަވެސް ވަކި ހިސާބަކުން ސްކޮޑަށް ބަދަލުތަކެއް އައެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފެށި ޓީމުތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް ވެލެންސިއާ އެވެ. އަދި މި މަހުގެ ފަހުކޮޅު އިތުރު ކުލަބުތަށްވެސް ފަރިތަކުރުންތައް ފަށާނެކަމުގެ މައުލޫމަތު ލިބެއެވެ.

މިފަހަރުގެ ލީގުގައި ވާދަކުރާ 8 ކުލަބަކީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ލީގުގެ ކުޅުން ފަށާނެ ތާރީހެއް އެފްއޭއެމުން އަދި ޔަގީންކޮށް ނުދެއެވެ. ނަމަވެސް ވަރަށް އަވަހަށް ދުވަހެއް ފައިނަލްވާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.