ސްޕެއިންގެ ބާސެލޯނާގައި އެންޓޮއިން ގްރީޒްމަންއަށް އޭނާގެ އަސްލު މޮޅުކުޅުން ނުދެއްކިގެން އުޅެނީ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ ސަބަބުން ކަމަށް އާސެނަލްގެ ކުރީގެ ކޯޗް އާސެން ވެންގާ ބުނެފިއެވެ.

2019 ވަނަ އަހަރުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ގްރީޒްމަންގެ ސޮއި ބާސާއިން ހޯދީ އެތްލެޓިކޯ މެޑްރިޑަށް 120 މިލިއަން ޔޫރޯގެ ދެއްކުމަށް ފަހުއެވެ. އެހެންނަމަވެސް އެ އަގާއި އެކަށީގެންވާ ކުޅުމެއް ބާސާގައި ގްރީޒްމަން އަށް ނުދެއްކޭތީ ގިނަ ބަޔަކު އަންނަނީ ގްރީޒްމަންއަށް ފާޑުކިޔަމުންނެވެ.

ބާވީސް އަހަރު ވަންދެން އާސެނަލްގެ ކޯޗްކަމުގައި ހުރެ ޓީމަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާދީފައިވާ ތަޖުރިބާކާރު ކޯޗް ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ގްރީޒްމަންއަށް އޭނާގެ އަސްލު ކުޅުން ނުދެއްކިގެން އުޅެނީ މެސީގެ ސަބަބުން ކަމަށާއި މެސީއާއި ހެދި ގްރީޒަމަން އަސްލު ކުޅެން ޖެހޭ މަގާމުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ލިބިގެން ނުދާކަމަށްވެސް ވެންގާ ވަނީ ބުނެފައެވެ.

މީގެއިތުރުން ވެންގާ ބުނީ ގްރީޒްމަން އަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި ބާސާއިން އޭނާގެ އަސްލު މަގާމުގައި ކުޅުމަށް ފުރުސަތު ދީފިނަމަ ގްރީޒްމަން ހޯދަން ބާސާއިން ހަރަދުކުރި އަގަކީ އޭނާއާއި އެކަށީގެންވާ އަގެއްކަން ގްރީޒްމަން ސާބިތުކޮށްދޭނެކަމަށެވެ. އަދި ޓީމާއި ފުރަތަމަ ގުޅޭއިރު ކޮންމެ ކުޅުންތެރިއަކުވެސް ކޮންމެ މަގާމެއްގައިވެސް ކުޅެދާނެކަމަށެވެ. ކޯޗް ރުއްސަން ފުރަތަމަ ކޮޅު އެހެން ހެދިނަމަވެސް ދިގުމުއްދަތަކަށް އެކަން ބަދަލުނުވެއްޖެ ނަމަ ކުޅުންތެރިޔާ ކުޅުމަށް ހުންނަ ޖޯޝާއި ފޯރި ގެއްލިގެންދާނެކަމަށެވެ.

ބާސާއަށް ބަދަލުވުމުގެ ކުރިން އެތްލެޓިކޯގައި ހޭދަކުރި ހަ ސީޒަނުގައިވެސް އޭނާވަނީ ކޮންމެ ސީޒަނެއްގައިވެސް މަދުވެގެން 20 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އެހެންނަމަވެސް ބާސާއާއި ގުޅުނު ސީޒަނުގައި ގްރީޒްމަން ކުޅުނު 48 މެޗުން އޭނާއަށް ކާމިޔާބު ކުރެވިފައިވަނީ 15 ލަނޑެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ބާސާއިން ހަންގޭރީގެ ފެރެންކަވަރޯސް އަތުން 1-5 އިން މޮޅުވި މެޗުގައިވެސް ބާސާގެ ކޯޗް ކޫމަން ގްރީޒްމަންއަށް ފުރުސަތު ދީފައެއް ނުވެއެވެ. އެހެންނަމަވެސް މެޗަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން ކުރިއަށް އޮތް އެލް ކްލާސިކޯގައި ގްރީޒްމަން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ކޫމަން ވަނީ ބުނެފައެވެ.