ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް "ޖީ" ގައި ރޭ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އާއި ސްޕެއިންގެ ގަދަބާރު ބާސެލޯނާއިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ޔޫކްރެއިންގެ ޑައިނަމޯ ކިޔޭވް އާއި ދެކޮޅަށް އެޓީމުގެ ދަނޑުގައި ވާދަކޮށް ޔުވެންޓަސް އިން ކުރިހޯދީ 0-2ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުވެންޓަސްއަށް ކުޅޭ ޕޯޗުގަލްގެ ކެޕްޓަން އަދި ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކަމުގައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. ކޮވިޑް-19 އަށް ފައްސިވެ ރޮނާލްޑޯ ހުރީ އައިސޮލޭޝަންގައެވެ.

ދާދި ހަމަހަމަ ކުޅުމަކަށްފަހު ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑެއް ނުޖެހި ނިމުނު ނަމަވެސް ދެވަނަ ހާފުގައި ވަރުގަދަކޮށް ފެށި ޔުވެންޓަސް އިން ވަނީ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުތެރޭ ލަނޑެއް ޖަހާފައެވެ. ޑިޖަން ކުލުސެވްސްކީ ފޮނުވާލި ބާރު ހަމަލާއެއް ޑައިނަމޯ ކިޔީވްގެ ގޯލް ކީޕަރު ދިފާއުކުރިނަމަވެސް ރިބައުންސް ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެން ޔުވެންޓަސް އަށް މެޗުގައި ލީޑު ނަގައިދިނީ ޒުވާން ފޯވާޑް އަލްވާރޯ މޮރާޓާއެވެ.

މިލަނޑަށްފަހު ޑައިނަމޯ ކިޔޭވްއިން ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހުމަށް އިތުރު ހިތްވަރަކާއެކު މަސައްކަތް ކުރަން ފެށިއެވެ. އެހެންނަމަވެސް އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްލެވޭހާ ނުވަތަ ޔުވެންޓަސްގެ ކީޕަރު ޓެސްޓު ކޮށްލެވޭނެ ވަރުގެ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މެޗުގައި ފެނިގެންދިޔަ ދެވަނަ ލަނޑުވެސް ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން ލޯން ޓްރާންސްފަރ އެއްގައި ޔުވެންޓަސްއާ ގުޅުނު އަލްވާރޯ މޮރާޓާއެވެ. މޮރާޓާ މި ލަނޑު ކާމިޔާބުކުރީ ހުއާން ކުއަޑްރާޑޯ ނަގައިދިން ރީތި ހުރަހެއް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ޔުވެނެޓަސްގެ މިމޮޅާއެކު އެޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ކޯޗުގެ މަގާމުގައި ހުރި އަންދްރޭ ޕިރްލޯ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އަވޭ މެޗަކުން މޮޅުކޮށްދިން ތިންވަނަ ކޯޗަށެވެ.

މީގެ އިތުރުން ހަމަ މިގްރޫޕުގައި ރޭ ސްޕެއިންގެ ބާސެލޯނާއިން ވަނީ ހަންގޭރީގެ އެންމެ ފަހުގެ ޗެމްޕިއަން އަދި އެގައުމުގެ އެންމެ ކާމިޔާބު ކްލަބް ފެރެންކަވަރޯސްގެ މައްޗަށް 1-5 ގެ ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ.

މެޗުގައި ބާސާއިން ޖެހި ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބާސާ އަދި އާޖެންޓީނާގެވެސް ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ މެސީއަށް ފެރެންކަވަރޯސްގެ އަދްނާން ކޮވަސެވިޗް އޭރިއާތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުން ޕެނަލްޓީއެކެވެ. މިހާފުގައި ބާސާއިން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ފްރޭންކީ ޑީ ޖޮންގް ތަނަވަސްކޮށްދިން ރީތި ތްރޫ ޕާހަކުން ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އަންސޫ ފަޓީއެވެ.

ދެވަނަ ހާފުގައި ބާސާއިން އިތުރު ތިންލަނޑު ކާމިޔާބުކޮށްފައިވާއިރު ފެރެންކަވަރޯސް އިންވެސް ވަނީ މިހާފުގައި ލަނޑެއް ޖަހާފައެވެ. ބާސާއިން މެޗުގައި ޖެހި 3 ވަނަ ލަނޑު އަންސޫ ފަޓީގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ފާއިތުވި ސީޒަނުގައި ލޯން ޓްރާންސްފަރއެއްގެ ދަށުން ޖަރުމަނުގެ ބަޔާން މިއުނިކް އަށް ކުޅެ އެޓީމާއެކު ޗެމްޕިއަންސް ލީގުގެ ތަށިވެސް އުފުލާލާފައިވާ ބްރެޒިލްގެ ޕިލިޕޭ ކުޓީނިއޯއެވެ.

މެޗުގައި ފެރެންކަވަރޯސްއިން ޖެހި ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިގޯރް ޙަރަޓިންއެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން ފެރެންކަވަރޯސްގެ ޓޮކްމަކް ޗޮލްގެ ޖާޒީގައި ހިފަހައްޓާ ބާސާގެ ޖެރާޑް ޕީކޭ ހުރަސްއެޅުމުން ލިބުނު ޕެނަލްޓީއެކެވެ. ޕީކޭގެ މިފައުލާއި ގުޅިގެން ރެފްރީވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.

ބާސާގެ 4 ވަނަ ލަނޑު 82 ވަނަ މިނެޓުގައި އެޓީމައް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޕެޑްރީއެވެ. އަދި މިލަނޑު ޖެހުމުގެ ފުރުސަތު ތަނަވަސްކޮށްދިނީވެސް ފަހު ހާފުގައި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ފްރާންސްގެ އުސްމާން ޑެމްބެލޭއެވެ. މެޗުގައި ބާސާއިން ޖެހި 5 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީވެސް މެސީގެ އެހީތެރިކަމާއެކު ޑެމްބެލޭއެވެ.

މިނަތީޖާތަކާއެކު ގްރޫޕް ޖީގެ އެއްވަނައިގައި ބާސާއޮތީ 3 ޕޮއިންޓާއެކު ފައިދާ ގޯލުން ކުރިހޯދައިގެންނެވެ. ދެވަނައިގައި ޔުވެންޓަސް އޮތް އިރު ތިންވަނައިގައި އޮތީ ކިޔީވްއެވެ. އަދި ތާވަލްގެ ފުލުގައި ބައިކޮޅަށް 5 ލަނޑުވަދެގެން އޮތީ ފެރެންކަވަރޯސްއެވެ. މިގްރޫޕުގެ މެޗުތައް ދެން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. އެއްމެޗުގައި ބާސެލޯނާއާއި ޔުވެންޓަސް ވާދަކުރާއިރު އަނެއް މެޗުގައި ކުޅޭނީ ޑައިނަމޯ ކިޔީވް އާއި ފެރެންކަވަރޯސްއެވެ.