ގަތަރުގައި 2022 ވަނަ އަހަރު ބާއްވަން ތައްޔާރުވަމުންދާ ފީފާ ވޯލްޑްކަޕް އާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ހާމަކުރުމުގެ ގޮތުން ހުށައަޅަންޖެހޭ ފުރަތަމަ ރިޕޯޓު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަށް ހުށައަޅައިފި އެވެ.

މިދިޔަ ބުދަދުވަހު ޝާއިއުކުރި ރިޕޯޓުގައިވާ ގޮތުން ގަތަރުން ވަނީ މި މަސައްކަތްތަކުގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ފީފާއިން ޝާއިއުކުރި މި ރިޕޯޓުގައިވާ ގޮތުން ބައެއް ސްޓޭޑިއަމްތަކުގެ މަސައްކަތް ނިމިފައިވާއިރު އަނެއްބައި ސްޓޭޑިއަމްގެ މަސައްކަތްތައް ދަނީ އަދިވެސް ކުރިޔަށެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް ކަންކަން ނިމޭނެކަމުގެ ޔަގީންކަން ގަތަރުން ދީފައިވާ ކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

މި ރިޕޯޓުގައި ސްޓޭޑިއަމްތައް ހެދުުގައި ހަރަކާތްތެރިވާ މީހުންގެ ކަންކަން ބަލަހައްޓާ ގޮތާއި ވޯލްޑްކަޕާއި ދިމާކޮށް ޓްރާންސްޕޯޓާއި ސާފު ވައިގެ ނިޒާމާއި ، ގަތަރުން ޕްރޮޕޯސްކޮށްފައިވާ ކަންކަމުގެ މައުލޫމާތުތައްވެސް ވަނީ ހިމަނާފައެވެ.

މި މުބާރާތް ވެގެންދާނީ އޭޝިއާ ބައްރުގައި މުޅި މުބާރާތް ބާއްވާނެ ދެވަނަ ފަހަރަށެވެ. މީގެކުރިން 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ޖަޕާނާއި ސައުތް ކޮރެއާއިން ވަނީ ގުޅިގެން ބާއްވާފައެވެ.

2022 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާނެ ޤައުމެއް ހޮވުމަށް ޤައުމުތަކުން ބިޑުކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުން ފެށިގެންނެވެ. ގިނަ ކޯޅުންތަކަކަށްފަހު ގަތަރުން މި ބިޑު ކާމިޔާބުކޮށްފައިވަނީ އޮސްޓްރޭލިއާ، އެމެރިކާ، ދެކުނު ކޮރެއާ އަދި ޖަޕާނާއި ވާދަކޮށްގެންނެވެ. ބިޑުކުރުމުގެ ފުރުސަތު ހުޅުވާލުމާއެކު އެގާރަ ޤައުމަކުން ބިޑު ހުށަހަޅާފައިވާއިރު ތަފާތު އެކި ސަބަބުތަކަކާއި ހުރެ ހަ ޤައުމަކުން ވަނީ ބިޑު އަނބުރާ ނަގާފައެވެ.

މެދުއިރުމަތީގައި މިހާތަނަށް ބޭއްވޭ އެންމެ ފުރަތަމަ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މި މުބާރާތުގެ ލޯގޯ މިދިޔަ އަހަރު ދައްކާލާފައިވެއެވެ.