މިއަހަރު ފަހުކޮޅު ފަށާ ދިވެހި ޕްރިމިއަރ ލީގަށް ތައްޔާރުވާ ކުލަބް ގްރީންސްޓްރީޓްސްގެ ފަރިތަކުރުންތައް ފަށައިފިއެވެެ.

އެ ކުލަބުގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވާފައިވަނީ ހެންވޭރު ދަނޑުގައެވެ. އާ ސީޒަނަށް ތައްޔާރުވާ ޓީމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.

މިފަހަރު ގްރީންއަށް އަލަށް ގުޅުނު ކުޅުންތެރިންތަކުގެ ތެރޭގައި އެންމެފަހުން ފޯކައިދޫ ޓީމަށް ކުޅުނު މުހައްމަދު ޖައިލަމް (އޮގީ) ގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިޔާ ރިލްވާން ވަހީދު އާއި ރާއްޖޭގައި އަރަމުން އަންނަ އެއް ކުޅުންތެރިޔާ އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓު) ގެ އިތުރުން ރާއްޖޭގައި މީގެކުރިން ކުޅެފައިވާ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އެންޖަލް މުނޯޒް އާއި ކަލީލް ޖަމާލް ފާހަގަކޮށްލެވެއެވެ.

ގްރީންގެ ފުރަތަމަ ފަރިތަކުރުންތަކުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

ގައުމީ ސްކޮޑުން ގަވާއިދުން ޖާގަ ހޯދަމުން އައި އޮގީގެ ކަކުލަށް ސީރިއަސް އަނިޔާއެއްވެ އޭނާއަށް މިދިޔަ ސީޒަނުގެ ފަހުކޮޅު ބައެއް މެޗުތައް ވަނީ ގެއްލިފައެވެ. އޮގީގެ ވާތު ކަކުލަށް އަނިޔާވީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ކްލަބު އީގަލްސް އަތުން 3-2 އިން ފޯކައިދޫ މޮޅުވި މެޗުގައެވެ. އެ އަނިޔާއާ ގުޅިގެން އޮގީ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

މީގެއިތުރުން ގްރީނަށް މި ސީޒަނުގައި ކުޅޭނެ ތިން ކީޕަރުންނަކީ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް އަދި ލަބާން ޝަރީފް އާއި އަރަމުން އަންނަ ކީޕަރު ރާއިފް އެވެ.

ގްރީންގެ ފުރަތަމަ ފަރިތަކުރުންތަކުގެ ތެރެއިިން--- ފޮޓޯ: އެފްއޭއެމް

މިއީ ފަރިތަކުރުންތައް ފެށި ތިންވަނަ ޓީމެވެ. މީގެކުރިން މާޒިޔާއާއި ކުލަބް ވެލެންސިޔާ ވަނީ ފަރިތަކުރުންތައް ފަށާފައެވެ. އަދި ކުރިޔަށްއޮތް ދުވަސްތަކުގައި އިތުރު ކުލަބުތަކުން ވެސް ފަރިތަކުރުންތައް ފަށާނެކަމަށް މައުލޫމާތުލިބެއެވެ.

އެފްއޭއެމުން ލީގު ފަށަން ތާވަލުކޮށްފައިވަނީ ޑިސެމްބަރު 13 ވަނަ ދުވަހުގައެވެ.