ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުުޅުނު މެޗުގައި ކުޅުނު މެޗުން މިސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ވެސްޓް ހޭމް ޔުނައިޓެޑުން ވަރުގަދަ މެންޗެސްޓަރ ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މިމެޗު ނިމުނީ 1-1 އިން މެޗު އެއްވަރުވެގެންނެވެ.

މުޅި މެޗުގައި ސިޓީން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސްޓް ހޭމްއެވެ. މުޅި މެޗުގައިވެސް ޖުމްލަ ތިން ހަމަލާ އުފެއްދި ވެސްޓް ހޭމް އިން ގޯލުޖަހާފައިވަނީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ އެވެ. މިއީ ވްލަޑިމިރް ކޫފަލް ނަގައިދިން ހުރަހެއް ބައިސިކަލް ކިކަކުން ކާމިޔާބުކުރި ގޯލެކެވެ.

ނުރައްކާތެރި ހަމަލާތަކެއް އުފައްދަން ސިޓީން މަސައްކަތްތަކެއް ކުރިނަމަވެސް މި ހާފުގައި އިތުރު ލަނޑެއް ދެޓީމަށް ވެސް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ސިޓީއިން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ޖާއޮ ކެންސަލޯ އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ފިލް ފޯޑެންއެވެ.

އިތުރު ހަމަލާތަކެއް ދެޓީމުން އުފައްދަން މަސައްކަތް ކުރިނަމަވެސް ކިރިޔާވެސް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކުރެވޭވަރުގެ ހަމަލާއެއް އުފެއްދުނީ ސިޓީއަށެވެ. އެހެންނަމަވެސް ސިޓީއަށްވެސް އިތުރު ލަނޑެއް މި މެޗުގައި ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު މެޗު ނިމުނުއިރު ލީގުގެ ޕޮއިންޓް ތާވަލުގެ 11 ވަނައިގައި ވެސްޓްހޭމް ހަ މެޗުން 8 ޕޮއިންޓް ހޯދައިގެން އޮތްއިރު ސިޓީ ތާވަލުގެ 12 ވަނައިގައި އޮތީ ވެސްޓްހޭމް އަށްވުރެ އެއް މެެޗު މަދުން ކުޅެ 8 ޕޮއިންޓާއެކުއެވެ. އެހެންނަމަވެސް ވެސްޓް ހޭމް އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ.