ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ރޭ އިނގިރޭސިވިލާތުގެ މެންޗަސްޓަރ ޔުނައިޓެޑާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ބައްދަލުކުރި މެޗު ވަރުގަދަ ކުރިމަތިލުމަކަށްފަހު ޔުނައިޓެޑުން ޕީއެސްޖީ ބަލިކޮށްފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗު އަނިޔާގެ މައްސަލަތަކާއި އަދި އެހެނިހެން މައްސަލަތަކާއި ހެދި މުހިންމު ގިނަ ކުޅުންތެރިންތަކަކާއި ނުލާ ކުޅުނު ޔުނައިޓެޑުން ކާމިޔާބުކުރީ 1-2ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު ދެޓީމުންވެސް ވަނީ ގޯލް ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ޕީއެސްޖީގެ ޑި މަރިއާ އޭރިއާ ބޭރުން ފޮނުވާލި ރީތި ހަމަލާ ގޯލާ އަމާޒުވި ނަމަވެސް ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ ބޯޅަ ގޯލަށް ވަނުމަށް ހުރަސްއަޅާ ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފައެވެ. އަދި ޕީއެސްޖީއިން ނެގި ކޯނަރު އެޓީމުގެ ލޭވިން ކުރްޒާވާ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް މިފަހަރުވެސް ހުރަހަކަށްވީ ޑެ ހެއާއެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ޔުނައިޓެޑުގެ އެންތަނީ މާޝިއަލް ޕީއެސްޖީގެ ޑިފެންޑަރުން ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

މެޗުގައި ޔުނައިޓެޑުން ޖެހި ފުރަތަމަ ގޯލް އެޓީމުން ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. އޭރިއާ ތެރެއިން ޕީއެސްޖީގެ ކުޅުންތެރިއަކު މާޝީއަލްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު މި ޕެނަލްޓީ މިމެޗުގައި ޔުނައިޓެޑުގެ ކެޕްޓަންކަން ކުރި ޕޯޗުގަލްގެ ބްރޫނޯ ފެރްނާންޑޭސް ފުރަތަމަ ފަހަރަށް ފޮނުވާލުމުން ޕީއެސްޖީގެ ކީޕަރު ކޭލާ ނަވާސް ވަނީ ދިފާއުކޮށްފައެވެ. އެހެންނަމަވެސް ފެރްނާންޑޭޒް ބޯޅަ ފޮނުވާލުމުގެ ކުރިން ކީޕަރު ނަވާސް ގޯލް ލައިން ހުރަސްކުރި ކަމަށްބުނެ ރެފްރީ ވީއޭއާރް ބެލުމަށް ފަހު އަލުން ޕެނަލްޓީ ޖެހުމަށް ފެރްނާންޑޭސްއަށް ވަނީ ފުރުސަތު ދީފައެވެ. ދެވަނަ ފަހަރަށް ވަރަށް ހަމަޖެހިލާފައި ފޮނުވާލި ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލާ އޭނާ ވަނީ ޔުނައިޓެޑަށް މެޗުގައި ލީޑު ނަގާދީފައެވެ.

ލަނޑަށްފަހުވެސް ދެޓީމުގެ ފަރާތުންވެސް އިދިކޮޅު ޓީމުގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި ނަމަވެސް ފުރަތަމަ ހާފު ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފް ޕީއެސްޖީއިން ފެށި ޔުނައިޓެޑަށް ވުރެ ވަރުގަދަކޮށެވެ. މެޗުގެ 47 ވަނަ މިނެޓުގައި ޕީއެސްޖީގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ނުރައްކާތެރި ހަމަލާއެއް އުފެއްދިނަމަވެސް ޑެ ހެއާ ވަނީ ވަރަށް ހުށިޔާރުކަމާއެކު ބޯޅަ ދިފާއުކޮށްފައެވެ.

ޕީއެސްޖީއަށް މެޗުގައި ޖެހުނު ހަމަ އެކަނި ލަނޑަކީ މެޗުގެ 55 ވަނަ މިނެޓުގައި ޕީއެސްޖީއިން ނެގި ކޯނަރެއް ޔުނައިޓެޑުގެ އެންތަނީ މާޝިއަލްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ނަތީޖާ ހަމަަހަމަވެ ދެޓީމުންވެސް ކުޅުން ރަނގަޅުކޮށް އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތްކުރިއެވެ. މެޗުގައި އެންމެ ތަފާތު މޮޅު ކުޅުމެއް ދެއްކީ ދެޓީމުގެވެސް ގޯލްކީޕަރުންނެވެ. ފުޓުބޯޅައިގެ ދުނިޔޭގައި ފާހަގަކޮށްލެވޭ އެތައް ކުޅުންތެރިއަކު ފޮނުވާލަމުން ދިޔަ އެތައް ހަމަލާތަކެއް ގޯލަށް ވަނުމަށް ހުރަހަކަށް ވަނީ ދެޓީމުގެވެސް ކީޕަރުންނެވެ.

މެޗުގައި މޮޅުވި ލަނޑު ދެވަނަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިންމިނެޓަށް ވެފައިވަނިކޮށް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް މާކަސް ރަޝްފޯޑެވެ. ރަޝްފޯޑް ފޮނުވާލި ބާރު ހަމަލާ ނަވާސްއަށް އަތުވާވަރަށްވުރެ މާބާރަށް ގޮސްވަނީ ގޯލްގެ ކަނަށެވެ. މިދެޓީމު އެންމެ ފަހުން ބައްދަލުކުރި މެޗުގައިވެސް ޔުނައިޓެޑުން ވަނީ 1-3 އިން ޕީއެސްޖީގެ މައްޗަށް ކުރިހޯދާފައެވެ.

މިގްރޫޕުގައި ރޭ ވަނީ އިތުރު މެޗެއްވެސް ކުޅެފައެވެ. ޖަރުމަނުގެ އާރް.ބީ ލައިޕްޒިގް އާއި ތުރުކީގެ އިސްތާންބުލް ބަސަކްސަހިރް ބައްދަލުކުރި މެޗުން އާރް.ބީ ލައިޕްޒިގް ކުރިހޯދީ 0-2ގެ ނަތީޖާއަކުންނެވެ. މެޗުގައި އާރް.ބީ ލައިޕްޒިގްއިން ޖެހި ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ހާފުގައި އެންޖެލީނިއޯއެވެ.

މިނަތީޖާތަކާއިއެކު މި ގްރޫޕްގެ އެއްވަނައިގައި އާރް.ބީ ލައިޕްޒިގް އޮތީ ގޯލްގެ ތަފާތުންނެވެ. ބައިކޮޅަށް އެއް ލަނޑު ވަދެ 2 ވަނައިގައި ޔުނައިޓެޑު އޮތްއިރު 3 ވަނައިގައި އޮތީ ޕީއެސްޖީއެވެ. ތާވަލުގެ އެންމެ ފުލުގައި އިސްތާންބުލް ބަސަކްސަހިރް އޮތީ ބައިކޮޅަށް ދެލަނޑު ވަދެ ލަނޑެއް ކާމިޔާބުނުކުރެވިއެވެ.