ފުޓުބޯޅައަށް ލޯބިކުރާ ގިނަބަޔަކު އެ މެޗަކަށް އިންތިޒާރުކުރި އެލް ކްލެސިކޯގައި ވާދަވެރި ބާސެލޯނާގެ މައްޗަށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު ކުރިހޯދައިފިއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރީކޮޅު ބާސާއިން ރަނގަޅަށް ކުޅުނު ނަމަވެސް އޭގެފަހުން އެ ޓީމު ފެނުނީ ދަށްކޮށެވެ.

މެޗު ފެށުމާއެކު ދެޓީމުގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ ރެއާލް މެޑްރިޑެވެ. ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒީމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅޭ އުރުގުއާއިގެ ޒުވާން މިޑްފީލްޑަރު ފެޑްރީކޯ ވަލްވާޑޭ އެވެ.

އެހެންނަމަވެސް ލީޑުގައި މާގިނައިރަކު ރެއާލަކަށް ނޯވެވުނެވެ. ރެއާލްއިން ލަނޑުޖެހިތާ ތިން މިނެޓު ފަހުން ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ވަރަށް ރީތި ފުރުސަތެއް އޭރިއާ ތެރެއަށް ވަދެ ވަރަށް ރަނގަޅަށް ބޯޅައަށް ހުސްވެގެން ހުރެ ޒުވާން ފޯވާޑް އަންސޫ ފާޓީވަނީ ގޯލްގެ ތެރެއަށް ފޮނުވާލާ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އުމުރުން އެންމެ 17 އަހަރުގައި އަންސޫ ކާމިޔާބުކުރި މި ލަނޑާއެކު އޭނާ ވެފައިވަނީ އެލް ކްލަސިކޯގައި ލަނޑުޖެހި އެންމެ ހަނގު ކުޅުންތެރިއާއަށެވެ. ކުރިން މިރެކޯޑް އޮތީ ރެއާލް މެޑްރިޑުގެ ޒުވާން ފޯވާޑް ވިނިޝިއަސް ޖޫނިއަރ އަތުގައެވެ. އޭނާ އެ ރެކޯޑް ހެދީ 19 އަހަރުގައި އެލް ކްލަސިކޯގައި ލަނޑުޖަހައިގެނެވެ.

މި ލަނޑަށް ފަހުވެސް ދެޓީމުންވެސް ލަނޑުޖަހާނެ އިތުރު ފުރުސަތު ތަކެއް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންސް ލައިން ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހު ގޯލަށް ރަނގަޅު ހަމަލާއެއް ފޮނުވާލި ނަމަވެސް ބޯޅަ ގޯލަށް ވަނުމަށް ހުރަހަކަށްވީ ރެއާލްގެ އިތުބާރު ގޯލްކީޕަރު ތިބޮއު ކޯޓުއާއެވެ.

މީގެއިތުރުން ރެއާލަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިވަނީ ބޭކާރުވެފައެވެ. އެހެންނަމަވެސް މުޅިން ހުސްކޮށް ހުރެ ބެންޒީމާ ފޮނުވާލި ހަމަލާ ދިޔައީ ސީދާ ބާސާގެ ކީޕަރު ނޭޓޯއާއި ދިމާލަށެވެ. އިތުރު ލަނޑެއް ކާމިޔާބުކުރަން ދެޓީމަށްވެސް ފުރުސަތުތަކެއް ލިބުނު ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެންވެސް ހާފުގެ ވަރަށް ކުރީ ކޮޅުން ފެށިގެންވެސް ދެޓީމުގެ ފަރާތުންވެސް ކުޅުނީ ވަރަށް އެޓޭކިންގް ގޭމެކެވެ. އެހެންނަމަވެސް އިދިކޮޅު ޓީމަށް ޕްރެޝަރކޮށް ބާސާއިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި އަންސޫ ގޯލް އޭރިއާ ތެރެއަށް ނަގައިދިން ހުރަސް ވަރަށް ހުސްކޮށްހުރެ ކުޓީނިއޯ ފޮނުވާލި ނަމަވެސް ގޯލާ އަމާޒުނުވެ ބޯޅަ ދިޔައީ ބޭރަށެވެ.

