ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ރޭ ނެދަލޭންޑްސްގެ އަޔެކްސް އިން ބައިކޮޅަށް ޖެހި ލަނޑާއެކު ޕްރިމިއަރ ލީގްގެ ޗެމްޕިއަން ލިވަޕޫލް މޮޅުވެއްޖެއެވެ.

އަޔެކްސްގެ ޔޮހާން ކްރާފް ސްޓޭޑިއަމްގައި ލިވަޕޫލްގެ އެންމެ މުހިންމު އެއް ކުޅުންތެރިއާ ކަމުގައިވާ ވާޖިލް ވެންޑައިކް އާއި ނުލާ ކުޅުނު މިމެޗުގައި ފެނިގެން ދިޔައީ އެންމެ ލަނޑެކެވެ.

މާ ނުރައްކާތެރި ހަމަލާތަކެއް މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ނުދާއިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ފުރަތަމަ ހާފްގައި މެޗް ކޮންޓްރޯލްކޮށްގެން ލިވަޕޫލުން ކުޅުނުނަމަވެސް މިހާފުގައި ކިރިޔާވެސް އިދިކޮޅު ޓީމަށް ނުރައްކާވާ ވަރުގެ ހަމަލާތަކެއް އުފެއްދީ އަޔެކްސްއިންނެވެ. އެހެން ނަމަވެސް މެޗުގެ 35 ވަނަ މިނެޓުގައި ލިވަޕޫލްގެ އިތުބާރު ފޯވާޑް ސާޑިއޯ މާނޭ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލަން އުޅުން ބޯޅަ އަޔެކްސްގެ ނިކޮލަސް ޓެގްލިއަފިކޯ އަށް ފޮނުވާލެވުނީ ބައިކޮޅަށް ގޯލަށެވެ.

މެޗުގައި ފެނިގެންދިޔަ އެންމެ ނުރައްކާތެރި ހަމަލާ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނެޓަށް ވެފައިވަނިކޮށް ފޮނުވާލީ އަޔެކްސްގެ ޑޭވިޑް ނެރެސްއެވެ. ލިވަޕޫލްގެ ކީޕަރު ބޯމަތިން އޮއްސާލި ރީތި ބޯޅަ ގޯލަށް ވަދެވަދެ އޮއްވާ ގޯލް ލައިން މަތިން ސަލާމަތްކުރީ އަނިޔާގައި ހުރި ވެން ޑައިކުގެ މަގާމަށް ކޯޗް ޔާގެން ކްލޮޕް އެރުވި ފެބީނިއޯއެވެ.

ދެވަނަ ހާފުގައި ދެޓީމުންވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މެޗު ނިމިގެން ދިޔައީ މިނަތީޖާއިންނެވެ.

މި ގުރޫޕުގައި ދެން ކުޅުނީ ޑެންމާކުގެ އެފްސީ މިޖިލޭންޑާއި އިޓަލީގެ އެޓަލަންޓާއެވެ. މިމެޗު 0-4 އިން ކާމިޔާބުކުރީ އެޓެލަންޓާއެވެ.

މެޗުގައި ފެނިގެންދިޔަ ހަތަރު ލަނޑުގެ ތެރެއިން ތިންލަނޑު އެޓެލާންޓާއިން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗުގެ ފުރަތަމަ ލަނޑު 26 ވަނަ މިނެޓުގައި ޑުވާން ޒަޕަޓާ އެޓަލާންޓާ އަށް ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެލެހަންޑްރޯ ގޮމޭޒް އެވެ. އަދި މިހާފުގައި ފެނުނު ފަހުލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިންމިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްފައިވަނީ ލުއިސް މުރިއެލްއެވެ.

މެޗުގައި އެޓަލާންޓާއިން ޖެހި ފަހު ލަނޑު މެޗުނިމެން އެންމެ މިނެޓަކަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެލެކްސީ މިރަންޗުކްއެވެ.

މި ދެމެޗުގެ ނަތީޖާއަށް ބަލާ މިގުރޫޕުގެ އެއްވަނަ ލިބެނީ ފައިދާ ހަތަރު ލަނޑާއެކު އެޓަލާންޓާއަށެވެ. ދެވަނައިގައި ލިވަޕޫލް އޮތް އިރު ތިންވަނައިގައި އޮތީ އަޔެކްސްއެވެ. އަދި ބައިކޮޅަށް 4 ލަނޑުވަދެ ތާވަލްގެ އެންމެ ފުލުގައި އޮތީ އެފްސީ މިޖިލޭންޑެވެ.