ފްރެންޗް ލީގުގައި ޑިޖޮން އަތުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ފަސޭ މޮޅެއް ހޯދައިފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ޕީއެސްޖީއަށް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދާދި ފަހުން އެވަޓަނުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއާ ގުޅުނު އުމުރުން 20 އަހަރުގެ ފޯވާޑް މޮއިސް ކީނެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ކީން ވަނީ އިތުރު ލަނޑެއް ޖަހާ ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ. މީގެއިތުރުން ކީން އަށް ވަނީ ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްވެފައެވެ.

ޕީއެސްޖީގެ ތިންވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ތަރި ކީލިއަން އެމްބާޕޭއެވެ. އަދި އޭގެ ހަ މިނެޓު ފަހުން އެމްބާޕޭ ވަނީ ޕީއެސްޖީގެ ހަތަރުވަނަ ލަނޑުވެސް ޖަހާފައެވެ. ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް މި މެޗުގައި ޕީއެސްޖީއަށް ތަނަވަސްވެގެންދިޔަ އިރު މި މެޗުގައި ޑިޖޮން އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު އަށް މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ލިލް އޮތީ ކުޅުނ ހަތް މެޗުން ލިބުނު 17 ޕޮއިންޓާއެކުގައެވެ.