މި ސީޒަނުގައި ޕީއެސްޖީއިން ޔުނައިޓެޑަށް ބަދަލުވި އެޑިންސަން ކަވާނީގެ ފުރަތަމަ މެޗުގައި ވާދަވެރި ޗެލްސީއާއި ދެކޮޅަށް އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުން މެޗް އެެއްވަރުވެގެން ނިމިއްޖެއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފާޑް ދަނޑުގައި ކުޅުނު މި މެޗުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެޓީމުގެ ފަރާތުންވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެހެންނަމަވެސް މި މެޗުގައި ދެޓީމުގެ ޑިފެންސް ލައިން ފެނިގެން ދިޔައީ ވަރަށް ވަރުގަދަކޮށެވެ.

ކުދި ޕާސްތަކަކުން ދަނޑުގެ ދެ އަރިމަތި ބޭނުންކޮށްގެން އޭރިއާ ތެރެއަށް ބޯޅަ ހުރަސްކޮށްދީގެން ހަމަލާތައް އުފައްދަން ދެޓީމުން މަސައްކަތްކުރަމުން ދިޔަނަމަވެސް ކޮންމެ ހަމަލާއަކަށްވެސް އިދިކޮޅު ޓީމުން ހުރަސްއަޅަމުންދިޔައެވެ.

ލީގުގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މިއަދު ހަވީރު ލީޑްސް ޔުނައިޓެޑް އޭސްޓަން ވިލާގެ ވިލާ ޕާކް ދަނޑުގައި ކުޅުނު މެޗުން އެޓީމުގެ މައްޗަށް ލީޑްސް ޔުނައިޓެޑުން ކުރިހޯދީ ޕެޓްރިކް ބެމްފޯޑްގެ ހެޓްރިކަކާއި އެކު 0-3 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުގައިވެސް މޮޅަށް ކުޅެ މެޗު ކޮންޓްރޯލް ކުރި ލީޑްސް އިން ފުރަތަމަ ހާފުގައި ލަނޑެއް ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކުރިނަމަވެސް އެޓީމަށް ވިލާގެ ގޯލް ފޫއަޅުވާލެވިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ 10 މިނެޓު ތެރޭގައި ރޮޑްރިގޯ ފޮނުވާލި ބާރުހަމަލާ ވިލާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް އަތުގައި ޖެހިފައި ރިބައުންސަށް އައި ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޕެޓްރިކްވަނީ ފުރަތަމަ ފަހަރަށް ލީޑްސްއަށް ލީޑުނަގާދީފައެވެ.

ލީޑްސްގެ ދެވަނަ ލަނޑު އަނިޔާވެގެން ދަނޑުން ބާލާފައި ހުރުމަށްފަހު ކުޅެން އަރާ ޕެޓްރިކް ކާމިޔާބުކުރީ މެޓިއުސް ކްލިޗް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ.

ޕެޓްރިކް މެޗުގައި 3 ވަނަ ލަނޑުޖަހައި ހެޓްރިކް ފުރިހަމަކުރީ މެޗުގެ 74 ވަނަ މިނެޓުގައެވެ. އޭނާ މިލަނޑު ޖެހީ ހެލްޑަރ ކޯސްޓަރ ނަގައިދިން ހުރަހެއްގެ ބޭނުން ހިފައިގެންނެވެ.

ލީގުގައި ފުލަމްގެ މައްޗަށް ކްރިސްޓަލް ޕެލެސް ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރީކޮޅު ފުލަމްއިން މެޗް ކޮންޓްރޯލް ކުރަމުން ދިޔަނަމަވެސް އަށްވަނަ މިނެޓުގައި ވިލްފްރެޑް ޒަހާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހައިރޯ ރީލްޑެވާޑް ވަނީ ކްރިސްޓަލް ޕެލެސްއަށް ލަނޑެއް ކާމިޔާބުކޮށްދީ ލީޑު ނަގާދީފައެވެ.

ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔަ ފުލަމްއަށް ލަނޑެއް ކާމިޔާބުނުކުރެވުނު ނަމަވެސް އެޓީމުން ވަނީ ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނު އިރުވެސް ގިނަވަގުތު ބޯޅަ ހިފަހައްޓާ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ އެޓީމުންނެވެ.

ކްރިސްޓަލް ޕެލަސްއިން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކުރީ ދެވަނަ ހާފުގައެވެ. މެޗުގެ 64 ވަނަ މިނެޓުގައި އެޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ބަޓްޝުއާއި ތަނަވަސްކޮށްދިން ފުރުސަތެއްގައި މުޅިން ހުސްކޮށްހުރެ ޒަހާއެވެ.

މެޗުގައި ފުލަމްއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ބަދަލު ރެފްރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ އެންމެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޓޮމް ކާނީއެވެ.

މި ނަތީޖާތަކާއިއެކު ޔުނައިޓެޑް ތާވަލްގެ 15 ވަނައިގައި ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އޮތްއިރު ޗެލްސީ އޮތީ ތާވަލުގެ ހަ ވަނައިގައި ހަ މެޗުން ނުވަ ޕޮއިންޓާއެކުއެވެ. އަދި މެޗުން މޮޅުވި ނަމަވެސް ހަ މެޗުން ލިބުނު 10 ޕޮއިންޓާއެކު އެސްޓަންވިލާގެ ތިރިން ތާވަލުގެ ތިންވަނައިގައެވެ. އޭސްޓަން ވިލާ އޮތީ ލީޑްސްއަށްވުރެ އެއް މެޗު މަދުންކުޅެ ތާވަލްގެ ދެވަނައިގައި 12 ޕޮއިންޓާއެކުއެވެ. ކްރިސްޓަލް ޕެލެސް އަށްވެސް 10 ޕޮއިންޓް ލިބިފައިވާއިރު އެޓީމު ފަސްވަނައިގައި އޮތީ ގޯލްގެ ތަފާތުންނެވެ. އަދި މި ސީޒަނުގައި މޮޅުވެފައިނުވާ ފުލަމްއަށް ލިބެނީ ތާވަލުގެ 20 ވަނައެވެ.