ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ބަޖެޓު އަންނަ އަހަރު ކުޑަކުރުމުގެ ވިސްނުމެއް ނެތްކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ކުޅިވަރު ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މަހުލޫފު ވިދާޅުވީ ކޮވިޑުގެ ހާލަތުން އަރައިގަނެވި ކުރިއެކޭ އެއްގޮތަށް ކުޅިވަރު މުބާރާތްތައް ހިންގުމަށް ކެތްމަދުވެފައިވާކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ކުޅުންތެރިން ހަދާ ތަމްރީނުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކޮމަންވެލްތު ގޭމްސް އާއި އެ ގޭމްސްއަށް ތައްޔާރުވުމަށްވެސް ތަމްރީންތައް ފުރިހަމަކުރުމަށް ބޭނުންވާ ފައިސާ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެތްލީޓުންގެ ކުރިމަގަށް މި ސަރުކާރުން ވެދެވެން އޮތް އެހީތެރިކަމެއް ދޭނެކަމަށެވެ.

ކޮވިޑާއި ގުޅިގެން ކުޅިވަރާބެހޭ ވުޒާރާއިން ވަނީ މިއަހަރު ކުޅިވަރު އެސޯސިއޭޝަންތަކުގެ ބަޖެޓު ކުޑަކޮށްފައެވެ. މާޗް މަހުގެ ކުރީކޮޅު މާލެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން މާލޭގައި ހިންގާ ކުޅިވަރު ހުރިހާ ހަރަކާތްތަކެއް ވަނީ ހުއްޓާލާފައެވެ. އަދި މިއަދާއި ހަމައަށްވެސް އެއްވެސް ކުޅިވަރު މުބާރާތެއް ބާއްވާފައެއް ނުވެއެވެ. ނަމަވެސް އެސޯސިއޭޝަންތަކުން ވަނީ އަންނަ އަހަރަށް ކުޅިވަރު ހަރަކާތްތައް ރާވަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ކުޅިވަރު މުބާރާތްތައް ނުބޭއްވިކަމުގައި ވީ ނަމަވެސް ސަރުކާރުން ކުޅިވަރަށް ކުރަމުންދާ އިންވެސްޓްމަންޓުތަށް ދަނީ ކުރިޔަށެވެ. އެގޮތުން ގިނަ ފުޓްސަލް ދަނޑުތަކެއްގެ މަސައްކަތާއި ފުޓުބޯޯޅަ ދަނޑުތަކުގެ މަސައްކަތުގެ އިތުރުން ބައިނަލްއަޤްވާމީ ބިލިއާޑް ކުޅޭނެ ތަނެއްވެސް ދަނީ ހަދަމުންނެވެ. އަދި އެކުވެނި ދަނޑު ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ،.