"ތޮއްޑޫ އޯޕަންސް 2020" ގެ ނަމުގައި އއ.ތޮއްޑޫގައި ބެޑްމިންޓަން މުބާރާތެއް ފަށައިފިއެވެ.

މި މުބާރާތް ޝަރަފްވެރިކޮށްދެއްވީ ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ހަސަން އިބްރާހިމެވެ.

މި މުބާރާތަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނާއި، ބެޑްމިންޓަން އޭޝިއާ އަދި މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަނުގެ އެހީތެރިކަމާއެކު ތޮއްޑޫ ކައުންސިލް އަދި އަސްކަނި ސްޕޯޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ ކުޅުން 8 ދުވަހަކަށް ކުރިޔަށްދާނެއެވެ.

ދެ ޖިންސަށް ހުޅުވާލައިގެން ކުރިޔަށްދާ މި މުބާރާތުގައި ޖުމްލަ 53 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ. އަދި ކޮންމެ ޑިވިޝަނަކު ތިން ކެޓަގަރީއަކުން މެޗުތައް ކުޅޭނެ ކަމަށް ތޮއްޑޫ ކައުންސިލުން މައުލޫމާތުދެއެވެ.

މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ތޮއްޑޫގައި ބެޑްމިންޓަން ކުޅޭ ޒުވާނުންގެ މެދުގައި އެކުވެރި މާހައުލެއް ޤާއިމުކޮށް، ވާދަވެރި މެޗުތަކެއް ކުޅެ، މި މުބާރާތުގެ ސަބަބުން ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުން ކަމުގައި މުބާރާތް އިންތިޒާމުކުރާ ކައުންސިލުން މައުލޫމާތުދެއެވެ.

މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.