ހުސްވެފައިވާ އާސެނަލްގެ ކޯޗުކަމުގެ މަގާމަށް ޕީއެސްޖީ އަށް ކުރިން ކޯޗުކޮށްދިން އުނާއި އެމެރީ ހަމަޖައްސަން އެ ކްލަބުން ނިންމައިފި ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

އާސެނަލްގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ ކްލަބުގައި 22 އަހަރު ހޭދަކުރުމަށްފަހު އެ ކްލަބުގެ ކޯޗުކަމުގެ މަގާމުން އާސެން ވެންގާ ދުރަށް ދިޔުމާ ގުޅިގެންނެވެ.

ވެންގާ އަށްފަހު އާސެނަލްގެ ކޯޗުކަމަށް ގެންނާނެ ކަމަށް މީގެކުރިން އެންމެ ބޮޑަށް ބެލެވިފައި އޮތީ އާސެނަލް އަށް ކުރިން ކުޅުނު އަދި މިހާރު މެންޗެސްޓަރ ސިޓީގެ އެސިސްޓެންޓު ކޯޗު މިކޭލް އާޓެޓާއެވެ.

ނަމަވެސް "ބީބީސީ" އިން ރިޕޯޓުކުރާ ގޮތުގައި އާޓެޓާގެ ބަދަލުގައި މިހާރު އާސެނަލް އަށް ގެންނަން ނިންމާފައިވަނީ އެމެރީއެވެ. މި މަގާމު އެމެރީ އަށް ދޭން ނިންމީ ޝޯޓު ލިސްޓުކޮށްފައިވާ ފަރާތްތަކާއި ކުރެވުނު އިންޓަވިއުތަކަށް ފަހު ކަމަށްވެސް "ބީބީސީ" އިން ބުނެފައިވެއެވެ.

އިއްޔެގެ ވަގުތެއްގައި އެމެރީ އިނގިރޭސިވިލާތަށް އައިސްފައިވާއިރު މި ހަފްތާގެ ފަހުކޮޅު އާސެނަލްގެ ކޯޗެއްގެ ގޮތުގައި އެމެރީ ދައްކާލާނެ ކަމަށްވެސް "ބީބީސީ" އިން ރިޕޯޓުކޮށްފައިވެއެވެ.

އެމެރީ އެންމެފަހުން މަސައްކަތް ކުރީ ޕީއެސްޖީގައި ކަމަށްވާއިރު އޭނާ ވަނީ އެ ކްލަބުގައި ދެ އަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތް ކޮށްފައެވެ.

އެމެރީގެ ފުރަތަމަ ސީޒަނުގައި ޕީއެސްޖީ އިން ދަށް ނަތީޖާތަކެއް ނެރުނުއިރު ފްރެންޗް ލީގު ވެސް އެ ކްލަބަށް އެފަހަރު ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. އެފަހަރު ފްރެންޗް ލީގު ކާމިޔާބުކުރީ މޮނާކޯ އިންނެވެ. ނަމަވެސް ޕީއެސްޖީ އިން ނިމިގެންދިޔަ ސީޒަނުގައި ވަނީ ފްރެންޗް ލީގާއި ފްރެންޗް ލީގު ކަޕް އަދި ފްރެންޗް ކަޕް ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީގެ އިތުރުން އެމެރީ މީގެކުރިން ވަނީ ސްޕެއިންގެ ސެވިއްޔާގައި ވެސް މަސައްކަތްކޮށްފައެވެ. އެގޮތުން އެ ކްލަބުގައި ހޭދަކުރި މުއްދަތުގައި އެމެރީ ވަނީ ޖެހިޖެހިގެން ތިން ފަހަރު ޔޫރޮޕާ ލީގު ސެވިއްޔާ އަށް ކާމިޔާބުކޮށްދީފައެވެ.