ވަފާތެރިކަމަކީ މަދުން ނޫނީ ނުލިބޭ އެއްޗެއް ކަމަށް މި ސީޒަނުގައި އަދި ކުޅުމުގެ ފުރުސަތުން މަހުރޫމުވެެ ހުރި ކަމަށް ބުނެ އާސެނަލްގެ ޖަރުމަނު މިޑްފީލްޑަރު މެސުޓް އޮޒިލް އާސެނަލްގެ ސަޕޯޓަރުންނަށް އަސަރުން ފުރިގެންވާ މެސެޖެއް ދީފިއެވެ.

ޓުވިޓާ މެދުވެރިކޮށް އޮޒިލް ދިން މެސެޖުގައި ބުނެފައިވަނީ އެތައް އަހަރެއްވަންދެން އެޓީމަކަށް ހިދުމަތް ކޮށްދެވުން އާސެނަލްގެ ސަޕޯޓަރުންނަށް މިމެސެޖު މިދެނީ ވަރަށް އުނދަގޫ ހާލަތެއްގައި ހުރެކަމަށެވެ. އެހެންނަމަވެސް މި ސީޒަނުގެ ޕްރިމިއަރ ލީގު އަދި ޔޫރަޕާ ލީގުންވެސް ޖާގަ ލިބިފައިނުވާތީ ވަރަށް ބޮޑަށް އަސަރުކޮށްފި ކަމަށެވެ.

ވަފާތެރިކަމާއިއެކު 2018 ވަނަ އަހަރު އާސެނަލާއި އެކު ހަދާފައިވާ އެއްބަސްވުން އާކުރީ ބުރަ މަސައްކަތްތަކެއް ކޮށް ޓީމާއެކު ކާމިޔާބީތަކެއް ހޯދައިދިނުމުގެ އަޒުމުގައި ކަމަށެވެ. އެހެންނަމަވެސް އޮޒިލް ޓީމަށް ކޮށްދީފައިވާ ކަންތައްތައް ޓީމުން ބަލައިނުގަތް ކަމަށާއި ވަފާތެރިކަމަކީ މަދުން ނޫނީ ނުލިބޭ އެއްޗެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެއިތުރުން މި މެސެޖުގައި އޮޒިލް ބުނީ ކޮވިޑް-19 އަށް ސީޒަން މެދުކަނޑާލާ އަލުން ކުޅެން ފެށި ހިސާބުން އައު ކޯޗް މިކެލް އާޓެޓާގެ އިރުޝާދުތަކުގެ ދަށުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު ކަމަށާއި އެހެންނަމަވެސް މިއަދާއި ހަމައަށްވެސް އާސެނަލްގެ ޖާޒީގައި ކުޅުމުގެ ފުރުސަތު އޭނާއަށް ނުލިބޭކަމަށް އޭނާ ވަނީ ބުނެފައެވެ.

ނިންމާލަމުން އޮޒިލް ބުނީ ޓީމުގައި އޭނާގެ ބައިވަރު އެކުވެރިންތަކެއް ތިބިކަމަށާއި ލަންޑަންގައި އޭނާއަށް އަމިއްލަ ގައުމުގައި ކުރެވޭ އިހުސާސް ކުރެވޭކަމަށް ވަނީ ބުނެފައެވެ. އަދި ކޮންމެގޮތެއް ވިޔަސް އުންމީދު ކަނޑާ ނުލާކަމަށާއި ޓީމާއެކު ހޭދަކުރާ 8 ވަނަ ސީޒަން މިގޮތަށް ނިމުނަ ދޭން ބޭނުން ނުވާކަމަށްވެސް އޮޒިލް ވަނީ ބުނެފައެވެ. އަދި އިތުރު ހިތްވަރެއް ލާ ފަރިތަކުރުންތަކުގައި ކުޅެ ޓީމުން ޖާގައެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި ނާއިންސާފުން ކަންތައްތައް ދާނަމަ އެކަމާ ދެކޮޅަށް އަޑު އުފުލާނެކަމަށް އޮޒިލް ވަނީ ވައުދުވެފައެވެ.

އާސެނަލްގެ ސަޕޯޓަރުންނަށް ޓުވިޓާ މެދުވެރިކޮށް އޮޒިލް ދިން މެސެޖް

އޮޒިލް މިހެން ބުނެފައިވާއިރު އާސެނަލްގެ ކޯޗް މިކެލް އާޓެޓާވަނީ އެކުލަވާލާފައިވާ ޤަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަމުން އަންނަ ގޮތާއިމެދު ކުޅުންތެރިން އިހްތިރާމް ކުރަންޖެހޭ ކަމަށް ބުނެފައެވެ. އަދި އޭނާގެ މި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި މިހާރުގެ ޤަވާއިދުތަށް ހުރިގޮތުން ކުޅުންތެރިން މި ނިންމުމަށް އިހްތިރާމް ކުރަން ޖެހޭނޭ ކަމަށްވެސް އާޓެޓާ ވަނީ ބުނެފައެވެ