އާސެނަލް އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން އެ ކްލަބު ދޫކޮށްލަން ސަންޓި ކަޒޯލާ ނިންމައިފިއެވެ.

އާސެނަލް އާއެކު އުމުރުން 33 އަހަރުގެ ކަޒޯލާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ މަހުގެ ތެރޭގައި ހަމަވާނެއެވެ.

ހަ އަހަރަށްފަހު އާސެނަލް ދޫކޮށްލަން ކަޒޯލާ ނިންމާފައިވާއިރު އަނިޔާގެ ތަފާތު އެކި މައްސަލަތައް އޭނާ އަށް ފާއިތުވި ސީޒަންތަކުގައި ވަނީ ކުރިމަތިވެފައެވެ. އެގޮތުން އަނިޔާގެ މައްސަލަތަކާއި ގުޅިގެން 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހަށްފަހު ކަޒޯލާ އާސެނަލް އަށް މެޗެއް ކުޅެދީފައެއް ނުވެއެވެ.

"އާސެނަލް ދޫކޮށްލަންޖެހޭތީ އެކަމާ ހިތާމަކުރަން. މި ކްލަބާއެކު ހާސިލުކުރި ހާއްސަ ކަންތައްތައް އަހަރެންގެ ހަނދާނުގަ އަބަދުވެސް ހުންނާނެ. ވަކިން ހާއްސަކޮށް 2014 ވަނަ އަހަރުގެ އެފްއޭކަޕްގެ ފައިނަލް މަތިން އަހަރެން ދުވަހަކު ވެސް ހަނދާން ނުނެތޭނެ" ކަޒޯލާ ބުންޏެވެ.

ކަޒޯލާ އާސެނަލް އަށް ބަދަލުވީ 2012 ވަނަ އަހަރު ސްޕެއިންގެ މަލާގާއިންނެވެ. އޭނާ ވަނީ އެ ކްލަބަށް 180 މެޗު ކުޅެދީ ދެ ފަހަރެއްގެ މަތިން އިނގިރޭސި އެފްއޭކަޕް ކާމިޔާބުކޮށްފައެވެ.

އާސެނަލް ދޫކޮށްލުމަށްފަހު ކަޒޯލާ ދެން ފެނިގެންދިޔުން އެންމެ ގާތީ އޭނާ ކުރިން ކުޅުނު ކްލަބެއް ކަމަށްވާ ވިޔަރެއާލް އިން ކަމަށް ރިޕޯޓުތައް ބުނެއެވެ.