ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުގެ ބަޔާން މިއުނިކުން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ލަދުގަންނަވާލައިފިއެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި އެތްލެޓިކޯއާއި ދެކޮޅަށް ކުޅުނު މެޗު އެޓީމުނަ ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައި މުޅި މެޗުކަހަލަ ގޮތަކަށް ޑޮމިނޭޓް ކުރީވެސް ބަޔާން އިންނެވެ.

މެޗުގައި ޖުމްލަ 12 ހަމަލާއެއް ގޯލާ ދިމާލަށް ބަޔާން އިން ފޮނުވާލާފައިވާއިރު އޭގެން 5 ހަމަލާ ވަނީ ގޯލާ އަމާޒުކޮށްފައެވެ. މެޗު ފެށިގެންވެސް ގިނަ ހަމަލާތަކެއް އުފައްދަމުންދިޔަ ބަޔާން އިން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައެވެ. ޖޯޝުއާ ކިމިޗް ދިން ވަރަށް ރީތި ޕާހެއް މުޅިން ހުސްކޮށް ހުރެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަންއެވެ.

ބަޔާންގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކޯމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދީފައިވަނީ ލިއޯން ގޮރެޓްސްކާއެވެ. ދެ ގޯލުގެ ލީޑަކާއެކު ބަޔާން ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިންމާލިއިރު މި ހާފުގައި ޖުމްލަ 5 ރީނދޫ ކާޑު ދައްކާފައިވެއެވެ.

ދެވަނަ ހާފުގެ ފުރަތަމަ ދެ މިނެޓު ތެރޭގައި އެތްލެޓިކޯއިންވެސް ވަނީ ލަނޑެއް ޖަހާފައެވެ. އެހެންނަމަވެސް އެތްލެޓިކޯގެ ކިއެރަން ޓްރިޕިއަރ ނަގައިދިން ހުރަސް ޖާއޮ ފީލިކްސް ވަރަށް ބާރަށް ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް އޮފްސައިޑުގައި ހުރި ލުއިސް ސުއަރޭޒްގެ ގައިގައި ޖެހުމުން ރެފްރީ ވަނީ ވީއޭއާރް ބެލުމަށްފަހު އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ.

ގިނަ ހަމަލާތަކެއް ދެވަނަ ހާފުގައިވެސް އުފައްދަމުން ދިޔަ ބަޔާންގެ ތިންވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޮރެންޓިން ޓޮލީސޯއެވެ. މިއީ ޑީއޭރިއާގެ ވެސް ބޭރުގައި ހުރެ ޓޮލީސޯ ފޮނުވާޅި ބާރު ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ފަހު ލަނޑު އެތްލެޓިކޯގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަޔާންގެ ފުރަތަމަަ ލަނޑުވެސް ކާމިޔާބުކޮށްދިން ކިންގްސްލީ ކޯމަންއެވެ.

ގްރޫޕް އޭގެ އިތުރު މެޗެއްވެސް ވަނީ ރޭ ކުޅެފައެވެ. ރަޝިއާގެ ލޮކޮމޮޓިވް މޮސްކޯއާއި އޮސްޓްރިއާގެ ސާލްސްބާގް ކުޅުނު މިމެޗް ނިމުނީ 2-2 އިން މެޗު އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ލޮކޮމޮޓިވް މޮސްކޯއިންނެވެ. ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑާއެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި ޑޮމިނިކް ވަނީ ސާލްސްބާގަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ ފަސްމިނެޓު ތެރޭ ސާލްސްބާގުން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގާފައެވެ. މިލަނޑު މެޗުގެ 50 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޒްލަޓްކޯ ޖުނުޒޮވިޗްއެވެ. އެހެންނަމަވެސް އޭގެ ފަނަރަ މިނެޓުފަހުން ލޮކޮމޮޓިވް މޮސްކޯއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިޓާލީ ލިސަކޮވިޗްއެވެ.

މި ނަތީޖާތަކާއެކު ހަތަރު ޓީމުއޮތް ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ބަޔާން މިއުނިކެވެ. ބަޔާންގެ ފަހަތުން މެޗު އެއްވަރުކޮށްގެން ލޮކޮމޮޓިވް މޮސްކޯއާއި ސާލްސްބާގް އޮތްއިރު ތާވަލްގެ ފުލުގައި އެތްލެޓިކޯ އޮތީ ބައިކޮޅަށް ވަތް 4 ލަނޑާއެކުއެވެ.