އިނގިރޭސި ކުލަބް ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހުއެން-މިންގެ އެއްބަސްވުން އާކުރަން އެ ކުލަބުން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޓޮޓެންހަމުން ސޮންގެ އެއްބަސްވުން އާކުރަން ނިންމީ އެ ކުލަބުގެ ކޯޗު ހޯސޭ މޮރީނިއޯގެ އެދުމުގެ މަތިންނެވެ. އެއީ މި ސީޒަނުގައި އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމަށް ބަލާފައެވެ.

އުމުރުން 28 އަހަރުގެ ސޮން ވަނީ މި ސީޒަނުގެ މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން ފަސް މެޗުގައި ހަތް ލަނޑު ޖަހާފައެވެ. އަދި ޓީމު މޮޅުކޮށްދިނުމުގައިި އާއި ޓީމު ލައްވާ ކުޅުވުމުގައި ވެސް އޭނާގެ ދައުރު ވަރަށް ބޮޑެވެ.

ކުރީގައި އޮތް އެއްބަސްވުމުގައިވާ ގޮތުން ސންގެ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގައެވެ. އޭނާ ޓޮޓެންހަމާއި ގުޅުނީ ބަޔާން ލެވެކުސަން އިން 2015 ވަނަ އަހަރު 22 މިލިއަން ޕައުންޑަށެވެ. ސޮން މިހާރު ޓޮޓެންހަމާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާއަށް ހަފުތާއަކުން 150،000 (އެއް ލައްކަ ފަންސާސް ހާސް) ޕައުންޑުގެ މުސާރައެއް ލިބެއެވެ.

ސޮން ވަނީ މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން 236 މެޗުގައި 93 ލަނޑު ޖަހާފައެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ދެކުނު ކޮރެއާއިން ވަނީ 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ކާމިޔާބުކޮށްފައެވެ.