މެޗުގައި ދެވަނަ ފަހަރަށް ރެއާލް އިން ލީޑް ނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. ބާސާގެ ކްލެމެންޓް ލެންގްލޭ އޭރިއާތެރެއިން ރެއާލްގެ ކެޕްޓަންއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު މި ޕެނަލްޓީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ލަނޑު ކާމިޔާބުކޮށްދިނީވެސް ރާމޯސްއެވެ.

ދެވަމަ ހާފުގައި ނެގި ލީޑާއެކު ރެއާލްއިން މެޗުގެ ކުޅުން ލަސްކުރަން މަސައްކަތް ކުރަމުން ދިޔައިރު ބާސާއިން ދިޔައީ އިތުރު ލަނޑެއް ޖަހާ އެއްވަރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި އުޅެނިކޮށް ރެއާލްއިން އަނެއްކާވެސް ހަމަލާތައް ވަރުގަދަކޮށް ބާސާގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ.

އެގޮތުން މެޗުގެ 86 ވަނަ މިނެޓުގައި ލޫކަސް ވަސްކުއޭޒް ނަގައިދިން ހުރަހެއް ޓޮނީ ކްރޫޒް ދެފަހަރަށް ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް ގޯލަށް ބޯޅަ ވަނުމަށް ހުރަހަކަށްވީ މެޗުގައި މޮޅުކުޅުމެއް ދައްކަމުން އައި ބާސާގެ ކީޕަރު ނޭޓޯއެވެ.

ރެއާލް އިން މެޗުގައި އިތުރު ލަނޑެއް ޖަހާ މެޗު ޔަގީން ކުރީ ފުރިހަމަ ވަގުތު ހަމަވާން 1 މިނެޓަށްވެފައި ވަނިކޮށެވެ. ރެއާލްގެ ހަމަލާއެއް ދިފާއުކުރުމަށް އުޅެނިކޮށް ނޭޓޯއަށް ހެދުނު ގޯހެއްގެ ފައިދާނަގާ ރޮޑްރިގޯ ދިން ޕާހެއް ބާސާގެ ޑިފެންޑަރުންނާއި ކީޕަރުވެސް ނައްޓާލުމަށްފަހު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލޫކާ މޮޑްރިޗެވެ.

މި ނަތީޖާއާއިއެކު ރެއާލް އޮތީ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. ބާސާއަށް ފަސް މެޗުން ލިބުނު 7 ޕޮއިންޓާއެކު ލިބެނީ ތާވަލްގެ 10 ވަނައެވެ.

ބާސާއަށް ކުރިއަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި މިމަހުގެ 29 ވަނަ ދުވަހު ޔުވެންޓަސްއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. އަދި ރެއާލް އިން ނުކުންނާނީ 28 ވަނަ ދުވަހުގެރޭ ހަމަ އެމުބާރާތުގެ މޮންޗްންގްލަޑްބަކާ ދެކޮޅަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ތީ ރެފްރީ ރެއަލް އަށް ދިން ހަދިޔާއެއް! ަކުރާރުކޮށް މެސީ އަށް ކުރި ފައުލްތަކަށް ރެފްރީ ހުރީ ބީރުކަންފަތެއް ދީގެން! ދެ ޕެނަލް ޓީ ބާސާ އަށް ހައްގު އެ ވެސް ރެފްރީކާލީ!

    13
    4
  2. ބިރުކުޑަ އަލީ

    ދެން ލަލަލާ...ބާރސާ ކުދިންނަށް ވ ސަލާމް..

    10
    20
  3. ދަރަނި ދަންތުރަ

    ކަލޯ އަދި ދުނިޔެ ނިމުނީކީ ނޫނޭ ، ބާސާ މޮޅުވާތަން ބަލަން ކަލޭ މަޑުކޮށްލާ

    20
    5
  4. ހަމީދު

    ބަރްކަލޯނާ ކުދިން ދެން ލަލަލާ...

    8
    18