ދުނިޔޭގެ އެތަށް މިލިއަން މީހުން އެއްވަގުތެއްގައި ބަލާ އެންމެ ފޯރިގަދަ އެއް މެޗަކީ ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރާ "އެލް ކްލަސިކޯ" މެޗެވެ.

ލަލީގާއަށް އެންމެ އާމްދަނީ ވަންނަ މި ދެ ޓީމުގެ ކުރިމަތިލުމަކީ އެތަށް ފައިދާއެއް ލިބޭ މެޗެކެވެ. ސްޕޮންސަރުންނާއި ކުޅިބަލަން ވަންނަ މީހުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން މެޗު ވަގުތުން ބަލާ މީހުންގެ އަދަދުން މިކަން ހާމަވެގެންދިޔައެވެ. އެތަށް ހާސް ސަޕޯޓަރުންނެއް މި މެޗު ބަލަން ދަނޑަށް ވަންނައިރު މިފަހަރަކީ ހުސް ދަނޑެއްގައި މި މެޗު ކުޅޭނެ ފުރަތަމަ ފަހަރެވެ.

ނަމަވެސް ކޮވިޑް-19 ގެ މި ހާލަތާއެކު މިފަހަރު މި ދެ ޓީމުގެ ބޮޑު ކުރިމަތިލުން ކުރިޔަށްދާނީ ސަޕޯޓަރުން ނުވައްދައެވެ. މިއީ ދެ ޓީމުގެ ސަޕޯޓަރުންނަށްވެސް ބޮޑު މާޔޫސްކަމެކެވެ. މެޗު ކުޅޭ ބާސެލޯނާ ސްޓޭޑިއަމް ސަރަހައްދުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ އިރު ރިޕޯޓުތައް ބުނާގޮތުން ސްޕެއިންގައި ކޮވިޑުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. އެއާއެކު މީގެކުރިން މަގުތަކުގައި ބޮޑު ސްކްރީން ހަރުކޮށްގެން މެޗު ބަލަން ބަލާ މީހުންނަށް މިފަހަރު އެ ފުރުސަތެއް ނުލިބޭނެއެވެ.

ބާސާގެ ދަނޑުގައި ކުޅޭއިރު މި މެޗަކީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަށް ހާއްސަ މެޗަކަށް ވެގެންދާނެއެވެ. އެއީ މި ސީޒަން ނިންމުމަށްފަހު އެ ކުލަބު ދޫކޮށްލާނެކަން އޭނާ ހާމަކޮށްފައިވާތީ އެވެ. އެހެން އެކަން ވެއްޖެނަމަ މިއީ ބާސާގެ ދަނޑުގައި މެސީގެ އެންމެ ފަހު އެލް ކްލަސިކޯ މެޗެވެ. މިހާތަނަށް 277 ފަހަރު މި ދެ ޓީމު ވަނީ އެލް ކްލަސިކޯއެއްގައި ވާދަކޮށްފައެވެ.

ދުނިޔޭގެ އެ އިރެއްގައ ތިބި އެންމެ މޮޅު ކުޅުންތެރިން އަބަދުވެސް މި ދެ ޓީމުގައި ތިބެއެވެ. 2009 ވަނަ އަހަރުން ފެށިގެން 2018 އަށް ނަމަ ރޮނާލްޑޯއާއި މެސީއެވެ. އޭގެކުރިއަށް ބަލާނަމަ ރޮނާލްޑީއިއޯ ނުވަތަ ރޮބާޓޯ ކާލޮސް އެވެ. މިހެން ގޮސް ކޮންމެވެސް އެއް ގޮތަކަށް ދެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިއަކާއި އަޅާކިޔައެވެ.

މިހާރުގެ ޓީމަށް ބަލާނަމަ އަދިވެސް އެގޮތަށް އަޅާކިޔެން އެބައޮތެވެ. އެއީ ދެ ޓީމުގައި ތިބި ހުނަރުން ފުރިފައިވާ ޒުވާން ކުޅުންތެރިންނަށް ބަލާފައެވެ. މިފަހަރުގެ އެލް ކްލަސިިކޯއަށް ބަލާއިރު ދެ ޓީމުގައިވެސް ތަފާތުތަކެއް އެބަހުއްޓެވެ. ހާއްސަކޮށް ބާސެލޯނާއަށް ބޮޑު ބަދަލުތަކެއް ވަނީ އައިސްފައެވެ.

މި ސީޒަނުގެ ފުރަތަމަ އެލް ކްލަސިކޯ މެޗު ފަށާނީ ރާއްޖެގަޑިން މިއަދު 19:00 ގައެވެ. ދެކުނު އޭޝިއާ ސަރަހައްދަށް މި މެޗު ފެންނާނީ ފޭސްބުކުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތަޖްރިބާ

    ބާސާ ގެ ރަންޒަމާންގޮސްފި...ބާސާގެ މައިބަދަ އަކީ އިނިއެސްޓަރ ޒަވީ..މިވަރުގެ މޮޅު 2 މިޑްފީލްޑަރެއް ދުނިޔޭގެ ނެތް..މޮޅެތި ޕާސްތައްދިނުމާއި މަތިން ބޯޅަ ޕޮއިންޓައް ކުޅުންތެރިޔާއަށް ވައްޓައިލުމުގެ 2 މިނިކާވަގު.. .މެސީ ތަފާތުކުޅުން އުނދަގުލަކާނުލާ ދައްކަނީ ޒަވީ އިނިއެސްޓަރ ގެ އެހީތެރިކަމުން