ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާ ފުޓުބޯޅަ ދަނޑުތަކުގެ ތެރެއިން ނ.މާފަރުގައި އެޅުމަށް ނިންމާފައިވާ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތްކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ މެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. މި މަސައްކަތް މެކްސްޓަރ އާއި ހަވާލުކޮށްފައިވަނީ ބުދަދުވަހުގައެވެ.

މާފަރު ދަނޑުގެ ސަބް ބޭސްގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 1،711،305.26 (އެއް މިލިއަން ހަތްސަތޭކަ އެގާރަ ރުފިޔާ ހާސް ތިންސަތޭކަ ފަސް ރުފިޔާ ސައްބީސް ލާރި) އަށެވެ. ކޮންޓްރެކްޓުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި ދަނޑުގެ މަސައްކަތް ފަށަންޖެހެއެވެ. އަދި 35 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

މާފަރަކީ ރާއްޖޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެގޮތުން ރާއްޖެއިން މިހާތަނަށް ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްް 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ހޯދިއިރު ޓީމުގެ ކެޕްޓަނުންގެ ގޮތުގައި ތިބީ މާފަރަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އެގޮތުން 2008 ވަނަ އަހަރު ޓީމުގެ ކެެޕްޓަނަކަށް ހުރީ އައްސަދު އަބްދުލް ޢަނީ އެވެ. އަދި 2018 ވަނަ އަހަރުގެ ޓީމުގެ ކެޕްޓަނަކަށް ހުރީ އައްސަދުގެ އެއްބަނޑު ކޮއްކޮ އަކްރަމް އަބްދުލް ޢަނީ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ފުޓްބޯޅަ ދަނޑުތައް ޤާއިމުކުރުމަށް ރައީސް ޞާލިޙު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް މި 2019 ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވަނީ ގިނަ ދަނޑުތަކެއްގެ މަސައްކަތް ފަށާފައެވެ.

މީގެތެރެއިން ގިނަ ދަނޑުތަކެއްގެ ސަބް ބޭސްގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި އަނެއްބައި ދަނޑުތައް ވަނީ ނިންމާ، އެ ރަށްތަކާއި ހަވާލުކޮށްފައެވެ.