ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިން ޤައުމީ ޓީމުގެ ކުޅުންތެރިޔާ ސެޒާ އަޒްޕިލިކުއެޓާގެ ކަރުގައި މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ އަތް އޮޅާފައި އޮތްގޮތުން ސިފަވީ ރެސްލިން މެޗެއްގައި ހަލްކް ހޯގަން އާންމުކޮށް އަތްއޮޅާފައި އޮންނަ ގޮތް ކަމަށް ޕެޓްރިސް އެވްރާ ބުނެފިއެވެ.

މީގެކުރިން ޔުނައިޓެޑަށް ކުޅުނު އެވްރާ މިހެން ބުނެފައިވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީއާއި ދެކޮޅަށް ޔުނައިޓެޑު ކުޅުނު މެޗުގައި ހިލޭޖެހުމެއް ނެގި ވަގުތު އަޒްޕިލިކުއެޓާގެ ކަރުގައި އަތް އޮޅައިގެން އޮތުުމުންނެވެ. މި މައްސަލައިގައި ޗެލްސީން މައްސަލަ ޖެއްސި ނަމަވެސް ރެފްރީ ނިންމީ އެއީ ފައުލެއް ނޫން ކަމަށެވެ.

އެއާއެކު ގިނަބަޔަކު ވަނީ އެ މެޗުގެ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މި މައްސަލައިގައި އެންމެ ފަހުން ބަސް ބުނި އެކަކީ އެވްރާއެވެ.

"އަހަރެން ވަރަށް ގިނައިން ރެސްލިން މެޗުތައް ބަލާ އުޅެން، އަހަންނަށް މެގުއާ ސިފަވީ ހަލްކް ހޯގަން ހެން، އެއީ ހަމަ ސީދާ ޕެނަލްޓީއެއް، ދެން އޮތީ ވީއޭއާރު، އޭގެ ވާހަކަ މުޅި ދުވަހުވެސް ދެއްކިދާނެ" ނިންމުމަށް ފާޑުކިޔާ އެވްރާ ބުންޏެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޕީއެސްޖީ އަތުން ހޯދި މޮޅަށްފަހު ކުޅުނު މި މެޗުގައި މެގުއާ އަށް ފުރުސަތު ދީފައިވާއިރު ގިނަ ބަޔަކު ދަނީ މެގުއާގެ ކުޅުމަށް ފާޑުކިޔަމުންނެވެ. މީގެކުރިންވެސް މެގުއާގެ ފަރާތުން މިފަދަ ކަންކަން ފެނުނެވެ. މި މައްސަލައިގައި އެންމެ ބޮޑަށް ކެކިގަތީ ޗެލްސީގެ ސަޕޯޓަރުންނެވެ. ސޯޝަލް މީޑިއާގައި ޔުނައިޓެޑާއި މެގުއާގެ އިތުރުން މެޗު އޮފިޝަލުންނަށް އަމާޒުކޮށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުކުރަމުންނެވެ.

ޗެލްސީގެ އިތުރުން ޔުނައިޓެޑުގެ ގިނަ ސަޕޯޓަރުންވެސް ދަނީ މެގުއާގެ ފަރާތުން ފެންނަ ދަށް ކުޅުމާއި ގުޅިގެން އޭނާ އަތުން ކެޕްޓަން ބޭންޑު ނެގުމަށް ގޮވާލަމުންނެވެ. ނަމަވެސް މި ފާޑުކިޔުންތަކަށް ޔުނައިޓެޑުން އަދި ޖަވާބެއް ނުދެއެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަންކާ

    ގޭންގް ސްޓާ އެކޭ ހަމަޖެހިބެ

    11
    2
  2. ކޯވިޑް-19

    ބުރޯ މަމިހުރީ ހަމައިގައޭ 😂🤣😆

    3
    5