ވާދަވެރި މެޗުތަކެއް ދިވެހި ކީޕަރުންނަށް ލިބިގެން ނޫނީ ރަނގަޅު ފެންވަރުގެ ކީޕަރުންތަކެއް އުފެދުމަކީ ދުރުކަމެއް ކަމަށް ރާއްޖޭގެ އެންމެ ކާމިޔާބު އެއް ގޯލުކީޕަރު އިމްރާން މުހައްމަދު ބުނެފިއެވެ.

ސަތާރަ އަހަރު ވަންދެން ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި އިމްރާން ގެ މައިގަނޑު ކަންބޮޑުވުމަކީ ވަގުތީ ހުއްދައެއްގެ ދަށުން މި ސީޒަނުގައި ރާއްޖޭގެ ކްލަބްތަކަށް ބިދޭސީ ގޯލްކީޕަރުން ގެނެވޭ ގޮތްވުމެވެ. މިގޮތަށް ވުމާއެކު ދިވެހި ކީޕަރުންނަށް އޮތް ފުރުސަތު ހަނިވުމެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނިން ޑިޕާޓްމަންޓްގައި މިހާރު މަސައްކަތްކުރަމުން އަންނަ އިމްރާން ބުނީ މި ހާލަތުގައި ލީގުގެ ކޮންމެ ކްލަބަކުން ވެސް ވަކި ވަރަކަށް ވަގުތު ދިވެހި ކީޕަރެއް ބޭނުންކުރަންޖެހޭ ގޮތަށް އޮތުން މުހިއްމު ކަމަށް ދެކޭ ކަމަށެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ފުރަތަމަ ޑިިވިޝަނުގެ ބައެއް ޓީމުތަކުން ވަނީ ބިދޭސީ ކީޕަރުން ގެންނަން ނިންމާފައެވެ. އަދި މިހާރު ބައެއް ކުލަބުތަކުން ވަނީ ބިދޭސީ ކީޕަރުންނާއެކު ކޮންޓްރެކްޓްވެސް ހަދާފައެވެ.

ދިވެހިރާއްޖޭގައި އުފެދުނު އެފަދަ ދެވަނައެއް ނެތް ކީޕަރު އިމްރާން މުޙައްމަދު އަކީ މުޅި ގައުމު އެ ކުޅުންތެރިއަކަށް ޓަކައި ފަހުރުވެރިވާނެ ކުޅިވަގެ ނަމޫނާއެކެވެ. އދ. މަހިބަދޫއަށް އުފަން އިމްރާންގެ ކުޅިވަރުގެ ހަޔާތުގައި އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުން ހުރިހާ ކާމިޔާބެއް ހޯދާފައެވެ. އަދި ކުޅުންތެރިއެއްގެ ގޮތުން އިމްރާން ވަނީ އެތައް ވޭނަކާއި އެތައް ތަދެއް އަދި ހިތާމައެއް ވެސް އިހްސާސްކޮށްފައެވެ.

އިމްރާން ވަނީ އޭނާގެ 20 އަހަރުދުވަހުގެ ކެރިއަރުގައި އީގަލްސް، ވިކްޓްރީ، ވީބީ، ނިއު ރޭޑިއަންޓް އަދި މާޒިޔާގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފައެވެ. އޭނާއަކީ ކީޕަރުންގެ ހައްގުގައި މީގެކުރިން ވެސް ވަކާލާތުކުރަމުން އަންނަ ކީޕަރެކެވެ.