އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޝެފީލްޑް އަތުން އެންމެފަހުގެ ލީގެ ޗެމްޕިއަން ލިވަޕޫލް މޮޅެއް ހޯދައިފިއެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މިމެޗު އެ ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އަނިޔާގެ ސަބަބުން ލިވަޕޫލްގެ ޑިފެންޑަރު ވެންޑައިކު ނުލާ އެ ޓީމުން މި މެޗަށް ނިކުތްއިރު މެޗުގެ 13 ވަނަ މިނެޓުގައި ޝެފީލްޑުން ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑަކީ ލިވަޕޫލްގެ މިޑްފީލްޑަރު ފަބީނިއޯ އޭރިއާތެރޭން ޝެފީލްޑުގެ އޮލިވާ އެމްސީ ބްރްނީއަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީގައި ސެންޑާ ބާޖް ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑާއިއެކު ލިވަޕޫލުން ވަނީ ކުޅުން ރަނގަޅުކޮށް ޝެފީލްޑުގެ ގޯލަށް ނުރައްކާކޮށްފައެވެ. ލިވަޕޫލުން މެޗުގެ ނަތީޖާ އެއްްވަރުކުރީ ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑަކީ ސަޑިއޯ މާނޭ ފޮނުވާލި ހަމަލާއެއް ޝެފީލްޑުގެ ކީޕަރު ދިފާއުކުރުމުން އޭގެ ފައިދާނަގާ ރޮބާޓް ފިރްމީނޯ ކާމިޔާބުކުރި ލަނޑެކެވެ. ލިވަޕޫލުން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ.

މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މާނޭ ހުރަސްކޮށްދިން ބޯޅައަކުން ޑިއޮގޯ ޖޮޓާ އެވެ. އޭނާ މި ގޯލު ޖެހީ ބޮލުންނެވެ.

ލިވަޕޫލުން އެންމެފަހުން ލީގުގައި ކުޅުނު ދެ މެޗުން މޮޅުވެފައިނުވާއިރު މި މެޗު ކާމިޔާބުކޮށް އެ ޓީމު މިހާރު ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު ހަ މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންދާ އެވަޓަން ތާާވަލުގެ އެއްވަނައިގައި މިހާރު އޮތްއިރު ޝެފީލްޑު ޔުނައިޓެޑް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ކުޅުނު ހަ މެޗުން އެއް ޕޮއިންޓު ހޯދައިގެންނެވެ.